ތިނަދުއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި

ތިނަދޫގައި ޕަމްޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ އެމްއެންޑީއެފް

ގދ. ތިނަދޫ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެރަށުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެސްއޭ ގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ހެނދުނު ކުރި ޓުވީޓުގައި ހިމަނާފައިވާ ފޮޓޯތަކަށް ބަލާއިރު އެމްއެންޑީއެފުން އަންނަނީ އެރަށުގައި ހެދިފައިވާ ފެންގަނޑު ހިންދުމަށް ޕަމްޕު ޖައްސައިގެން މަސައްކަތް ކުރަމުންނެވެ.

އޭގެ އިތުރުން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖައްސައި، އާންމު ރައްޔިތުން ދިރިއުޅޭ ގެތަކަށް ފެންވަނުމުން ލިބިދާނެ ގެއްލުމަކުން ސަލާމަތްކޮށްދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެރަށު ކައުންސިލްގެ ރައީސް އަހުމަދު ނަސީރު ސަން އަށް ވިދާޅުވީ، ރެއިން ފެށިގެން އެރަށަށް ބޯކޮށް ވާރޭވެހެމުން އަންނަ ކަމަށެވެ. ނަމަވެސް ގަދަ ވިއްސާރައިގެ ސަބަބުން އެއްވެސް ގެއަކަށް ނުވަތަ މީހެއްގެ މުދަލަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް ވެސް މިހާރު ބޯކޮށް ވިއްސާރަ ކުރަމުން އަންނަ އިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިހާރު ކުރަމުން މިދަނީ އިރުވައި މޫސުމުގެ ވިއްސާރަ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށާއި، ކަނޑުތައް ގަދައިރު މޫސުމަށް ބަލައިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްގެން ދަތުރު ކުރުމަށް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ.

comment ކޮމެންޓް