ރާއްޖެއަށް އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުން އަބޫ ދާބީ ފަންޑާ އެކު މަޝްވަރާކޮށްފި

ދިވެހި ސަފީރު އަބްދުﷲ ހަމީދު، އަބޫ ދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލާ ބައްދަލުކުރައްވަނީ -- ފޮޓޯ/ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް

އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ދިވެހިރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ މެދު، ދިވެހި ސަރުކާރާއި އެ ފަންޑާ ދެމެދު މަޝްވަރާކޮށްފި އެވެ.

ދިވެހިރާއްޖެ އިން ޔޫއޭއީ އަށާއި ކުވައިތު އަދި ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުﷲ ހަމީދު ވަނީ، މިދިޔަ ހަފްތާގެ ތެރޭގައި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރައްވައިފަ އެވެ.

އަބޫ ދާބީ ފަންޑުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ދެ ފަރާތް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި ދިވެހި ސަރުކާރުން ހާސިލުކުރަން ބޭނުންވާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަބޫ ދާބީ ފަންޑަށް އެހީތެރިވެދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

އަބޫ ދާބީ ފަންޑުގެ ޑިރެކްޓާ ޖެނެރަލް ސައިފް އަލް ސުވައިދީ ވިދާޅުވީ، މިދިޔަ 40 ވަރަކަށް އަހަރު ތެރޭގައި އެ ފަންޑާއި ދިވެހިރާއްޖެއާ ދޭތެރޭ އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އެ ބައްދަލުވުމަކީ ގުޅުންތައް އިތުރަށް ބަދަހިކޮށްދިން ބައްދަލުވުމެއް ކަމަށެވެ.

"މި ފަންޑުން އަޅުގަނޑުމެން ބަލަނީ ދުނިޔޭގެ އެކިއެކި އިގްތިސާދުތަކުގައި ހިންގާ މަޝްރޫއުތަކަށް އެހީތެރިވެދީ، ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދީ، އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ދިވެހި ސަފީރު ހަމީދު ވިދާޅުވީ ދިވެހި ސަރުކާރުން އޮތީ ޔޫއޭއީއާ އެކު ވަރަށް ގާތުން މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ވަޒީފާގެ ފުރުސަތުތަކާއި އިގްތިސާދީ އުފެއްދުންތެރިކަމާއި އިޖްތިމާއީ ހާލަތަށް ކުރިއެރުމެއް ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ސަފީރު ވިދާޅުވި އެވެ.

މީގެ އިތުރުން، އަބޫ ދާބީ ފަންޑުން، ތަރައްގީވަމުން އަންނަ ގައުމުތަކަށް އަބޫ ދާބީ ފަންޑުން ފޯރުކޮށްދޭ އެހީތައް ސަފީރު ފާހަގަކުރެއްވި އެވެ.

އެގޮތުން، ރާއްޖޭގެ ދެކުނުގައި، އިޔާދަކުރުވަނިވި ހަކަތައިގެ ނިޒާމެއް ގާއިމުކޮށް، އައްޑޫ ސިޓީއަށް ކަރަންޓު ފޯރުކޮށްދިނުމަށް ކުރިޔަށް ގެންދިޔަ މަޝްރޫޢުގައި އަބޫ ދާބީ ފަންޑުން ފޯރުކޮށްދިން އެހީ، ސަފީރު ވަކިން ޚާއްސަކޮށް ފާހަގަކުރެއްވި އެވެ.

އަބޫ ދާބީ ފަންޑުން ރާއްޖެއަށް އެހީ ފޯރުކޮށްދޭން ފެށީ 1976 ވަނަ އަހަރު އެވެ. އޭގެ ފަހުން، މުއާސަލާތީ ގުޅުމާއި، ދަތުރުފަތުރާއި ގެދޮރުވެރިކުރުވުމާއި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް 18.6 މިލިޔަނަށް ވުރެ ގިނަ ޑޮލަރުގެ އެހީ ދީފައިވެ އެވެ.

މީގެ އިތުރުން، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢަށް އަބޫ ދާބީ ފަންޑު ފޯރ ޑިވެލޮޕްމެންޓުން 40 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

"އަބޫ ދާބީ ފަންޑުގެ ބޯޑުގެ ނިންމުމަކަށް މަޑުކޮށްގެން ތިބީ. އެ ބޯޑުން ދޭނެ ކަމަށް ބެލެވެނީ 40 މިލިޔަނެއްހާ ޑޮލަރު،" ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު މި މަހުގެ ތެރޭގައި ވިދާޅުވި އެވެ.

comment ކޮމެންޓް