Last Updated: 7 year 4 month ago

ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

  • މީހަކަށް ގެއްލުމެއް ނުވޭ
  • އަލިފާން ރޯވީ ޓެރަހެއްގައި ހުރި ލަކުނޑިތަކެއްގައި
  • ރޯވީ އިމާރާތުގެ ހަ ވަނަ ބުރީގައި
ބުލޮގު ޚުލާސާ

ހ. ސޯސަންފުލާވާގައި ރޯވި އަލިފާންގަނޑު ފެތުރުމުގެ ކުރިން އަލިފާންގަނޑު ކޮންޓްރޯލްކޮށްފި އެވެ.

18:09 ހުސައިން ހަސަން

އަލިފާންގަނޑު ކޮންޓްރޯކޮށްފި، އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ

ހ. ސޯސަންފުލާވާ ގޭގައި ރޯވި އަލިފާންގަނޑު، ސިފައިންނާއި ފުލުހުންގެ މަސައްކަތުން ނިއްވާލާއިިފި އެވެ. އަލިފާންގަނޑު ކޮންޓްރޯލު ކުރެވުނީ ބައިގަޑިއެއްހާއިރުގެ މަސައްކަތުންނެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުންޏެވެ. ނަމަވެސް އަލިފާން ރޯވި އިމާރާތަށް ގެއްލުންތަކެއް ވަނީ ވެފަ އެވެ. އެގޮތުން އިމާރާތުގެ އެންމެ މަތީ ބުރީގައި ހިނގި އެ ހާދިސާގައި އެތަނުގައި ހުރި ލަކުނޑިތަކެއް އަނދައިފައިވެ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ފަންގިފިލާގައި ބަޔަކު ދިރިނޫޅެ އެވެ. އެ އިމާރާތުގެ އެންމެ މަތީ ބަޔަކީ ޑެކު އަޅައިގެން ހަދާފައިވާތަނެއް ކަމަށްވެ އެވެ. އެ ހާދިސާގައި އިމާރާތުގައި ރެނދުލާފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި ސަންގެ ނޫސްވެރިން ބުންޏެވެ.

ސޯސަންފުލާވާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ބުންޏެވެ.

17:36

އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި. އަލިފާން ރޯވި ގެ ހިމެނޭ ސަރަހައްދުގައި ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުގެ އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުން. ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެ ބޭފުޅުން ދަނީ ކިޔައި ދެއްވަމުން.

17:31

އަލިފާންގަނޑު އެހެން ގެއަކަށް ފެތުރުމުގެ ކުރިން އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައި. އަލިފާންގަނޑު ކޮންމެ ވެސް ވަރަކަށް މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި.

17:28

އަލިފާން ރޯވެފައި ހުއްޓާ އެންމެ ފުރަތަމަ ފެނުނު މީހުންގެ ތެރެއިން މީހަކު "ސަން"އަށް ބުނީ އަލިފާން ރޯވީ ސޯސަންފުލާވާ ގޭގެ ޓެރަހުގައި ހުރި އެއްޗެހިތަކެއްގައި. ބެލެވޭ ގޮތުން އަލިފާން ހިވީ ލަކުނޑިތަކެއްގައި.

17:23 އަހުމަދު ސާއިލް އަލީ

އަލިފާން ރޯވެފައިވާ ގެއަށް މެދުކެނޑުމެއް ނެތި ފެން ހޮޅިން ސިފައިން ދަނީ ފެން ޖަހަމުން. މިހާރު ކޮންމެ ވެސް ވަރަކަށް އަލިފާންގަނޑު ކޮންޓްރޯލްވެއްޖެ. އަލިފާންގަނޑެއް ނުފެނޭ. އެކަމަކު ކޮންމެ ވެސް ވަރަކަށް ދުން އަރަމުންދޭ.

17:17 އަހްމަދު އާޒިފް

އަލިފާން ރޯވި އިމާރާތުން މީހުން ހުސްކޮށް، ޖެހިގެން ހުރި އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުން. މަންޒަރު ބެލުމަށް އެ ސަރަހައްދަށް މީހުން ޖަމާ ނުވުމަށް ސިފައިންނާއި ފުލުހުން ދަނީ އިލްތިމާސް ކުރަމުން.

17:16

އަލިފާން ނިއްވުމަށް ސިފައިންގެ އަލިފާން ނިއްވާ ހަތަރު ލޮރީ އެ ސަރަހައްދުގައި އެބަ އޮތް. ސޯސަންފުލާވާއާ އިންވެގެން ހުރި އިމާރާތްތަކަށް އަރައި، ސިފައިން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން.

17:14

އަލިފާން ރޯވެފައިވާ ސޯސަންފުލާވާގޭގެ އިމާރާތަކީ ހަތް ބުރިއަށް އިމާރާތްކޮށްފައިވާ ގެއެއް. އަލިފާން ރޯވީ އިމާރާތުގެ އެންމެ މަތީގައި ހަދާފައިވާ ޑެކެއްގައި.

17:10 އަހުމަދު ޝަރުވާން

އަލިފާން ރޯވެފައި ވަނީ ހ. ސޯސަން ފުލާވާގޭގެ ހަ ވަނަ ފަންގިފިލާގައި.