ނައިފަރަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ

މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:39 ހާއިރު އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑުގެ ލޯންޗެއްގައި ދިޔަ ހިއްކާ ޕަމްޕާއި ޑައިވަރުންގެ ޓީމަކާއެކު އެ ސަރަހައްދަށްގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.

އެ ދޯނި ކައިރިއަށް އެމްއެންޑީއެފް ކޯސްޓްގާޑު ލޯންޗު ދިޔައިރު، ދޯނި ވަނީ އެއްކޮށް އަޑިއަށް ގޮސްފައި ކަމަށާއި އެ ދޯނީގައިތިބި މީހުން މާލެ ގެނައުމަށް ކޯސްޓްގާޑުން މިހާރު ދަނީ ދަތުރުކުރަމުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެހާދިސާގައި ދިޔަވެފައިވަނީ ދިގުމިނުގައި 95 ފޫޓު ހުރި "ވިލު 2" ނަމަކަށްކިޔާ ދޯންޏެކެވެ. އެ ދޯނި ދިޔަވެ، އަޑިއަށް ގޮސްފައިވަނީ ކ.ކަގި ކައިރިއަށެވެ.

އެމްއެންޑީއެފް އިން ބުނީ ހިލަ އާއި ހިލަވެލި ބަރުކޮށްފައި އޮތް އެ ދޯނި ފެންމަތިކުރުމުގެ މަސައްކަތް، ދޯނީގެ ވެރިފަރާތާ ގުޅިގެން ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ. ހާހާދިސާ ހިނގި އިރު ދޯނީގައި ފަސް މީހަކު ތިއްބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ހަތަރު ބިދޭސީން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ދޯނި އަޑިއަށް ދިޔުމާ އެކު، ދޯނީގައި ތިބި މީހުން ވަނީ ކައިރީގައި އޮތް ފަރުމައްޗަށް އަރާފައެވެ. އެ ހާދިސާގައި، ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް