ޔުގަންޑާގެ ބޯޓެއް ބަންޑުންޖަހާލައި، 30 މީހަކު މަރުވެއްޖެ

ބޯޓުގައި ތިބި 45 މީހުންގެ ތެރެއިން 30 މީހުން ވަނީ މަރުވެފައި -- ފޮޓޯ: ގެޓީ

ކަމްޕާލާ (ޑިސެމްބަރު 27): ޔުގަންޑާގެ ފުޓްބޯޅަ ޓީމަކާއި އެޓީމަށް ތާއިދު ކުރާ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން 30 މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި 45 މީހުންނާ އެކު ދަތުރު ކުރަމުންދިޔަ އެބޯޓު ބަންޑުން ޖަހާލީ ބޯޓުގެ އެއް ފަރާތަށް ބަރުވުމާ ގުޅިގެންނެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ނުވަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި 15 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކްރިސްމަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ފުޓްބޯޅަ މުބާރާތަކަށް ދިޔަ ގިނަ ފަސިންޖަރުން ތިބީ ބޯޓަށް އެރި ވަގުތު މަސްތުވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ހާދިސާ ހިނގި ލޭކް އަލްބާޓުގައި ބޯޓު އެކްސިޑެންޓުތައް ހިނގުމަކީ އާއްމުކަމެކެވެ. އެފަދަ ހާދިސާތައް ހިނގަނީ އުޅަނދުތަކުގައި މާގިނަ މީހުން ތިބުމުން ނުވަތަ މާގިނަ މުދާ ބަރު ކުރުމުން ކަމަށް ރިިޕޯޓުތަކުގައިވެ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް