ގައުމީ ޓީމްގެ ދާއިމީ ކޯޗުކަމަށް ސްޓެވާޓް ހަމަޖައްސައިފި

ގައުމީ ޓީމާއި ހަވާލުވުމަށް ސްޓެވާޓް އަންނަ މަހުގެ މެދުތެރޭ ރާއްޖެ އަންނާނެ --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ގައުމީ ފުޓްބޯޅަ ޓީމްގެ ދާއިމީ ކޯޗުގެ މަގާމަށް އެންމެ ފަހުން އެ މަގާމްގައި ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ހަމަޖައްސައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސްޓެވާޓްއާ އެކު އެއްބަސްވުމަކަށް އާދެވެފައިވާ ކަމަށާއި އަންން މަހުގެ މެދެތެރެއިން އޭނާ މާލެ އައިސް ގައުމީ ޓީމާ ހަވާލުވާނެ ކަމަށެވެ.

ގައުމީ ޓީމްގެ ކޯޗު ކަމަށް ސްޓެވާޓް ހަމަޖެއްސީ ކުރިން ހުރި ނިއު ޒިލެންޑްްގެ ވޯލްޑްކަޕް ކޯޗު ރިކީ ހާބަޓް އެފްއޭމުން ވަކިކުރުމަށް ފަހުއެވެ.

ސްޓެވާޓްގެ ކޯޗުކަމުގައި ގައުމީ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި އޭޝިއަން ކަޕް ކޮލިފައިން ބުރުން ވެސް ޖާގަ ހޯދާފައެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން 10 ލަނޑު ޖެހިއިރު، ރާއްޖެ ކޮޅަށް ވަދެފައި ވަނީ އެންމެ ލަނޑެކެވެ.

ސްޓެވާޓް ވަނީ 1986 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށް ކްލަބް ލެވެލްގައި ފުޓްބޯޅަ ކުޅެފަ އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ އާއި މެލޭޝިއާގެ އިތުރުން ސިންގަޕޫރުގެ ޓީމުތަށް ހިމެނެއެވެ.

ސްޓްވާޓްގެ އިރިޝާދުގެ ދަށުން ރާއްޖެ އިން އެންމެ ބޮޑު އިސްކަމެއް ދީގެން ތައްޔާރުވާނީ އޭޝިއަން ކަޕް ކޮލިފައިން އަށާއި އަންނަ އަހަރުގެ ޑިސެމްބަރ ގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށެވެ.

comment ކޮމެންޓް