ދެ ރޮނާލްޑޯގެ ތެރެއިން އެންމެ މޮޅީ ބްރެޒިލް ރޮނާލްޑޯ!

ބްރެޒިލް ލެޖެންޑް ރޮނާލްޑޯ(ކ) އަދި ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ(ވ) ---

އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ރޮނާލްޑޯގެ ތެރެއިން އެއް ރޮނާލްޑޯ ނެގުން ސަޕޯޓަރުންނަށް ވެފައި ވަނީ ވަރަށް ވެސް އުނދަގޫ ކަމަކަށް ވެފަ އެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑްގެ ސްވިޑަން ތަރި އަށް ބްރެޒިލް ލެޖެންޑް ރޮނާލްޑޯ އާއި ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާ ނެގުން އުނދަގުލަކަށް ވެފައެއް ނުވެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އެތަކެއް ކާމިޔާބީތަކެއް ހޯދަމުންދާ އިރު، ބްރެޒިލް ލެޖެންޑް ރޮނާލްޑޯ އަކީ ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އިބްރަހިމޮވިޗް ދެކޭ ގޮތުގައި، އެ ދެ ރޮނާލްޑޯގެ ތެރެއިން އެންމެ މޮޅު ރޮނާލްޑޯ އަކީ ބްރެޒިލްގެ ރޮނާލްޑޯ އެވެ.

އިބްރަހިމޮވިޗް ވަނީ އޭސީ މިލާނާއި، އިންޓަ މިލާނާއި، ބާސެލޯނާ އަދި ރެއާލް މެޑްރިޑަށް ކުޅުނު ބްރެޒިލް ލެޖެންޑް ރޮނާލްޑޯ އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ(ކ) އާއި މެންޗެސްޓާ ޔުނައިޓެޑްގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް(ވ) ---

"އަހަރެން ދެކެނީ ބްރެޒިލްގެ ރޮނާލްޑޯ އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް. އޭނާ އަކީ ފުޓްބޯޅައިގައި މިސާލެއް. އޭނާ ކުރި ހުރިހާ ކަމަކީ ވެސް ހައިރާންކަން ލިބޭ ކަންތައްތައް. އޭނާގެ ކޮއްޓުމުގެ ހުނަރާއި، ދުވުމުގެ ހުނަރު ވަރަށް މޮޅު. އޭނާ އުފަންވީ އެ ފެންވަރުގެ ކުޅުންތެރިޔަކަށް ވާން. އެއީ އުފެއްދޭނެ ފެންވަރުގެ ކުޅުންތެރިއެއް ނޫން. އެއީ ތަފާތު ކުޅުންތެރިއެއް،" އީއެސްޕީއެން ބްރެޒިލް އަށް ދިން އިންޓަވިއެއްގައި އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ބުނީ، ބްރެޒިލް ލެޖެންޑް ރޮނާލްޑޯއާ ހިލާފަށް ކްރިސްޓިއާނޯ އަކީ މަސައްކަތުން ހުނަރު ހޯދި ކުޅުންތެރިއެއް ކަމަށެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު އެއް ޓީމަކަށް އަހަރެން ނުކުޅެން. އޭނާގެ ތަފާތަކީ ވަރުގަދަ ޓްރެއިނިންތަކުގެ ނަތީޖާ. އެއީ ގަދައަޅައި މަސައްކަތްކޮށްގެން ހޯދުނު ހުނަރެއް،" އިބްރަހިމޮވިޗް ބުންޏެވެ.

ސްވިޑަން ތަރި އިބްރަހިމޮވިޗް(ކ) އާއި ބާސެލޯނާގެ ލެޖެންޑް ރޮނާލްޑީނިއޯ(ވ) ---

އިބްރަހިމޮވިޗް ވަނީ ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯގެ އިތުރުން ބާސެލޯނާގެ ލެޖެންޑް ރޮނާލްޑީނިއޯ އަށް ވެސް ތައުރީފް ކޮށްފަ އެވެ. އިބްރަހިމޮވިޗް ބުނީ، ރޮނާލްޑޯނިއޯ އަކީ ވެސް ވަރަށް ތަފާތު ކުޅުންތެރިއެއް ކަމަށާއި ރޮނާލްޑީނިއޯ ބޯޅަ ހިފައިގެން ދާއިރު އިދިކޮޅު ކުޅުންތެރިން ސިފަވަނީ ކުޑަކުދިންގެ ގޮތުގައި ކަމަށެވެ.

comment ކޮމެންޓް