ގާކޮށި، އަރަބިއްޔާ، ފުލެޓުގެ އަގަކީ ހަތަރު މިލިއަން، ދޫކުރީ އަގު ހެޔޮކޮށްފައި: ހައުސިން

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ފްލެޓްތައް -- ސަން ފޮޓޯ

އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމާއި ކުރީގެ ގާ ކޮށީގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކުރި ފްލެޓެއްގެ އަގަށް ހަތަރު މިލިއަން ރުފިޔާ ޖެހޭ ކަމަށާއި ސަރުކާރުން އޭގެ އަގު ދެބައިކުޅަ އެއްބައި ދަށްކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެގްރިމެންޓްގެ ދަށުން ފުލެޓުތުތައް ހަދަން ޓާޓާ ކުންފުންޏަށް ރަށެއް ދޭ އިރު ފުލެޓުތަކުން ވިޔަފާރި ކުރަން 50 އަހަރަށް ހިލޭ އެޕާޓްމަންޓްތައް ދޭން ޖެހޭ ކަމަށެވެ. އެއާ އެކު ފުލެޓުތަކުގެ އަގު ހަތަރު މިލިއަން ރުފިޔާއަށް އަރާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީކީ އެއް މިލިއަން 1.2 މިލިއަންގެ ފުލެޓެއް ނޫން، އެ ސަރުކާރުގެ ބައެއް އިސް މީހުން ރައްޔިތުންނަށް އޮޅުވާލުމަށް ޓަކައި އެބަބުނޭ މިއީ 1.2 މިލިއަންގެ ފުލެޓޭ، މިއީ ހަތަރު މިލިއަނަށް ވުރެ އަގު ބޮޑު ފުލެޓެއް،" އެމްޑީޕީ ސަރުކާރަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

އޭގެން ފުލެޓެއްގެ އަގު ހަތަރު މިލިއަނަށް އެރި ނަމަވެސް ސަރުކާރުން ވަނީ ފުލެޓެއްގެ އަގު ދެ މިލިއަނަށް ހެޔޮކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެފުލެޓުތަކުގެ ހުރިހާ ކަމެއް ކުރީ ރައީސް ނަޝީދުގެ ސަރުކާރުގައި ކަމަށްވުމުން ޒިންމާ ނަގަން ޖެހޭނީ އެ ސަރުކާރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އޮތީ އެގްރިމެންޓެއް ހުރިހާ ކަމެއް އޮތީ ކަނޑައެޅިފައި، މާކަބޮޑު ފުރުސަތެއްނެތް އެޔަށް ބަދަލު ގެންނާކަށް، އަޅުގަނޑުމެމްނަށް ބެލޭނެ އެންމެ ފުރިހަމައަކަށް ބަލާފައި ހުންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ފުލެޓުތަކަށް ދައްކަން ޖެހޭ ފައިސާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) މެދުވެރިކޮށް ދެއްކޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައި ކޮންޓްރެކްޓަރަށް ދައްކަން ޖެހޭ 278,145,960 ރުފިޔާ އެޗްޑީސީއަށް ވަނީ ދޫކޮށްފަ އެވެ.

ނާދީ އަދި އޯޑިއޯން ބިމުގައި އަޅަން ދިން ފުލެޓުތައް ބުނި މުއްދަތަށް ނުނިންމުމުން 90 ދުވަހުގެ ނޯޓިސް ދީފައިވާ އިރު އެ މުއްދަތުގައި ނުފަށައިފި ނަމަ އެއްބަސްވުން ބާތިލްކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް