ރާއްޖޭގައި އެހެން ދީނަކަށް ނޫޅެވޭތީ ބައެއް ފަރާތްތަކުން ރާއްޖެއާމެދު ތަފާތުކުރުން ގެންގުޅޭ: ރައީސް

ރައީސް ޔާމީން ހަފްލާއެއްގައި ވާހަކަ ދައްކަވަނީ --- ފައިލް ފޮޓޯ

ރާއްޖޭގައި ހުރިހާ ދީނަކަށް އުޅުމުގެ މިނިވަންކަން ނެތީތީ، ރާއްޖެއާ ދޭތެރޭ ބައެއްފަރާތްތަކުން ބައެއް ކަންކަމުގައި ތަފާތުތައް ގެންގުޅެމުންދާ ކަމަށާއި އެއީ ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.

އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި، ރާއްޖޭގެ ރައްޔިތުންނަކީ، ހަމައެކަނި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އަގީދާގައި ފައިތިލަ ސާބިތުކޮށްގެންތިބި ބަޔަކަށްވާތީ، އެއީ ރާއްޖެއާ ދޭތެރޭ ބޭރުގެ ބައެއް ފަރާތްތަކުން ވަރަށް ކަންބޮޑުވާ މައްސަލައަކަށް ވެފައިވާކަން ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިތާބުގައި ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް އެއްވެސް ޖާގައެއް ނޯންނާނެކަމަށާއި، ބޭރުން ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރުވި ކަމުގައި ވިޔަސް، ދިވެހިން ތިބޭނީ އިސްލާމްދީނުގެ މަތިވެރި އަގީދާގެ މަތީގައިކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ދިވެހިރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ސިއްރަކީ، އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ލިބިފައިވުން ކަމަށާއި، އިސްލާމީ މުޖްތަމައެއްގައި އެންމެބޮޑު އިސްކަމެއްދެނީ ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ މުޖްތަމައުގެ މަސްލަހަތައްކަމުގައި ވިދާޅުވި އެވެ.

އެ ޚިތާބުގައި، މުޖުތަމައުގެ މަސްލަހަތު ރައްކާތެރި ކުރެވޭނީ، އެ މުޖުތަމައެއްގެ އަފްރާދުންގެ ހައްގުތައް ރައްކާތެރި ކުރެވިގެންކަމަށާއި، ދިވެހިންނަކީ އެއްދީނަކަށް ތަބާވެގެންތިބި އެއްބަހަކުން ވާހަކަދައްކާ މުސްލިމުންކަމުގައި ވީހިނދު، ދިވެހިންގެ މެދުގައި އޮންނަންވާނީ އުޚުއްވަތްތެރިކަމުގެ ވަރަށް މަތިވެރި ގުޅުމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު ދިވެހިންގެ ދީނީ އަގީދާ ބަލިކަށިކޮށްލައި، ރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެންދީނަކަށް ފުރުސަތުދޭން ކުރަމުންގެންދާ މަސައްކަތްތަކާމެދު އިތުރަށް ހޭލުންތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތިގައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ.

comment ކޮމެންޓް