ކޫޓީނިއޯއަށް ބާސާ އިން ޝައުގުވެރިވޭ: ރޮނާލްޑީނިއޯ

ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކޫޓީނިއޯ ---

އިނގިރޭސި ކްލަބު ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކޫޓީނިއޯ އަށް ސްޕެއިންގެ ބާސެލޯނާ އިން ޝައުގުވެރިވާ ކަމަށް ބާސާގެ އެމްބެސެޑަރު އަދި އެ ކްލަބުގެ ކުރީގެ ތަރި ރޮނާލްޑީނިއޯ ބުނެފި އެވެ.

އުމުރުން 24 އަހަރުގެ ކޫޓީނިއޯ މިވަގުތު ހުރީ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގަ އެވެ. ކޫޓީނިއޯ އަށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ހަބަރުތައް ބުނާ އިރު، އަނިޔާއިން ސަލާމަތްވެ އެނބުރި ކުޅުމަށް އައިސް އޭނާގެ މޮޅު ކުޅުން ދެއްކިދާނެ ކަމަށް ރޮނާލްޑީނިއޯ ގަބޫލުކުރެ އެވެ.

"އަހަރެން އުންމީދު ކުރަން އޭނާ އަވަހަށް ކުޅުމަށް އެނބުރި އައިސް، ކުރިން ވެސް އޭނާ ދެއްކި މޮޅު ކުޅުން ދައްކާނެ ކަމަށް. ކޫޓީނިއޯ އަކީ މި ސީޒަނުގައި ޔޫރަޕްގެ އެންމެ މޮޅެރި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އަދި އަހަރެންނަށް އެނގޭ ބާސާ އިން ވެސް ކޫޓީނިއޯ އަށް ޝައުގުވެރިވާކަން،" އޭނާ ބުންޏެވެ.

ރޮނާލްޑީނިއޯ ބުނީ، ބާސާ އިން ކޫޓީނިއޯ ބޭނުންވި ނަމަވެސް، ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ލިވަޕޫލުން ވެސް ކޫޓީނިއޯ ހިފަހައްޓަން ބޭނުންވާނެ ކަމަށެވެ. އަދި އެ ފެންވަރުގައި ކޫޓީނިއޯ ކުޅޭ ނަމަ އަބަދު ވެސް ކްލަބުތަކުން ޝައުގުވެރިކަން ފާޅުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޫޓީނިއޯ އަށް އަނިޔާވުމުގެ ކުރިން އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 13 މެޗުން ފަސް ލަނޑު ކާމިޔާބުކޮށް، މޮޅު ކުޅުމެއް ދައްކައިފަ އެވެ.

comment ކޮމެންޓް