މިދިޔަ އަހަރު ރާއްޖެ އެތެރެކުރި އެކި ވައްތަރުގެ ތެލުގެ ނިސްބަތް، 24 ޕަސެންޓް ދަށަށް!

މާލޭގެ ފިއުލް ސަޕްލައި މޯލްޑިވްސްގެ ޕެޓްރޯލް ޝެޑަކުން ސައިކަލަކަށް ޕެޓްރޯލް އަޅަނީ --- ސަން ފައިލް ފޮޓޯ

ދެހާސްސާދަ ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ރާއްޖެ އެތެރެކުރި އެކި ވައްތަރުގެ ތެލުގެ ނިސްބަތް 24 ޕަސެންޓް ދަށްވެފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ވެސް ވޭތުވެ ދިޔަ ތިން އަހަރު ރާއްޖެއަށް އެތެރެކުރި ތަކެތީގެ 15-11 ޕަސެންޓަކީ ތެލެވެ. ނަމަވެސް ރާއްޖެ އެތެރެކުރާ ތެލުގެ ވައްތަރުގެ ޕަސަންޓޭޖެއް ވަކިން އެނގޭކަށް ނުހުރެ އެވެ.

ރާއްޖޭގައި ކަރަންޓް އުފައްދާ ބޭނުންކުރާ މިންވަރާއި ކަރަންޓް އުފެއްދުމަށް ހޭދަވާ ކަރަންޓުގެ މިންވަރާ ބެހޭ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ތައްޔާރުކޮށް ނެރުނު "ލޭޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް"ގައި ބުނެފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، މިދިޔަ 2014 ވަނަ އަހަރު ރާއްޖެ އަށް ވަނީ 667،010.64 މެޓްރިކް ޓަނުގެ ތެޔޮ އެތެރެކޮށްފަ އެވެ.

އެއީ މީގެ 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އެތެރެކުރި އަހަރެވެ.

ނަމަވެސް 2014 ވަނަ އަހަރާ އަޅާބަލާ އިރު މިދިޔަ އަހަރު ރާއްޖެ އެތެރެކުރި އެކި ވައްތަރުގެ ތެލުގެ ނިސްބަތްވަނީ 24 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން، މިދިޔަ އަހަރު 506،334.29 މެޓްރިކް ޓަނުގެ އެތެރެކޮށްފައިވާ އިރު، އެ މިންވަރަކީ 2014 ވަނަ އަހަރާ އަޅާބަލާއިރު 160،676.35 މެޓްރިކް ޓަނު މަދު އަދަދެކެވެ.

އެތެރެކުރި ތެލުގެ ވައްތަރުތަކުގެ ތެރެއިން 2014 ވަނަ އަހަރަށްވުރެ 2015 ވަނަ އަހަރު ރާއްޖެ އެތެރެކުރި ޑީސެލް، ޕެޓްރޯލް އަދި ކުކިން އޮއިލް ވަނީ އިތުރުވެފަ އެވެ. ނަމަވެސް 2015 ވަނަ އަހަރަށްވުރެ 2014 ވަނަ އަހަރު ރާއްޖެ އެތެރެކުރި އޭވިއޭޝާން ގޭސް ވަނީ މަދުވެފަ އެވެ.

އެގޮތުން، 2014 ވަނަ އަހަރު އެތެރެކުރި އެކި ވައްތަރުގެ ތެލުގެ ތެރެއިން 33.4 ޕަސެންޓަކީ އޭވިއޭޝަން ފިއުލްއެވެ. އެ އަދަދު 2015 ވަނަ އަހަރު އުޅެނީ 12.90 ޕަސެންޓުގައެވެ. އެއީ 20.5 ޕަސެންޓުގެ ދަށްވުމެކެވެ.

ރާއްޖެއަށް ކޮންމެ އަހަރެއްގައި އެންމެ ގިނަ އަދަދަކަށް އެތެރެކުރާ ޑީސަލް އަށް ބަލާއިރު، 2014 ވަނަ އަހަރަށްވުރެ 2015 ވަނަ އަހަރު ރާއްޖެ އެތެރެކުރި ޑީސެލްގެ ނިސްބަތްވަނީ 20 ޕަސެންޓް އިތުރުވެފަ އެވެ.

އެގޮތުން 2014 ވަނަ އަހަރު އެތެރެކުރި ތެލުގެ ތެރެއިން 57 ޕަސެންޓް ޕެޓްރޯލް ހިއްސާކުރި އިރު، އެ އަދަދު 2015 އަހަރު ވަނީ 77 ޕަސެންޓަށް އިތުރުވެފަ އެވެ.

comment ކޮމެންޓް