އައިޖީއެމްއެޗްގައި އެނާޖީ ޑުރިންކްސް ވިއްކުން ހުއްޓާލައިފި

އައިޖީއެމްއެޗް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އަންނަ އަހަރުން ފެށިގެން އެނާޖީ ޑުރިންކު ނުވިއްކުމަށް ނިންމައިފި އެވެ.

އަންނަ އަހަރަށް އަމާޒުކޮށްގެން އައިޖީއެމްއެޗް އިން ދުޅަހެޔޮ ސިއްހަތަކަށް ހާއްސަ ކެމްޕެއިނެއް ފެށުމަށް ނިންމާފައިވާ އިރު އެ ހޮސްޕިޓަލް އިން މިއަދު ބުނީ އެ ހޮސްޕިޓަލުގެ ކެންޓީނާއި ފިހާރަތަކުގެ އިތުރުން އެއްވެސް ފިހާރައަކުން ވެސް އެނާޖީ ޑުރިންކްސް ނުވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ތެރޭގައި ޑޮކްޓަރުން ލިޔެދޭ ބޭހުގެ ތެރޭގައި ހިމެނިދާނެ އެފަދަ ބައެއް ބުއިންތައް ނުހިމެނެ އެވެ.

ތާޒާ އަދި ސިއްހަތަށް ފައިދާ ހުރި އުފެއްދުންތައް އެހޮސްޕިޓަލުން ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ވެސް އެ ހޮސްޕިޓަލުގައި ވިޔަފާރި ކުރާ ފަރާތްތަކަށް ވަނީ އަންގާފަ އެވެ.

ސިއްހަތަށް ގެއްލުން ހުރު ބުއިންތަކާ ދެކޮޅަށް ސަރުކާރުން ވަނީ ކެމްޕެއިނެއް ވަނީ ފަށައިފަ އެވެ. އެގޮތުން އާންމުތަންތަނުގައި އެތަކެތި އިސްތިހާރުކުރުން މަނާކުރުމާ އެކު ސުކޫލުތަކަށް އެފަދަ ބުއިންތައް ވެއްދުން ވެސް ވަނީ މަނާކޮށްފަ އެވެ.

ރާއްޖެއަށް އެތެރެ ކުރާ އެނާޖީ ޑްރިންކުން ނަގާ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މިއަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ބުނެފައިވާ ގޮތުން ފިޒީ ޑްރިންކާއި އެނާޖީ ޑްރިންކުން 20 ޕަސެންޓްގެ އެޑްވެލޮރަމް ޓެކްސްއެއް އަންނަ އަހަރު ނަގަން ފަށާނެ އެވެ. އެނާޖީ ޑްރިންކުން އިތުރު ޓެކްސެއް ނަގަން ފެށުމުން ނުވަ މިލިއަން ރުފިޔާގެ އާންމުދަނީއެއް ސަރުކާރަށް ލިބެ އެވެ. އެނާޖީ ޑްރިންކުން މިހާރު ނަގަމުންދަނީ 15 ޕަސެންޓުގެ ޓެކުހެކެވެ.

އާންމު ދިރިއުޅުމުގައި އެނާޖީ ޑްރިންކްސް ބުއިމަށް އާދަކޮށްފި ނަމަ ކެންސަރުފަދަ ނުރައްކާތެރި ބަލިތައް ޖެހެ އެވެ. ރާއްޖޭގެ ޒުވާނުންގެ މެދުގައި އެނާޖީ ޑްރިންކު ބުއިމުގެ އާދަ ވަނީ ވަރަށް ބޮޑަށް އަށަގެންފަ އެވެ.

ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް 19 މިލިއަން އެނާޖީ ޑްރިންކް ދަޅު އެތެރެކޮށްފައިވެ އެވެ.

comment ކޮމެންޓް