ރީޖަނަލް އެއާޕޯޓްސްއަށް ލިބެންޖެހޭ 32 މިލިޔަން ރުފިޔާ ނުލިބި

ރީޖަނަލް އެއާޕޯޓްސްއިން ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު -- ސަން ފައިލް ފޮޓޯ

ޓުއަރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ރީޖަނަލް އެއާޕޯޓްސްއަށް ލިބެންޖެހޭ 32 މިލިޔަން ރުފިޔާ ނުލިބޭ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބުނާ ގޮތުން، ދައުލަތުގެ ތަންތަނުން ކުރާ މަސައްކަތަށް، ދޭ ޚިދުމަތަށް ނުވަތަ ވިއްކާ އެއްޗެއްގެ ފައިސާ، އެކަމެއް ނިމޭތާ މަސް ދުވަސް ތެރޭގައި ހޯދަން ޖެހެއެވެ.

އޮޑިޓަރ ޖެނެރަލް މިހަފްތާގައި ނެރުއްވި ޓުއަރިޒަމް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ، ރީޖަނަލް އެއާޕޯޓްސްއަށް ލިބެން ޖެހި، ނަމަވެސް ނުލިބިވާ ޖުމްލަ ފައިސާގެ 80 ޕަސަންޓު ފައިސާ ނުލިބޭތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެއީ 32،258،125 ރުފިޔާއެވެ.

އޮޑިޓު ރިޕޯޓުގައި ބުނީ، އޭގެ ތެރެއިން ގިނަ ފައިސާއަކީ، އައިލެންޑް އޭވިއޭޝަން ސާވިސެސްއިން ދައްކަންޖެހޭ ފައިސާ ކަމަށެވެ.

އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައި ވަނީ، ކުރިޔަށް އޮތް ތަނުގައި، މިނިސްޓްރީން ދޭ ޚިދުމަތްތަކުގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ހޯދުމަށެވެ. އަދި މިހާތަނަށް ނުލިބި އޮތް ފައިސާ، ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ހޯދުމަށް ވެސް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވެއެވެ.

މީގެ އިތުރުން، އޮޑިޓު ރިޕޯޓުގައި، ފައިސާ ނުލިބި އޮއްވާ 11 ރަށަކަށް މިނިސްޓްރީން ޚިދުމަތް ދީފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ލިޔެކިޔުންތައްް ރަނގަޅަށް ބަލަަހައްޓާފައި ނުވާތީ، އެ ރަށްރަށުން ލިބެންޖެހޭ ފައިސާގެ އަދަދާއި، ލިބުނު ފައިސާގެ އަދަދާއި މިހާތަނަށް ފައިސާ ލިބުނުތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރެވިފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ޓުއަރިޒަމް މިނިސްޓްރީން ފައިސާގެ ހިސާބުތައް ބަލަހައްޓައި، ރަސީދު ހަދަން ބޭނުން ކުރަނީ މައިކްރޯސޮފްޓް އެކްސެލް ކަމަށާއި، އެކްސެލްއަކީ ބޭނުން މީހަކަށް ބޭނުން ވަގުތަކު ބޭނުން ބަދަލެއް ގެނައުމުގެ ފުރުސަތު ދޭ ޕްރޮގްރާމެއް ކަމުން އެކަމުގެ ކަންބޮޑުވުންތައް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

comment ކޮމެންޓް