ނުރައްކާ ބުއިންތައް އިސްތިހާރުކުރުން އަދިވެސް ހުއްޓުވަންޖެހިފައި!

ސިއްހަތައް ނުރައްކާ އެނާޖީ ޑުރިންކް ވިއްކުމަށް ފިހާރައެއްގައި އަތުރާފައި--

އާއިލާތައް އެއްތަނަކަށް އެއްވެ ޝައުގުވެރިކަމާ އެކު ބަލަމުންދާ ޕްރޮގުރާމެއްގައި ފުރާނައަށް ގެއްލުންހުރި އެއްޗެއް އިސްތިހާރުކުރުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. ހާއްސަކޮށް ދިވެހި ރައްޔިތުންގެ ފައިސާ އިން ހަރަދުކޮށްގެން ހިންގާ ދައުލަތުގެ މީޑިއާއަކުން އެކަން ކޮށްގެންނުވާނެ އެވެ. އާންމުގެ ޝައުގުވެރިކަން ހޯދާފައިވާ ތަރިން ބޭނުންކޮށްގެން ވެސް ޕުރޮމޯޓް ކުރަންވާނީ ފައިދާ ހުރި ތަކެއްޗާއި ކަންކަމެވެ. ދައުލަތުން އެ ނަމޫނާ ދައްކަންޖެހެ އެވެ.

ކަންހިނގަން ޖެހޭ ގޮތަކީ އެއީ ނަމަވެސް އެއް އަހަރު ފާއިތުވެގެން އެދިޔައީ ދިވެހިންގެ މެދުގައި ގެއްލުން ހުރި އެނާޖީ ޑުރިންގެ ބުއިމެއް އިސްތިހާރުކޮށްގެންނެވެ. ދެވަނަ އަހަރާކާ ކުރިމަތިލާއިރު ވެސް އަދި ވެސް އަމާޒު އޮތީ އެގޮތަށެވެ. ގިނައިން ފައިސާ ދިނުމުން މުޅި ރާއްޖެއަށް އެގެއްލުން ހުރި ބުއިން އިސްތިހާރު ކުރުމަށް އެވަނީ ނިންމައިފަ އެވެ. ކުރަން ހެޔޮނުވާވަރުގެ ކަމެއް މޮޅުކަމެއްގެ ގޮތުގައި ދައުލަތުގެ ޓީވީން އިސްތިހާރު ކުރަން ތައްޔާރުވަނީ އެވެ. ނަމަވެސް މިއީ ކަން ހިނގަންވާނެ ގޮތެއް ނޫނެވެ. ދޭ ފައިސާއަށް ވުރެ ރައްޔިތުންނަށް ލިބޭނެ ގެއްލުމާއި ދޭތެރޭ ވިސްނަންޖެހެ އެވެ.

"އަޅުގަނޑުމެން ވާހަކަ ދައްކައިފިން އެކަން ހުއްޓުވުމަށް، ސަރުކާރުގެ އިޖުތިމާއީ ސިޔާސަތާ ސީދާ ދެކޮޅަށް ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ދައުލަތުގެ މީޑިއާއިން އަމަލު ކުރެވޭނެ ކަމަކަށް ނުފެނޭ،" ދައުލަތުގެ ސިއްހީ އިދާރާއެއްގެ އިސްވެރިއަކު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ހަކުރު ގިނަ ބުއިންތަކުގެ ސަބަބުން އުފެދި ބޮޑުވަމުން އަންނަ ކުދިންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމަށާއި އެ ފަދަ އުފެއްދުންތައް އިޝްތިހާރު ކޮށްގެން ނުވާނެ ކަމަށެވެ.

ޕަބްލިކް ސާވިސް މީޑިއާ(ޕީއެސްއެމް)ގެ އެ ނިންމުމަށް އެތައް ފާޑު ކިޔުމެއް އަމާޒުވެގެންދާ އިރު އެފަރާތުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތްނުވެފަ އެވެ.

ކުރިން ހިނގި އެފަދަކަންކަން ހުއްޓުވައިފި!

މީގެ ކުރިން ވެސް ދައުލަތުގެ ބައެއް އިދާރާތަކުގެ ފަރާތުން އެފަދަ ކަންކަން ފާހަގަވެފައިވެ އެވެ. ކިޔަވާ ކުދިންނަކީ މާދަމާ ގައުމުގެ މުސްތަގުބަލުކަމަށްވާ އިރު އެޑިއުކޭޝަން މިނިސްޓްރީން އެކުދިންނަށްދޭ އެވޯޑްތައް ހަށިގަނޑަށް ގެއްލުންހުރި ބުއިންތަކުގެ އިސްތިހާރުކޮށް އެކުދިންގެ މެދުގައި ޕުރޮމޯޓްކޮށްފައިވެ އެވެ. ހެލެފެލިވެ އުޅޭ ދުޅަހެޔޮ ސިއްހަތެއް ކުދިންގެ މެދުގައި އަށަގަތުމަށް ޓަކައި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ބާއްވާ ފުޓްބޯޅަ މުބާރާތްތައް ވެސް އެފަދަ ބުއިންތަކުން އިސްތިހާރުކޮށްފައިވެ އެވެ.

އެކަންކަން އެގޮތަށް ހިނގައިފައިވާ އިރު އެފަދަ ބުއިންތަކަކީ ސުކޫލު ކުދިންގެ މެދުގައި މަގުބޫލް ބުއިމެކެވެ. ސުކޫލު ވަގުތު އިންޓަވަލްއަށް ވެސް އެފަދަ ބުއިންތައް ގިނައަދަދަކަށް ގެންދެ އެވެ. އެކަންބޮޑުވެ ރައީސް އޮފީހުން މިހާރު ނިންމާފައި ވަނީ އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ސްކޫލުތަކުގައި އެނާޖީ ޑުރިންކްސް ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ. ސްކޫލުތަކަށް އެފަދަ ބުއިންތައް ވެއްދުމާއި ސްކޫލްތަކުގެ އެއްވެސް ހަރަކާތެއްގައި އެނާޖީ ޑުރިންކްސް އިސްތިހާރުވާ ފަދަ އެއްވެސް އެއްޗެއް ބެހެއްޓުން ވެސް ވަނީ މަނާކޮށްފަ އެވެ.

ހަމައެއާ އެކު އެފަދަ ރަނގަޅު އެހެން ނިންމުމެއް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެއީ މާލޭގެ އާންމު މައިދާންތަކާއި ޕާކުތަކުގައި އެނާޖީ ޑްރިންކްސް އިސްތިހާރު ކުރުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށް ނިންމުމެވެ. ހަމައެހެންމެ މިއަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ބުނެފައިވާ ގޮތުން ފިޒީ ޑްރިންކާއި އެނާޖީ ޑްރިންކުން 20 ޕަސެންޓްގެ އެޑްވެލޮރަމް ޓެކްސްއެއް އަންނަ އަހަރު ނަގަން ފަށާނެ އެވެ. އެނާޖީ ޑްރިންކުން އިތުރު ޓެކްސެއް ނަގަން ފެށުމުން ނުވަ މިލިއަން ރުފިޔާގެ އާންމުދަނީއެއް ސަރުކާރަށް ލިބެ އެވެ. އެނާޖީ ޑްރިންކުން މިހާރު ނަގަމުންދަނީ 15 ޕަސެންޓުގެ ޓެކުހެކެވެ.

އެނާޖީ ޑުރިންއަކީ ތޯތޯއެއް ނޫން، ނުރައްކާ ބޮޑު!

ފެނަށްވުރެ އާންމުކޮށް އެނާޖީ ޑްރިންކްތައް ބުއިމަކީ ދިވެހިންގެ ތެރެއިން އެތައްބައެއްގެ އާދައެކެވެ. ކަން އެހެން އޮތްއިރު ހަގީގަތަކީ އާންމު ދިރިއުޅުމުގައި އެނާޖީ ޑްރިންކްސް ބުއިމަށް އާދަކޮށްފި ނަމަ ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހެ އެވެ. ރާއްޖޭގެ ޒުވާނުންގެ މެދުގައި އެނާޖީ ޑްރިންކު ބުއިމުގެ އާދަ ވަނީ ވަރަށް ބޮޑަށް އަށަގެންފަ އެވެ.

ޑރ. އަބްދުލް އަޒީޒް ހަމީދު ވިދާޅުވި ގޮތުގައި އެނާޖީ ޑްރިންކްސްގެ ބާވަތްތަކަކީ މީހާގެ ހަކަތަ އިތުރުކޮށްދީ، ހަށިގަނޑުގައި ވަރުޖައްސައިދޭ ބުއިމެއްކަމަށް ދެކޭ ދެކުމަކީ ވަރަށް ގިނަ މީހުންނަށް ކުރެވިފައި އޮންނަ ކުށްހީ އެކެވެ. އެނާޖީ ޑްރިންކްސްގައި ހިމެނޭ ހަކުރުގެ މިންވަރު މާގިނަވުމުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ މިންވަރު، އެބޭނުންކުރުމުން ކުއްލިއަކަށް މަތިވެ، ވަރަށް އަވަހަށް ކުއްލިއަކަށް ހަކުރުގެ މިންވަރު ދަށްކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަކުރު މާގިނައިން ހަށިގަނޑަށް އެތެރެވެ، ހަށިގަނޑު ފަލަވެ، އެކަމުގެ ސަބަބުން ހަކުރު ބަލި، ހިތުގެ ބަލި، ސްޓްރޯކްޖެހި، ވާގިނެތޭ ގޮތްވެ، ނުކުޅުދެންތެރި މީހަކަށްވުން، ކެންސަރު ޖެހުން، އަދި ކިޑްނީގެ ބަލިތައް ފަދަ އެތައް ބަލިތަކަކަށް މަގުފަހިވެގެންދޭ،" އެނާޖީ ޑުރިންކުން ލިބޭ ގެއްލުންތައް ކިޔައިދެއްވަމުން ޑރ. އަޒީޒް ވިދާޅުވި އެވެ.

އެނާޖީ ޑުރިންކްތަކުގައި ސްޕޯޓްސް ޑްރިންކްގައި ނުހިމެނޭ، ކެފެއިން އާއި ޖިންސެންގެ، ފަދަ ހަށިގަނޑަށް ގެއްލުން ދެނިވި ބާވަތްތައް ހުރެ އެވެ. އެނާޖީ ޑްރިންކްސް ނުވަތަ ހަކަތަ ލިއްބައިދޭ ކަމަށްބުނާ ބުއިންތަކުގައި "ކެފެއިން"، "ގުވަރާނާ"، "ޓޯރިން"، "ގިންގކޯ ބިލޯބާ"، "ޖިންސެންގެ" ފަދަ ބާވަތްތަކުގެ ފަތްޕިލާވެލިން ނަގާ މާއްދާތައް ހިމެނެ އެވެ. މިމާއްދާތައް ފައިދާހުރި މާއްދާތަކުގެ ގޮތުގައި އިސްތިހާރު ކުރެވުނު ނަމަވެސް މިމާއްދާތައް އެނާޖީ ޑްރިންކްސްގެ ބާވަތްތަކުގައި މާގިނައިން ހިމެނޭތީ ހަށިގަނޑަށް ގެއްލުން ލިބޭކަން ދިރާސާތަކުން ހޯދިފައިވެ އެވެ.

ކޮންމެ އަކަސް އެހާ ގެއްލުން ހުރި ބުއިމެއް އާންމުންގެ މެދުގައި އިސްތިހާރުކޮށްހެދުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދިވެހިން ތިބުމަށްދެވޭ ނުރަނގަޅު މެސެޖެކެވެ. އެނާޖީ ޑުރިންކާ ދެކޮޅަށް ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅެވެ. ދެން ކުރަންވީ ކަމަކީ ކުރަން އުޅޭ އެބޮޑު އިސްތިހާރު ވެސް ހުއްޓުވުމެވެ.

comment ކޮމެންޓް