އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

ޅިޔަން ބޭބޭފުޅުންނެވެ. އެހެންވީއިރު އެބޭފުޅުން ދެކެ ޖެހިލުންވެވަޑައިގަންނަވާނީ ކޮންފަދައަކުންތޯއެވެ. ޚުދު ޢަބްދުލްމަލިކުގެ ކުރިފުޅުމަތީގައިވެސް ޢުމަރު ވަނީ ބިރުފުޅެއްނެތި ޙައްޤުބަސް ވިދާޅުވެފައެވެ. ޢަބްދުލްމަލިކަކީ ބޮޑުބޭބޭފުޅެވެ. އެބޭބޭފުޅު ވެސް މެއެވެ.

އެއްފަހަރަކު ޢަބްދުލްމަލިކަށް ފޮނުއްވި ސިޓީފުޅެއްގައި ލިޔުއްވައިފައިވެއެވެ.

"ބޮޑުބޭބެއަކީ ބެލެހެއްޓެވުންތެރިޔަކީމުއެވެ. ކޮންމެ ބެލެހެއްޓުންތެރިޔަކާވެސް އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ބަޔަކާ ބެހޭގޮތުން ސުވާލުކުރެއްވޭނެއެވެ. އަނަސް ބުނު މާލިކު ރަޟިޔަﷲ ޢަންހު ވަނީ އަޅުގަނޑަށް މިޙަދީޘު ވިދާޅުވެދެއްވައިފައެވެ. މިއީ، އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އަޑުއައްސަވައިފައިވާ ޙަދީޘުފުޅެކެވެ. އެއްކައުވަންތަ މާތްﷲ ޤިޔާމަތްދުވަހުން ތިޔަ ހުރިހާ ބޭފުޅުން ޙާޒިރު ކުރައްވާނެއެވެ. މާތްﷲގެ ބަސްފުޅަށްވުރެ ތެދުކަން ބޮޑީ ކާކުގެ ބަހެއްތޯއެވެ؟"

ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ މިސިޓީފުޅުގެ މަޤްޞަދަކީ ކޮންމެ މީހަކަށްވެސް އެމީހަކު ކުރި ޢަމަލެއްގެ ނަތީޖާ ދެކެންޖެހޭނެ ދުވަހެއް އަންނާނެ ވާހަކަ ވިދާޅުވުމެވެ. އެހެންކަމުން މިސިޓީފުޅުގައި ވިދާޅުވެފައި އެވަނީ "އޭ ޚަލީފާއެވެ! ހެޔޮ ޢަމަލުކުރައްވާށެވެ. ނުބައި ކަންތައްތަކުން ދުރުހެލިވެ ވަޑައިގަންނަވާށެވެ! މަނިކުފާނުގެ އިސްތަށިފުޅުގައި އެޅިފައިވާ މަސްއޫލިއްޔަތު އަދާކުރައްވާށެވެ. މާތްﷲ އަށް ބިރުވެތިވެ ވަޑައިގަންނަވާށެވެ. ދީނުގައިވާ ގޮތަށް ރައްޔިތުންގެ ކަންތައް ބަލަހައްޓަވާށެވެ. އޭގެތެރެއިން އެންމެ މީހަކު މާތްﷲއަށް އުރެދުނުކަމުގައިވިޔަސް އެމީހަކާއެކު މަނިކުފާނާ ވެސް ސުވާލުކުރެއްވޭ ހުއްޓެވެ." މިފަދައިންނެވެ.

ޢުމަރު އެހެންމީހުނަށް މާތްﷲގެ ރަސްކަންފުޅަށް ބިރުވެތިވުމަށް ގޮވައިލެއްވީ އެބިރުފުޅު އެކަލޭގެފާނުގެ ނާރުފުޅުތަކުގައި ހިނގާ ލޭފޮދާއެކުވެފައިވާތީއެވެ. އެހެންކަމުން އެކަލޭގެފާނުގެ ހިތްޕުޅުގައި އެހެން އެއްވެސް ފަރާތަކަށް ބިރުފުޅުގެން ވަޑައިގަންނަވާނެ ޖާގައެއް ނުހުރެއެވެ.

ކުރީން ވެސް ދަންނަވައިފައިވާ ފަދައިން ވަލީދަކީ ވަރަށް މުރަނަ ޚަލީފާއެކެވެ. ޙައްޖާޖު ބުނު ޔޫސުފު ފަދަ ޖައްބާރަކު އެއްވެސް ގައިދެއްނެތި ދޫކޮށްލައްވައިފައި ބެހެއްޓެވި ބޭފުޅެކެވެ. ވަލީދު ބޭނުންފުޅުވީ ސުލައިމާނު ބުނު އަބްދުލްމަލިކުގެ ވަލީއަޙްދު ކަމުގެ ބައިޢަތު ފަސްޚު ކުރައްވައިފައި އޭނާ ބޭނުންފުޅު ފަރާތަކަށް ވަލީޢަހްދުކަން ދެއްވުމަށެވެ. ދައުލަތުގެ ބޮޑުންކުރެ އެތައްބަޔަކު ވަނީ ރުހުމާއި ނުރުހުމުގައި ވަލީދަށް ބޯލަނބައިފައެވެ. ވަލީދު، ޢުމަރުގެ އަރިހުގައިވެސް ސުލައިމާނުގެ ބައިޢަތު ފަސްޚު ކުރައްވަން ވިދާޅުވިއެވެ. ނަމަވެސް ޢުމަރު ކުޑަވެސް ބިރުފުޅެއްނެތި އެކަމާ އިންކާރު ކުރެއްވިއެވެ. ވިދާޅުވިއެވެ. "އަޅުގަނޑު ތިޔަ ދެބޭފުޅުންނަށް ބައިޢަތު ހިފީ އެއްފަހަރާއެވެ. (ބަނޫ އުމައްޔަތުގެ ޚަލީފާއިން އެއްފަހަރާ އެތައް ބޭފުޅުންނަކަށް ވަލީއަޙްދުކަން ދެއްވައެވެ. އެއްބޭފުޅަކަށްފަހު އަނެއް ބޭފުޅަކު ޚަލީފާކަމަށް ވަޑައިގަންނަވާ ގޮތަށެވެ.) އެހެންކަމުން މަނިކުފާނުގެ ބައިޢަތު ދަމަހައްޓައިފައި ސުލައިމާނުގެ ބައިޢަތު އުވައެއް ނުލެވޭނެއެވެ." އައްލާމާ ޖަލާލުއްދީން އައްސުޔޫޠީ ވިދާޅުވާގޮތުގައި ވަލީދު އެކަމާ ކޯފާވެގެން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ޖަލަށްވެސް ލެއްވިއެވެ. ނަމަވެސް އެތައް ބަޔަކު ސަކާކުރުމުން ޢުމަރު ދޫކޮށްލެއްވީއެވެ. ހަމައެފަދައިން ވަލީޢަހްދުކަން ބަދަލު ކުރެއްވުމުގެ ޚިޔާލުފުޅުވެސް ދޫކޮށްލެއްވިއެވެ. (ތާރީޚުލް ޚުލަފާއު)

ސުލައިމާނުގެ އަރިހުގައި

ވަލީދަށްފަހު ސުލައިމާނަށް ޚަލީފާކަން ލިބިވަޑައިގެންނެވުމުން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ސުލައިމާނުވެސް ސީދާމަގުން ކުރިޔަށް ގެންދަވަން ބާރުއަޅުއްވަމުން ގެންދެވިއެވެ. ސުލައިމާނުގެ ޣާފިލުކަމުން އޭނާ ހޭލެއްވެވިއެވެ. ކަތިފިޔަވަޅުތައް އިސްލާޙުކޮށް ދެއްވިއެވެ. ފަރުވާކުޑަ ކުރެއްވޭ ކަންތައްތައް ސަމާލުކަމަށް ގެނެސް ދެއްވިއެވެ. ޢުމަރުގެ އިލްމުވެރިކަމާއި ރައްޔިތުންގެ މެދުގައި ބަސްވިކޭލެއް ބޮޑުކަމުން ސުލައިމާނު ހުންނަވަނީ ވަރަށް ޖެހިލުންވެވަޑައިގެންފައެވެ. އެހެންކަމުން ޢުމަރު ބެހެއްޓެވީ "ވަޒީރެއްގެ މަޤާމުގައެވެ." ދެންނެވޭ ފަދަ ދަރަޖައެއްގައެވެ. ޢުމަރު އެކަލޭގެފާނުގެ ޝަޚްޞިއްޔަތު ސުލައިމާނަށް ދެއްކެވިގޮތް އެނގިވަޑައިގަންނަވާ ފަދަ ބައެއް ޙާދިޘާތައް މިތާގައި ނަކަލުކޮށްލުމަކީ އުފަލެއްކަމުގައި ދެކެމެވެ.

  1. އެއްފަހަރަކު ޚާރިޖީންގެ މީހެއް ސުލައިމާނަށް ވަރަށް ހުތުރު އެއްޗެހި ގޮވިއެވެ. އެމީހާއާމެދު ޢަމަލުކުރައްވާނެ ގޮތަކާމެދު ސުލައިމާނު ޢުމަރާ މަޝްވަރާކުރެއްވިއެވެ. ޢުމަރު ވިދާޅުވިއެވެ. މަނިކުފާނުވެސް ބޭނުންފުޅުނަމަ އޭނާއަށް އެއްޗެހި ވިދާޅުވާށެވެ.
  2. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަހިމަހުﷲގެ އަޅުންނާއި، ސުލައިމާނު ބުނު ޢބްދުލްމަލިކުގެ އަޅުންގެ މެދުގައި އެއްފަހަރަކު ތަޅާފޮޅުމެއް ހިނގިއެވެ. ގަދަވީ ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ އަޅުންނެވެ. އެޚަބަރު ލިބިވަޑައިގެންނެވުމުން އެކަމާ ބެހޭގޮތުން ސުލައިމާނު ޢުމަރާ ޝަކުވާކުރެއްވިއެވެ. ސުލައިމާނު ވިދާޅުވިއެވެ. "ކަލޭގެފާނުގެ އަޅުން އަޅުގަނޑުގެ އަޅުންގެ ގައިގައި ތެޅީ ކީއްވެގެންތޯއެވެ؟" ޢުމަރު ވިދާޅުވިއެވެ. "އަޅުގަނޑަށް ތިޔަ ޚަބަރު އިވުނީ މަނިކުފަނު ވިދާޅުވީމައެވެ." ޢުމަރު އެޖަވާބު ދެއްވުމުން ސުލައިމާނު ވިދާޅުވިއެވެ. "ތިޔަހެއްދެވީ އިތުރުފުޅެކެވެ."

އެއަޑު އިވިވަޑައިގެންނެވުމުން ޢުމަރު ވަރަށް ބޮޑަށް ކޯފާ އިސްވިއެވެ. ޢުމަރު ވިދާޅުވިއެވެ. "މަނިކުފާނު އަޅުގަނޑަކީ ދޮގުވެރިޔެކޭ ވިދާޅުވީތޯއެވެ؟ އަޅުގަނޑު ހަމަހޭޖެހުނު ފަހުން ދުވަހަކުވެސް ދޮގެއް ނަހަދަމެވެ. އަމީރުލްމުއުމިނީނެވެ! އަޅުގަނޑުގެ ވެރި ރަސްކަލާނގެ ބިން ވަރަށް ތަނަވަހެވެ. އެކަލާނގެ މަނިކުފާނާ ނުލައިވެސް އަޅުގަނޑަށް ފުއްދަވައިދެއްވައިފާނެއެވެ." އެހެންވިދާޅުވެފައި ތެދުވެވަޑައިގެންނެވިއެވެ. ޢުމަރު ޤަޞްދުކުރެއްވީ ދިމިޝްޤު ދޫކުރައްވައިފައި މިސުރަށް ވަޑައިގަންނަވާށެވެ. ސުލައިމާން އެތައް ވާހަކަފުޅެއް ދައްކަވައިގެން ޢުމަރުގެ ކޯފާ މަޑުކުރުއްވިއެވެ.

  1. އެއްފަހަރަކު ސުލައިމާނު ބުނު ޢަބްދުލްމަލިކު، ޢުމަރު ބުނު ޢަބްދުލްއަޒީޒު އިންނެވި ތަނެއްގައި ވިދާޅުވިއެވެ. މައިންބަފައިންގެ ތަރިކަޔަކުން އަންހެނުންނަކަށް ބަޔެއް ނުލިބޭނެއެވެ. ޢުމަރު ވިދާޅުވިއެވެ. "ޞުބްޙާނަﷲ އެވެ! ކީރިތި ޤުރްއާންކޮބައިތޯއެވެ؟"

ސުލައިމާނު އޭނާގެ އަޅަކަށް އެންގެވިއެވެ. "ޚަލީފާ ޢަބްދުލްމަލިކު އަންހެނުންނާ ބެހޭގޮތުން ލިޔުއްވައިފައިވާ ލިޔުއްވުންތައް ގެނެސްބަލާށެވެ." އެއަޑު އިވިވަޑައިގަތުމުން ޢުމަރު ވިދާޅުވިއެވެ. "މަނިކުފާނު ގެންނަވަން ތިޔަ އުޅުއްވަނީ ކީރިތި ޤުރްއާންތޯއެވެ؟" މިއީ މަލާމާތުގެ ޖުމުލައެކެވެ. އޭރު ސުލައިމާނުގެ ދަރިކަލުން އައްޔޫބުވެސް އެތާނގައި އިންނެވިއެވެ. ޢުމަރުގެ ވާހަކަފުޅު އިވިވަޑައިގަތުމުން އައްޔޫބު ކޯފާ އިސްވެ ރޫރޫ އެޅިއެވެ. އައްޔޫބު ވިދާޅުވިއެވެ. "އަމީރުލްމުއުމިނީންގެ ކުރިފުޅުމަތީގައި ތިޔަގޮތަށް ވާހަކަ ދައްކަވާނަމަ ފަހަރެއްގައި އިސްތަށިފުޅާ ހަށިކޮޅާ ވަކިކޮށްލެވިދާނެއެވެ." ޢުމަރު ވިދާޅުވިއެވެ. "މަނިކުފާނަށް ޚަލީފާކަން ލިބިވަޑައިގެންފިނަމަ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް ހިތާމަކުރަންޖެހޭނެއެވެ."

ސުލައިމާނަށް އެއަޑު އިވިވަޑައިގަތުމުން ދަރިކަލުންނަށް ކޯފާވިއެވެ. ވިދާޅުވިއެވެ. "ޢުމަރުގެ ކުރިފުޅުމަތީގައި ތިޔަގޮތަށް ވާހަކަ ނުދައްކާށެވެ." އުމަރު ޖަވާބުދެއްވިއެވެ. "މަނިކުފާނު ހިތާމަ ނުކުރައްވާށެވެ. އަޅުގަނޑުވެސް އޭނާއަށް ރަނގަޅު ފިލާވަޅެއް ދީފީމެވެ."

  1. ސުލައިމާނު ބުނު ޢަބްދުލް މަލިކު ޙައްޖަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި، ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ ވެސް ޙައްޖަށް ވަޑައިގެންނެވިއެވެ. ސުލައިމާނުގެ އަރިހުގައި ސުމާރެއް ނެތްހައިގިނަ މުދަލާއި ސާމާނު ހުއްޓެވެ. ގިނަ އަދަދެއްގެ ނޯކަރުން ތިއްބެވެ. ލަޝްކަރާއި އަސްކަރުއޮތެވެ. މަންޒިލަކަށް މަޑުކުރި ވަގުތަކު އެތަކެއްޗަށާއި މީހުނަށް ބައްލަވައިލެއްވެވުން ސުލައިމާނުގެ ހިތްޕުޅުގައި ބޮޑާފުޅުކަމުގެ ޖަޒުބާތު އުތުރިގަތެވެ. ޢުމަރަކީވެސް ޝާނާއި ޝައުކަތާއި ޖާހަށް ލޯބިކުރައްވާ ބޭކަލެއްކަން ސުލައިމާނު ދެނެވަޑައިގަންނަވައެވެ. އެހެންކަމުން ޢުމަރާ މުޚާޠަބުކުރައްވައި ސުވާލު ކުރެއްވިއެވެ. "މިހިރަހައި ސާމާނާއި މިތިބަހައި ނޯކަރުންނާއި ޢަސްކަރީންނާމެދު ވިދާޅުވަނީ ކީކޭތޯއެވެ؟" ޢުމަރު ޖަވާބުދެއްވިއެވެ. "ދުނިޔެ، ދުނިޔެ ކާލަން އުޅޭހެން އެބަހީވެއެވެ. މިހުރިހާ ތަކެއްޗާމެދު މަނިކުފާނާ ސުވާލު ވެވޭނެއެވެ." ޢުމަރު ދެއްވި ޖަވާބުން ސުލައިމާނުގެ ބޮޑާފުޅުކަން ވެއްޔާ މޮޑެވުނެވެ.
  2. އެއްފަހަރަކު މާބާރަށް ގުގުރާތީ އެންމެން ބިރުން އުޅޭން ފެށިއެވެ. ސުލައިމާނުވެސް ބިރުފުޅުން ޞަދަޤާތް ކުރެއްވުމަށްޓަކައި ޢުމަރުގެ އަރިހަށް އެއްލައްކަ ދިރުހަމް ފޮނުއްވިއެވެ. ޢުމަރު ވިދާޅުވިއެވެ. "ތިޔަށްވުރެ ކުރައްވަން މާރަނގަޅުކަމެއް އެބައޮތެވެ." ސުލައިމާނު ސުވާލުކުރެއްވިއެވެ. "އެއީ ކޮންކަމެއްތޯ އެވެ؟" ޢުމަރު ޖަވާބުދެއްވިއެވެ. "މަނިކުފާނު ނުޙައްޤުން ވެރިވެވަޑައިގެންފައިވާ އެހެންމީހުންގެ މުދާތައް އެމުދަލުގެ ވެރީންނަށް ރައްދުކުރައްވާށެވެ."
  3. އެއްފަހަރަކު ސުލައިމާނުގެ އަރިހުގައި ދަތުރުފުޅެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. ދެބޭފުޅުންނަށް ވާހަކަފުޅުގައި ތިއްބަވައިގެން ދަތުރުމަތީގެ ސާމާނުތަކާއި ލަޝްކަރާ ދުރަށް ކުރިއަށް ވަޑައިގެންނެވިއްޖެއެވެ. ދަތުރުފުޅުގެ މަންޒިލަށް ވަޑައިގެންފައި ބައްލަވައިލެއްވިއިރު ދެބޭފުޅުންގެ އެއްޗެހިކޮޅުތަކެއް ނާދެއެވެ. ކުރީން ސާމާނު ފޮނުވި މީހުންނަށް އެމީހުންގެ ތަކެތި ވަނީ ލިބިފައެވެ. އެތަން ފެނިވަޑައިގތުމުން ޢުމަރަށް ކީރިތިކުރެއްވިއްޖެއެވެ. ސުލައިމަނު އެކަމާ ސުވާލުކުރެއްވުމުން ވިދާޅުވިއެވެ. "މިގޮތަށް ޤިޔާމަތް ދުވަހުވެސް ދުރާލާ ސާމާނު ފޮނުވި ބަޔަކަށް އެބަޔެއްގެ ސާމާނު ލިބޭނެއެވެ. (ދުނިޔޭގައި ހެޔޮ ޢަމަލުކުރި ބަޔަކަށް ޙައްޤު ދަރުމަ އާއި ޘަވާބު ލިބޭނެއެވެ.) ނުފޮނުވާ ބަޔަކަށް އެކައްޗެއްވެސް ނުލިބޭނެއެވެ."

ޢުމަރުބުނު ޢަބްދުލްޢަޒީޒު – އަމީރުލް މުއުމިނީން

އުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ދީނީ ކަންކަމުގައި ސުލައިމާނަށް ބޭނުންތެރި މަޝްވަރާދެއްވަމުން ގެންދެވި ފަދައިން ދުނިޔަވީ ކަންތައްތަކުގައިވެސް އަތްބާރު އަޅުއްވައިދެއްވިއެވެ. ސިޔާސީ މުޢާމަލާތަކުގައި ނުހަނު ފައިދާހުރި ހަރުދަނާ ޚިޔާލުފުޅުތައް ދެއްވިއެވެ. ޢުމަރުގެ އިޚްލާޞްތެރިކަމާއި ދެއްވި އެހީފުޅުތަކަށްޓަކައި ސުލައިމާނުގެ ހިތްޕުޅުގައި ޝުކުރުވެރިވެވަޑައިގަތުމުގެ ޖަޒުބާތު އުފެދިފައިއޮތެވެ. ކުރީންވެސް ދެންނެވިފަދައިން ސުލައިމާނު، ޢުމަރަށް އިންތިހާ ދަރަޖަޔަށް ކަމޭހިތްތެވިއެވެ. އެއިޙްތިރާމުގެ ޖަޒުބާތުގައި ސުލައިމާނުކުރެއްވި އެންމެ ބޮޑު ހެޔޮކަމަކީ އޭނާ އަވަހާރަވުމުގެ އާލާސްކަންފުޅުގައި އުޅުއްވަމުން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެނާގެ ވަލީޢަހްދަކަށް ހަމަޖެއްސެވުމެވެ. ސުލައިމާނުގެ މި ލާމަސީލު ހެޔޮ ޢަމަލަކީ ޤިޔާމަތާއި ހަމަޔަށްވެސް މުސްލިމުންގެ ހެޔޮ ދުޢާތައް އޭނާއަށް ޙައްޤުވާފަދަ އައިތަވެރި ޢަމަލެކެވެ. އަރަހުށި މާތްﷲ ޞުލައިމާނު ބުނު ޢަބްދުލްމަލިކަށް ރަޙްމަތްލައްވާށިއެވެ. އާމީން

ވަލީޢަހްދުކަން

ހިޖްރައިން ނުވަދިހަ ނުވަވަނަ އަހަރު ސުލައިމަނު ބުނު ޢަބްދުލްމަލިކަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވުމުން އޭނާގެ ޤާއިމު މަޤާމަކަށް ހަމަޖައްސަވާނެ ބޭފުޅަކާމެދު ރަޖާއު ބުނު ޙަޔަވާތު ރަޙިމަހުﷲ އާ މަޝްވަރާކުރެއްވިއެވެ. ރަޖާއުއަކީ މަޝްހޫރު މުޙައްދިޘެކެވެ. ޞާލިޙު ޢިލްމުވެރިޔެކެވެ.

ސުލައިމާނު ރަޖާއުގެ އަރިހުގައި ވިދާޅުވިއެވެ. "އަހަރެންގެ ދަރިފުޅު އައްޔޫބު ވަލީޢަހްދަކަން ހަމަޖައްސަން ޤަޞްދުކުރަމެވެ. ކަލޭގެފާނުގެ ލަފާފުޅަކީ ކޮބައިތޯއެވެ؟" އޭރު އައްޔޫބަކީ ބާލިޣުވެވަޑައިނުގަންނަވާ ތުއްޕުޅު ބޭފުޅެކެވެ.

ރަޖާއު ޖަވަބުދެއްވިއެވެ. "އައްޔޫބަކީ ތުއްޕުޅު ބޭފުޅެކެވެ. ވަލީޢަހްދަކަން ޞާލިޙު، ރަނގަޅު ޝަޚްސިއްޔަތެއް ހަމަޖައްސަވާށެވެ. ކަށްވަޅުގައި އަމާންކަން ލިބިވަޑައިގަންނަވާނީ އޭރުންނެވެ."

ސުލައިމާނު ވިދާޅުވިއެވެ. "ކަލޭގެފާނުގެ މަޝްވަރާއާމެދު ވިސްނާނަމެވެ."

(ނުނިމޭ)

comment ކޮމެންޓް