ރޮނާލްޑޯ ހޯދަން ޗައިނާގެ ކްލަބަކުން ރިކޯޑް ފީ އެއް ހުށަހަޅައިފި

މިއަހަރުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު ރޮނާލްޑޯ. މިއީ އޭނާ މި އެވޯޑް ހާސިލްކުރި ހަތަރު ވަނަ ފަހަރު - ފީފާ ފައިލް ފޮޓޯ

ޕޯޗުގަލްގެ ރެއާލް މެޑްރިޑް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމަށް ޗައިނާގެ ސްޕަލީގްގެ ކްލަބަކުން ދުނިޔޭގެ ރެކޯޑް ފީ އެއް ހުށަހަޅައިފި ކަމަށް އެނާގެ އެޖެންޓް ޖޯޖް މެންޑެސް ބުނެފިއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރީ 89 މިލިއަން ޕައުންޑަށް އިޓަލީގެ ޔުއެންޓަސްއިން މެންޗަސްޓާ ޔުނައިޓެޑަށް ބަދަލުވި ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާއެވެ.

ދާދި ފަހުން ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލެންޑިއޯ އެވޯޑް ހޯދި ރޮނާލްޑޯ ހޯދުމަށް ބިޑް ކުރި ކްލަބްގެ ނަން ހާމަކޮށްފައިނުވާއިރު މެންޑެސް ބުނީ އެ ކްލަބުން ރޮނާލްޑޯ ހޯދުމަށް 257 މިލިއަން ޕައުންޑް ހުށަހާޅާފައިވާ ކަމަށާއި މުސާރައިގެ ގޮތުގައި 85 މިލިއަން ޕައުންޑަށްވުރެން ބޮޑު އަދަދެއް ހުށަހެޅި ކަމަށެވެ.

"ނަމަވެސް ރުފިޔާ އަކުން ހުރިހާ ކަމެއް ހާސިލެއް ނުކުރެވޭނެ. ރޮނާލްޑޯ މިހާރު ކުޅެމުންދާ ރެއާލް މެޑްރިޑް ވަނީ އޭނާގެ ދިރިއުޅުމުގެ އެއްބައިގެ ގޮތުގައި ގުޅިފައި،" ރޮނާލްޑޯގެ ގާތް ރަހްމަތްތެރި އެއްގެ ގޮތުގައި ވެސް ހުރި މެންޑެސް ބުންޏެވެ.

ޗައިނާއިން ދަނީ ފުޓްބޯޅައިގެ އާ މާކެޓެއް އުފައްދަމުން ކަމަށާއި ވަރަށް ގިނަ ކުޅުންތެރިން ބޮޑު މުސާރައަކަށް ގެންދަމުންދާ ކަމަށް އޭނާ ބުންޏެވެ.

"ރޮނާލްޑޯއާ ހިސާބުން އެމީހުންގެ ވިޔަފާރި އެވަނީ މަޑުޖެހިފަ. ރޮނާލްޑޯ ގެންދަން ކުރި މަސަތްކަތް އެ ވަނީ ބޭކާރުވެފައި. ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެހެން ކަމުން އޭނާއަށް ވަރަށް ގިނަ އޮފާތަށް އަންނާނެ. އެއީ މައްސަލައެއް ނޫން،" މެންޑެސް ބުންޏެވެ.

ރޮނާލްޑޯ ވަނީ ދާދި ފަހުން ރެއާލް މެޑްރިޑްއާ އެކު ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރާ ހަމައަށް އިތުރުކޮށް ކުރިއަށް އޮތް 10 އަހަރު ވެސް ފުޓްބޯޅަ ކުޅެންމަތީ ދެމިހުރުމަށް އުންމީދު ކުރާކަމަށް ބުނެފައެވެ.

comment ކޮމެންޓް