ދަންގަލް އަށް ތިން ދުވަހުން 100 ކުރޯޑު!

ްމި އަހަރު އެންމެ ގިނަ ބަޔަކު އެންމެ ބޮޑު އިންތިޒާރެއް ކުރި އާމިރު ޚާންގެ ފިލްމު 'ދަންގަލް' އަށް ހަފްތާ ބަންދުގައި އެކަނި ވެސް 100 ކުރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ޓްރޭޑް އެނަލިސްޓުން ހާމަކޮށްފައިވާ ގޮތުގައި، އެ ފިލްމަށް ތިން ދުވަހުން ވަނީ 106.95 ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ ހުކުރު ދުވަހު ލިބުނު 29.78 ކުރޯޑު ރުޕީޒް އާއި ހޮނިހިރު ދުވަހު ލިބުނު 34.82 ކުރޯޑު އަދި އާދީއްތަ ދުވަހު ލިބުނު 42.35 ކުރޯޑު ރުޕީޒްއާ އެކު އެވެ.

ފިލްމު ރިލީޒް ކުރި ފަހުން ކޮންމެ ދުވަހަކު ވެސް ފިލްމު ބަލަން ދާ މީހުންގެ އަދަދު ރެކޯޑު އަދަދަކަށް އިތުރުވަމުން އަންނަ އިރު، ދަންގަލް ވެގެން ގޮސްފައި ވަނީ މިހާތަނަށް އެންމެ ދުވަހެއްގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.

އިންޑިއާގެ އިތުރުން އިންޑިއާ އިން ބޭރުގައި ވެސް ދަންގަލް އަންނަނީ ބޮޑު އާމްދަނީއެއް ހޯދަމުންނެވެ.

ދަންގަލް ވެގެން ގޮސްފައި ވަނީ 100 ކުރޯޑުގެ އާމްދަނީއެއް ހޯދި އާމިރު ޚާންގެ ފަސް ވަނަ ފިލްމަށެވެ. އާމިރުގެ 'ގަޖިނީ'، 3 އިޑިއަޓްސް'، 'ދޫމް 3' އަދި 'ޕީކޭ' ވަނީ މީގެ ކުރިން 100 ކުރޯޑަށް ވުރެ ބޮޑު އާމްދަނީ އެއް ހޯދައިފަ އެވެ.

ނަމަވެސް ދަންގަލް އަކީ މި އަހަރު އެންމެ ބޮޑު އާމްދަނީ އެއް ހޯދާނެ ފިލްމު ކަމަށް ޓްރޭޑް އެނަލިސްޓުން މިހާރު ވަނީ ލަފާކޮށްފަ އެވެ.

'ދަންގަލް' އަކީ ފައިސާގެ ދަތިކަމުގެ ސަބަބުން، ރެސްލިންގައި އިންޑިއާ އަށް ރަން މެޑައްޔެއް ހޯދައި ދިނުމަށް ދެކެމުން އައި ހުވަފެން ދޫކޮށްލަން ޖެހުނު ކުރީގެ ރެސްލިން ކުޅުންތެރިޔާ މަހާވީރު ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އެ ފިލްމުގައި ފެނިގެން ދާނީ މަހާވީރު (އާމިރު)ގެ ހުވަފެން ހަގީގަތަކަށް ހަދައި އިންޑިއާ އަށް ރެސްލިންގްގައި ފުރަތަމަ، ރަން މެޑަލް ހޯދައިދިން އޭނާގެ އަންހެން ދަރިފުޅު ގީތާ އާއި ރެސްލިންގައި ރަން ވަނަތަކެއް ހޯދައިފައިވާ އޭނާގެ ދެވަނަ އަންހެން ދަރިފުޅު ބަބީތާގެ ހަޔާތުގެ ވާހަކަތަކެެވެ.

comment ކޮމެންޓް