ލަންކާ އެއާޕޯޓުން ފުރާ މީހުން، ފަސް ގަޑި އިރު ކުރިން ޗެކިން ވުމަށް އިލްތިމާސްކޮށްފި

ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި މި ފެށޭ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް ވަކި ގަޑިއެއްގައި އެއާޕޯޓު ބަންދު ކުރާތީ އެ އެއާޕޯޓުން ފުރާ ޕަސިންޖަރުން، ފްލައިޓު ޑިޕާޗާ ވަގުތުގެ ފަސް ގަޑި އިރު ކުރިން ޗެކިން ވުމަށް ސްރީލަންކަން އެއާލައިންސް އިން އިލްތިމާސްކޮށްފި އެވެ.

އެ އެއާލައިނުން ބުނި ގޮތުގައި މިގޮތަށް އިލްތިމާސްކުރީ، އެއާޕޯޓުގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގައި ކިއު ދިގުވެ ފްލައިޓުތައް ޑިލޭވެދާނެތީ އެވެ.

މީގެ އިތުރުން، ޑިޕާޗާ ގަޑީގެ 90 މިނެޓު ކުރިން ޗެކިން ކައުންޓަރުތައް ބަންދު ކުރާނެ ކަމަށާއި، އެހެން ކަމުން އޭގެ ކުރިން ޗެކިން ވުމަށްވެސް އެ އެއާލައިނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި، ހުރިހާ ޕަސިންޖަރުންވެސް، އެއާޕޯޓުގެ ކިއޮސްކް މެޝިން މެދުވެރިކޮށް އޮންލައިންކޮށް ޗެކިން ވުމަށް ވެސް އެ އެއާލައިނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކުރަނީ 2017 ޖެނުއަރީ ހަވަނަ ދުވަހުން ފެށިގެން އޭޕްރިލް ހަތްވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން ހަވީރު 4:30ގެ ނިޔަލަށެވެ. އެއީ ރަންވޭގެ މަރާމާތުގެ މަސައްކަތް ކުރުމަށް ހަތަރު ގަޑިއިރު، އަދި ރަންވޭގައި އަޅާ ތާރު ފަދަ ތަކެތި ހިއްކުމަށް ހަތަރު ގަޑިއިރެވެ.

ޖެނުއަރީން އޭޕްރީލްގެ ނިޔަލަށްވާ މުއްދަތުގައި، ހަވީރު 4:30ގެ ފަހުން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ކުރިޔަށް ދާނެ އެވެ. އެއާޕޯޓު ބަންދުކުރާތީ ގިނަ އެއާލައިންތަކެއްގެ ފްލައިޓު ޝެޑިއުލަށް ބަދަލެއް ގެންނަން ޖެހިފައިވާ އިރު، ގިނަ އަދަދެއްގެ ފްލައިޓުތައް ކެންސަލް ވެސް ކުރަންޖެހިފައިވެ އެވެ. އެގޮތުން، ރާއްޖެ އިން ލަންކާއަށް ކުރާ ދަތުރުތަކަށް ވެސް މިކަމުގެ އަސަރު ކުރެ އެވެ.

comment ކޮމެންޓް