އަލް ހިޖްރާއިން ހުޅުމާލޭގައި ޚާއްސަ ވޯކްޝޮޕަކާއި ދަރުހެއް ބާއްވަނީ

ހުޅުމާލޭގައި ދީނީ އަދި އިޖްތިމާއީ ހަރަކާތްތަކެއް ހިންގާ އަލް ހިޖްރާ ޖަމިއްޔާ އިން ޚާއްސަ ވޯކްޝޮޕަކާއި ދަރުހެއް ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވަމުން އެބަ ދެއެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން، އަލް ހިޖްރާ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވީ، "އިޢުލަމޫ"ގެ ނަމުގައި ކުރިޔަށް ގެންދަން ނިންމާފައިވާ ވޯކްޝޮޕު އޮންނާނީ 2016 ޑިސެމްބަރު 31 ވާ ހޮނިހިރު ދުވަހާއި 2017 ޖެނުއަރީ 1ވާ އާދީއްތަ އަދި ހޮނިހިރު ދުވަހު، ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 11:15 އަށް، އަދި މެންދުރު ފަހު 1:30 އިން 2:45 އަށް ކަމަށެވެ.

ހުޅުމާލޭ ޣާޒީ ސްކޫލުގައި ކުރިޔަށް ދާނީ މި ވޯކްޝޮޕުގެ މައުޟޫއަކީ ތައުހީދު އަދި ޝިރުކެވެ. ވޯކްޝޮޕްގައި ބައިވެރިވުމަށް 250 ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ އައްޝައިޚް (ނައިފަރު) މުހައްމަދު އިބްރާހީމެވެ.

އަލް ހިޖްރާއިން 2014 ވަނަ އަހަރު ވެސްް ވަނީ "އިޢުލަމޫ"ގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފަ އެވެ. މިއީ މި ވޯކްޝޮޕް ބާއްވާ ދެވަނަ އަހަރެވެ.

މީގެ އިތުރުން 2017 ޖެނުއަރީ އެއްވަނަ ދުވަހުގެ ރޭ، ޝައިޚް މުހައްމަދު އިބްރާހިމްގެ ދަރުހެއް ވެސް ހުޅުމާލޭގައި އޮންނާނެ ކަމަށް އަލް ހިޖްރާ ޖަމިއްޔާ އިން ބުނެ އެވެ. "ކުރިމަތިވާ މުސީބާތްތައް ހެވަކަށް ވެދާނެ ހެއްޔެވެ؟" މި މައުޟޫޢަށް ކުރިޔަށްދާ ދަރުސް އޮންނާނީ އެރޭ 8:30ގައި، ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

ހުޅުމާލޭގައި ދީނީ އަދި އިޖްތިމާއީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާ އަލް ހިޖްރާ ޖަމިއްޔާއަކީ 2007 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ. ޖަމިއްޔާގެ ހަރަކާތްތައް، ިހަރަކާތްތެރިކަމާ އެކު ހިންގަން ފަށާފައި ވަނީ، 2011 ވަނަ އަހަރުން ފެށިގެންނެވެ.

އެގޮތުން، ކޮންމެ ރަމަޟާން މަހަކު ހުޅުމާލޭގައި ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން، "ސެޓް ޔޯ ގޯލް"ގެ ނަމުގައި ރޯޑްޝޯތަކެއް ވެސް އަލް ހިޖްރާއިން ކުރިޔަށް ގެންދެ އެވެ.

comment ކޮމެންޓް