ފޯލްކްސްވާގެންގެ ކާރުޚާނާއެއް ސްރީލަންކާގައި އަޅަނީ

ފޯލްކްސްވާގެންގެ ކާރުޚާނާއެއް --

ކާރު އުފައްދާ، ދުނިޔޭގެ އެންމެ ބޮޑު ކުންފުނި ކަމުގައިވާ ޖަރުމަނުގެ ފޯލްކްސްވާގެން ކުންފުނީގެ ކާރުޚާނާއެއް ސްރީލަންކާގައި އަޅަން ތައްޔާރުވަމުން ދާކަމަށް އެ ގައުމުން ބުނެފި އެވެ.

ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނު ހަދާ މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރައްވާ މެމްމަރު ނަލިން ބަންޑާރަ ވިދާޅުވި ގޮތުގައި، ފޯލްކްސްވާގެން ކުންފުނިން ސްރީލަންކާގައި ގާއިމުކުރަނީ، ފޯލްކްސްވާގެންގެ ވެހިކަލް އެސެމްބްލީ ޕްލާންޓެކެވެ.

މި ޕްލާންޓު ގާއިމުކުރެވޭނީ ކުރުނޭގަލަ އަވަށުގެ ކުލިޔަޕިޓިޔަ ޓައުންގައި ކަމަށާއި ޕްލާންޓު ގާއިމުކުރުމުގެ މަސައްކަތްތައް، މި ފެށޭ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެކަންކަން ފައްޓަވައިދެއްވާނީ ބޮޑުވަޒީރު، އަދި ޔޫއެންޕީގެ ލީޑަރު ރަނިލް ވިކްރަމަސިންހަ ކަމަށެވެ.

ފޯލްކްސްވާގެންގެ ވެހިކަލް އެސެމްބްލީ ޕްލާންޓެއް ސްރީލަންކާގައި އެޅުމުގެ ހުއްދަ، ސްރީލަންކާގެ ބޯޑު އޮފް އިންވެސްޓްމެންޓްސް (ބީއޯއައި) އިން ދީފައި ވަނީ މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

އެއްބަސްވުމުގެ ދަށުން، ފޯލްކްސްވާގެން އިން ސްޜީލަންކާގައި އުފައްދާނީ 1،000 ސީސީއިން ފެށިގެން 2،000 ސީސީއާ ދެމެދުގެ ކެޓެގަރީގެ ވެހިކަލެވެ. ފަސިންޖަރުން އުފުލާ ކާރާއި އެސްޔޫވީ، އެމްޔޫވީ އަދި އެހެނިހެން ކޮމާޝަލް ވެހިކަލްސް ފޯލްކްސްވާގެންއިން އުފައްދާނެ އެވެ.

އެ އެއްބަސްވުމުގައި ވާގޮތުން، ވެހިކަލް އުފައްދާތާ ފުރަތަމަ ތިން އަހަރު، އެތަކެތި މާކެޓު ކުރެވޭނީ ސްރީލަންކާ އަށް އެކަންޏެވެ. ތިން އަހަރަށް ފަހު، ބޭރުގެ މާކެޓުތަކަށް ކާރު އެކްސްޕޯޓު ކުރުމުގެ ހުއްދަ، ފޯލްކްސްވާގެންއަށް ލިބޭނެ އެވެ.

ފޯލްކްސްވާގެންގެ ކާރުޚާނާ ގާއިމުކުރުމަކީ ސްރީލަންކާ އަށް އަންނަ 26.5 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެކެވެ. އޭގެ ތެރެއިން 21.5 މިލިޔަން ޑޮލަރު އިންވެސްޓް ކުރެވޭނީ ފުރަތަމަ ދެ އަހަރު ތެރޭގައި އެ ޕްލާންޓުގައި ގާއިމުކުރާ ހަރު މުދަލަށެވެ.

އަންނަ އަހަރުގެ ތެރޭގައި ސްރީލަންކާގެ އެކި ހިސާބުތަކުގައި ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން އެކި ކަހަލަ ކާރުޚާނާތައް އަޅައިގެން އެތަންތަނުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، އިޓަލީގެ އިންވެސްޓަރަކާ ގުޅިގެން އަންނަ އަހަރު ކޮލޮމްބޯއާ ދާދި ކައިރީގައި ހުޅުވާ ކާރުޚާނާއެއްގެ ސަބަބުން 3،000 މީހުންނަށް ވަޒީފާގެ ސީދާ ފުރުސަތުތައް ލިބޭނެ އެވެ.

comment ކޮމެންޓް