އިތުރު 40 ރަށަކަށް އުރީދޫ 4ޖީ ޕްލަސް، ޖެނުއަރީ 15 ގެ ކުރިން މުޅި ރާއްޖެއަށް!

4ޖީ ޕްލަސްގެ ޚިދުމަތް ފުޅާކުރީ ރ، ބ، ޅ. ކ، އއ، އދ އަދި ދ. އަތޮޅަށް-- ފޮޓޯ/ އުރީދޫ

އުރީދޫއިން އިތުރު 40 ރަށަކަށް އުރީދޫ 4ޖީ ޕްލަސްގެ ޚިދުމަތް ފުޅާކޮށްފި އެވެ.

އުރީދޫ މޯލްޑިވްސްއިން މައުލޫމާތު ދޭ ގޮތުގައި، 4ޖީ ޕްލަސްގެ ޚިދުމަތް ފުޅާކުރީ ރ، ބ، ޅ. ކ، އއ، އދ އަދި ދ އަތޮޅަށެވެ.

އދ. ދަނގެތީގައި މިއަދު ވަނީ، މިކަން އިއުލާން ކުރުމަށް ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ.

އުރީދޫއިން ބުނީ، އެ ކުންފުނީގެ އަމާޒަކީ މި ފެށޭ 2017 ވަނަަ އަހަރުގެ ޖެނުއަރީ މަހުގެ 15 ގެ ކުރިން މުޅި ރާއްޖެއަށް 4ޖީ ޕްލަސް ޚިދުމަތް ފުޅާކުރުން ކަމަށެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި ގޮތުގައި ރާއްޖެއަށް 4ޖީ ޕްލަސްީ ފުޅާކުރުމަކީ އުރީދޫއިން ރާއްޖޭގައި މިއަހަރު ކުރި އެންމެ މުހިންމު އެއް އިންވެސްޓްމެންޓެވެ. އަދި ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށްޓަކައި އުރީދޫގެ އެއްބާރުލުމުގެ ދަށުން ރައްޔިތުންނާއި ވިޔަފާރިތަކުގެ ކުރިއެރުމަށް ބޭނުންވާ ރަނގަޅު ނެޓްވޯކެއް ގާއިމުކުރުމަކީ އުރީދޫގެ އަމާޒުކަމަށް ވިކްރަމް ވިދާޅުވިއެވެ.

"2017 ގެ ޖެނުއަރީ މަހުގެ މެދުތެރޭގައި، 4ޖީ ޕްލަސް ނެޓްވޯކުގެ ހަލުވި ދުވެލިން މުޅި ރާއްޖެ ގުޅުވައިދިނުމަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން،" ވިކްރަމް ވިދާޅުވިއެވެ.

އުރީދޫއިން މައުލޫމާތު ދޭ ގޮތުގައި، 4ޖީ ޕްލަސްއާ އެކު ހަލުއި ދުވަލީގައި އިންޓަނެޓުގެ ޚިދުމަތް ލިބި، އިންޓަނެޓަށް އިތުރު ފުރިހަމަކަމެއް ލިބޭނެއެވެ. އެގޮތުން ޑޭޓާ އިންޓެންސިވް ވިޔަފާރީގެ އެޕްލިކޭޝަންތަކާއި މަލްޓިމީޑިއާ އެޕްލިކޭޝަންތައް ފަސޭހަކަމާ އެކު ބޭނުންކުރެވި، ބޮޑެތި ފައިލްތައް އެއްފަހަރާއި ޑައުންލޯޑްކޮށް، ރިއަލް ޓައިމް ވީޑިއޯ ކޮންފަރެންސާއި އޮންލައިން ސްޓްރީމިންގް ފަސޭހަވެ، އެންމެ ހައި ޑެފިނިޝަންގައި އޮންލައިން ގޭމް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ 4ޖީ ސިމްކާޑެއް ލައްވާފައިވާ 4ޖީ ޕްލަސް ފޯނެއް ބޭނުންކޮށްގެން، އިތުރު އަގަކާ ނުލައި 4ޖީ ޕްލަސް ނެޓްވޯކަށް ކަނެކްޓް ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް