އިންތިޚާބު ފަސްކުރަން ކުރި ހުކުމްގައި ހުރި ކަންކަން ސާފުކުރަން އަނެއްކާ ވެސް ކޯޓަށް ދަނީ

އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ދެ މަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމްގައި ހުރި ސާފުނުވާ ކަންކަން އޮޅުންފިލުވުމަށް އަނެއްކާ ވެސް ކޯޓަށް މައްސަލައެއް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު ސަން އަށް ވިދާޅުވީ ވަރަށް އަވަހަށް އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހުށަހަޅަނީ ކޮން ކޯޓަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް ސިވިލް ކޯޓުން ކުރި ހުކުމްގެ ސަބަބުން އެ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ވަނީ ހުރަސް އެޅިފަ އެވެ.

ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފަށް ހުށަހެޅުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ މައްސަލަ އަނބުރާ ނަގައިފަ އެވެ. ސަބަބެއް ކަމަށް އެ ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުން އެގޮތަށް ލަފާދިނުމުން ކަމަށެވެ.

އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން އަނބުރާ ނެގީ، މައްސަލަ އިސްތިއުނާފަށް ހުށަހެޅިތާ ވިއްސަކަށް ދުވަސް ފަހުންނެވެ.

ޕީޕީއެމްގެ ބައެއް ލިޔެކިޔުންތައް ގެއްލިގެން، ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމެރީ ނުބޭވޭތީ، "ހާލަތުއް ޒަރޫރާގެ"ގެ ދަށުން އެ ޕާޓީން ކޯޓުގައި ދައުވާ ކުރި މައްސަލައަށް ރިޔާއަތްކޮށް، ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އިންތިހާބު ފަސްކުރުމުން އިލެކްޝަން ކޮމިޝަނަށް ވާ ގެއްލުމަށް ވުރެ، ޕީޕީއެމަށްވާ ގެއްލުން ބޮޑު ކަމަށެވެ.

ގެއްލުންތަކެއް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އެއީ ކިހާވަރެއްގެ ގެއްލުމެއްކަން އިލެކްޝަންސްއަށް ބުނެދެވިފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ބޭއްވުމުން ވާނެ ގެއްލުމާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ވާނެ ގެއްލުން ވަޒަން ކުރި އިރު އިލެކްޝަންސް ކޮމިޝަނަށް ވުރެ ގެއްލުން ބޮޑު ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނަށްވާ ގެއްލުމަށް އަރައިގަނެގެން ވިޔަށް ބޮޑު ގެއްލުމެއް ސަލާމަތް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް