ޗުއްޓީއަށް ސްރީލަންކަންގެ ހަދިޔާ، ހުރިހާ މަންޒިލަކަށް 30 ޕަސަންޓު ޑިސްކައުންޓެއް!

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ސްރީލަންކަން އެއާލައިންސް ދަތުރުކުރާ ކޮންމެ މަންޒިލަކަށް ވެސް ދިއުމަށް ނަގާ ޓިކެޓުން 30 ޕަސަންޓުގެ ޑިސްކައުންޓެއް ތައާރަފުކޮށްފި އެވެ.

މިއީ އާ އަހަރާއި ބޮޑު ޗުއްޓީގެ ދުވަސްވަރާ ދިމާކޮށް ސްރީލަންކަން އެއާލައިންސްއިން ތައާރަފުކުރި ޚާއްސަ ޑިސްކައުންޓެކެވެ.

ސްރީލަންކަންއިން މައުލޫމާތު ދޭ ގޮތުގައި، މި ޑިސްކައުންޓް ލިބޭނީ މި މަހުގެ 27، 28 އަދި 29 ވަނަ ދުވަހު ބުކް ކުރާ ޓިކެޓުތަކަށެވެ. މި ޓިކެޓުތައް ބޭނުންކޮށްގެން ދަތުރުކުރުމުގެ މުއްދަތަކީ 2017 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން، ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ސްރީލަންކަންގެ ޓިކެޓިންގް އޮފީސްތަކުގެ އިތުރުން، އޮންލައިންކޮށް ވެސް ޓިކެޓު ބުކް ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

ސްރީލަންކަން އެއާލައިންސްއަކީ އިންޑިއާ ކަނޑުގައި އޮޕަރޭޓުކުރާ، ދުނިޔޭގެ ލީޑިންގް އެއާލައިނެވެ.

ރާއްޖޭގައި ދޭ، ފަތުރުވެރިކަމާ ބެހޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި، ރާއްޖެއަށް އޮޕަރޭޓުކުރާ ލީޑިންގް އެއާލައިންގެ އެވޯޑު ސްރީލަންކަން އެއާލައިންސްއަށް ލިބުނު އިރު، ސިންގަޕޫރުގައި މިއަހަރު ބޭއްވި ފިއުޗާ ޓްރެވަލް އެކްސްޕީރިއެންސް އޭޝިއާ އެވޯޑްސްގައި، މެދުތެރޭ އަދި ދެކުނު އޭޝިއާގެ ބެސްޓް ފުލް ސާވިސް އެއާލައިންގެ މަގާމު، ޖެހިޖެހިގެން ދެވަނަ އަހަރު ސްރީލަންކަންއަށް ލިބުނެވެ.

ސްރީލަންކަންއަކީ އިންޑިއާ ކަނޑުގެ ގިނަ މަންޒިލުތަކަށް ދަތުރުކުރާ އެއާލައިނެކެވެ. އެ އެއާލައިނުން މާލެއާ ކޮލޮމްބޯއާ ދެމެދު ހަފްތާއަކު 25 ދަތުރު ކުރާ އިރު، ދާދި ފަހުން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓާ ކޮލޮމްބޯއާ ދެމެދު ހަފްތާއަކު ހަތަރު ދަތުރު ކުރަންވެސް ވަނީ ފަށައިފަ އެވެ.

މީގެ އިތުރުން، އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމު، ސީޝެލްސްގެ މާހޭއަށް ވެސް ސްރީލަންކަންއިން ހަފްތާއަކު ހަތަރު ދަތުރުު ކުރެ އެވެ.

ސްރީލަންކަން އެއާލައިންސްއިން މަސައްކަތް ކުރަމުން ދަނީ އޭޝިއާގެ ވަރުގަދަ ބްރޭންޑަކަށް ވުމަށެވެ. އެގޮތުން، ވިލާތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސި ވިލާތް ފިޔަވާ އެހެން ހުރިހާ މަންޒިލަކަށް ސްރީލަންކަންއިން ދަތުރުކުރުން ހުއްޓާލާފައިވާ އިރު، މި އަހަރުގެ ތެރޭގައި އެކަނިވެސް، އޭޝިއާއާ މެދު އިރުމަތީގެ ގައުމުތައް ހިމެނޭ ގޮތުން 11 މަންޒިލަކަށް ސްރީލަންކަންއިން ވަނީ އޮޕަރޭޝަންތައް ފަށައިފަ އެވެ.

އާ މަންޒިލުތަކަކީ ސީޝެލްސްގެ މާހޭ، ބަހްރައިން، އޮމާންގެ މަސްކަޓް، އިންޑޮނޭޝިއާގެ ޖަކާޓާ، ބަންގްލަދޭޝްގެ ދާކާ، ޕާކިސްތާނުގެ ލާހޫރު، އިންޑިއާގެ ބޯދު ގަޔާ، ވަރަނާސީ، މަޑޫރާއި އަދި ކޯލްކަޓާގެ އަދި ރާއްޖޭގެ އައްޑޫ ސިޓީއެވެ.

comment ކޮމެންޓް