ޕިއްޒާ ބޯނާ މާފަންނަށް!

މާފަންނުގައި ޕިއްޒާ ބޯނާގެ އައުޓްލެޓެއް ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ޕިއްޒާއަކީ ޕިއްޒާ ބޯނާގެ ޕިއްޒާއެވެ. ހަމައެކަނި ޕިއްޒާ ޑެލިވެރީ ޚިދުމަތާ އެކު 2011 ވަނަ އަހަރު ޚިދުމަތް ދޭން ފެށި ޕިއްޒާ ބޯނާއިން ގާތްގަނޑަކަށް ފަސް އަހަރު ފަހުން، މިއަހަރުގެ މާޗު މަހުގެ ތެރޭގައި ޑައިން އިން ރެސްޓޯރަންޓެއް ހުޅުވިއެވެ.

އެއަށް ފަހު، އެއް އަހަރު ތެރޭގައި ޕިއްޒާ ބޯނާގެ ދެވަނަ ޑައިން އިން އައުޓްލެޓެއްވެސް މިވަނީ ހުޅުވާފައެވެ.

ސޯޝަލް ސެންޓަރު ކައިރިން، މާފަންނު ސަބުދެލިމަގުގައި ޕިއްޒާ ބޯނާގެ ދެވަނަ ޑައިން އިން އައުޓްލެޓް ހުޅުވި އިރު، އެތަނުގެ އެންމެ ފުރަތަމަ ކަސްޓަމަރުންގެ ޝަރަފު ހޯދީ، ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ގޯލުކީޕަރުކަން 17 އަހަރު ދުވަހު ކޮށް، ދާދި ފަހުން އެ ޓީމުން ރިޓަޔާ ކުރި އިމްރާން މުހައްމަދާއި އޭނާގެ އާއިލާ އެވެ.

މާފަންނު ޕިއްޒާ ބޯނާގައި ރޭ ހުޅުވައިލީ، ދައުވަތު ދީގެން ދުރުވި ބައެއް މެހެމާނުންނަށް އެކަންޏެވެ. ނަމަވެސް މިއަދުން ފެށިގެން އެތަން އާންމުކޮށް ހުޅުވާލެވިފައި ހުންނާނެ އެވެ.

ޕިއްޒާ ބޯނާއިން ބުނާ ގޮތުގައި، އެފަރާތުގެ ބޭނުމަކީ ގިނަ ކަސްޓަމަރުންނަށް ފޯރާ ހިސާބުގައި އަބަދު ވެސް އޮތުމެވެ.

"ފުރަތަމަ އައުޓްލެޓެއް ހުޅުވިތާ އަހަރެއްގެ ތެރޭގައި ދެވަނަ އައުޓްލެޓެއް ވެސް ހުޅުވީ، މިކަމުގެ ބޭނުމަކީ ތަފާތު ހިސާބެއްގައި އައުޓްލެޓުތައް ހުޅުވައި، ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުން،" ޕިއްޒާ ބޯނާގެ ހިއްސާދާރެއް ކަމުގައިވާ ހުސައިން ޚާލިދު "ސަން" އަށް ވިދާޅުވި އެވެ.

މާފަންނު ރުވާމަގުގައި ހުންނަ ޕިއްޒާ ބޯނާގެ ޑެލިވަރީ އެންޑް ޑިސްޕެޗް އައުޓްލެޓް ހުންނަ އިރު، މިހާރު ހެންވޭރުގައި، މޯލްޑިވިއަން ބްލަޑް ސާވިސެސް ކުރިމަތިން މަޖީދީ މަގުގައި، އަދި މާފަންނުގައި ވެސް ޕިއްޒާ ބޯނާގެ ދެ ޑައިން އިން އައުޓްލެޓް ހުންނާނެ އެވެ.

ޚާލިދު ވަނީ، ޕިއްޒާ ބޯނާގެ ކަސްޓަމަރުންނަށް އިތުރު އުފާވެރި ޚަބަރެއް ވެސް އަރުވައިފަ އެވެ. މިހާރު ހުރި ދެ އައުޓްލެޓުން، ކޮންމެ އައުޓްލެޓެއްގައި ވެސް 20 މީހުންގެ ޖާގަ އޮންނަ އިރު، މިއަށް ވުރެ ޖާގަ ތަނަވަސް ޕިއްޒާ ބޯނާ ޑައިން އިން އައުޓްލެޓެއް ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

"މިހާރު ވާ ގޮތަކީ، ޕާޓީ ފަދަ ކަންކަމަށް ޕިއްޒާ ބޯނާގެ އައުޓްލެޓެއް ބުކް ކޮށްފި ނަމަ އެހެން ކަސްޓަމަރުންނަށް ހުރަސްތަކާއި ދަތިތައް ދިމާވޭ. އިރާދަކުރެއްވިއްޔައި އެބައި އެއްކޮށް ހައްލުވެގެން ދާނެ. ވަރަށް ކައިރި މުސްތަގުބަލެއްގައި މި ބަލަނީ މިއަށް ވުރެ ބޮޑު، ގާތްގަނޑަކަށް 50 ކަސްޓަމަރުންގެ ޖާގައިގެ ތަނެއް ހުޅުވުމަށް. އޭރުން ޕާޓީތަކަށާއި އެހެނިހެން ކަންކަމަށް ޖާގަ އޮވެ، ފަސޭހަ ވާނީ،" ޚާލިދު ވިދާޅުވި އެވެ.

comment ކޮމެންޓް