ގެއެއްގެ ކޮޓަރިތެރޭގައި ތާށިވެފައި ހުރި މާބަނޑު އަންހެނަކު އެމްއެންޑީއެފް އިން ސަލާމަތްކޮށްދީފި

މާބަނޑު އަންހެންމީހާ ތާށިވި ގޭގެ ބެލްކަނީގެ ބައެއް ވެއްޓިފައި ---- ސަން ފޮޓޯ: އަހުމަދު ޝަރުވާން

މާލޭގެ ގެއެއްގެ ކޮޓަރިތެރޭގައި ތާށިވެފައި ހުރި މާބަނޑު އަންހެނަކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ސަލާމަތްކޮށްދީފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ސަން އަށް ވިދާޅުވީ ހ. ސީ ސްޕީޑު ގޭގެ ތިން ވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި މާބަނޑު އަންހެންމީހާ ތާށިވީ ލަކުޑިން ހަދާފައި ހުރި ބެލްކަނީގެ ބައެއް ކޮޓަރި ތެރެއަށް ވެއްޓުމުގެ ސަބަބުން ކަމަށެވެ.

މިއަދު ހެނދުނު 10:00 ހާއިރު އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުން ގޮސް އެ އަންހެންމީހާ ސަލާމަތްކޮށްދީފައިވާ ކަމަށާއި އޭނާ އަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އާޒިމް ވިދާޅިވިއެވެ.

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސަން އަށް ވިދާޅުވީ އެ މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ޓީމެއް އެގެއަށް ފޮނުވައިގެން އެ މައްސަލަ ބަލާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ބެލްކަނީ ވެއްޓުން ފަދަ ކަންތައް ދިމާވަނީ ގޭގެ ވެރިފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ އިހުމާލުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އެގޭގެ ބެލްކަނީ ވެއްޓުނު މައްސަލަ ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަންގެ ނޫސްވެރިން އެ ސަރައްދަށްގޮސް ބެލިއިރު ބެލްކަނީގެ ފެންވަރު ވަރަށް ދަށް ކަމަށް ފާހަގަކުރެވުނެވެ.

comment ކޮމެންޓް