ދޯނި އެނދީ ލައްކައަށް ވުރެ ގިނަ ރުފިޔާއާއެކު، ގެއްލުން މިލިއަނަކަށް ވުރެ ބޮޑު

މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް އެނދި "ކުރަނގި 7" ގާފަރު ފަޅުގައި އަޅާފައި-- ފޭސްބުކް

މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް، މިއަދު އަލިފާން ރޯވި ކ. ގާފަރު ދޯނި އެނދީ ލައްކައަކަށް ވުރެ ގިނަ ރުފިޔާއާއެކު ކަމަށާއި ދޯންޏަށް ލިބުނު ގެއްލުން މިލިއަނެއްހާ ރުފިޔާއަށް ވުރެ ބޮޑު ވާނެ ކަމަށް އެ ދޯނީގެ ވެރިފަރާތުގެ އާއިލާއިން ބުނެފި އެވެ.

މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް، ގާފަރާ ދިމާލުން 13 މޭލު ބޭރުގައި އޮއްވައި މިއަދު އަލިފާން ރޯވެ، އެނދީ "ކުރަނގި 7" ނަމަކަށް ކިޔާ ދޯންޏެކެވެ. ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި، އެ ދޯނީގެ ގެގަނޑު ވެސް ވަނީ އަނދައި ހުލިވެފަ އެވެ.

އެ ހާދިސާ ހިނގިއިރު، ދޯނީގައި 10 މީހުން ތިއްބެވެ. އެ މީހުން ސަލާމަތް ކުރީ މަސްވެރިކަމަށް ނުކުމެ އުޅުނު އެހެން ދޯންޏަކުންނެވެ.

"ކުރަނގި 7" ދޯނީގެ ވެރިފަރާތުގެ އާއިލާ މެމްބަރެއް ކަމަށްވާ މުހައްމަދު ޝާވިން 'ސަން' އަށް ބުނީ ދޯނީގައި އަލިފާން ރޯވީ ޕެޓްރޯލް ޕަންޕު ގޮވައިގެން ކަމަށެވެ. ޝާވިން ބުނީ 65 ފޫޓުގެ އެ ދޯނީގައި އަލިފާން ރޯވެ، އަނދާފައި ވަނީ 150،000 ރުފިޔާގެ ނަގުދު ފައިސާއާއެކުގައި ކަމަށެވެ.

"މަސްވެރިކަން ކުރަމުންދަނިކޮށް އެ ކަމެއް ހިނގީ. ދޯނި އެނދިއިރު 150،000 ރުފިޔާ ވެސް ހުންނާނެ. ދޯނީގައި ތިބި އެންމެންގެ ސާމާނުތަކާއެކު އަނދައިގެން އެ ދިޔައީ. އެއްވެސް އެއްޗެއް ސަލާމަތެއް ނުކުރެވޭ،" ޝާވިން ބުންޏެވެ.

"ދޯނީގެ އިންޖީނުގެ ބޭރު ފުށުން ގެއްލުމެއް ފެންނާކަށް ނެތް. އެކަމަކު ނަރުތަައް އަނދައިގެންގޮސްފައި ހުރީ."

"ކުރަނގި 7"ގައި ރޯވެފައި (ވ) އަދި އަލިފާން ނިއްވާލުމަށްފަހު އެ ދޯންޏަށް ލިބުނު ގެއްލުން ބަޔަކު ބަލަނީ (ކ).

އޭނާ ބުނީ ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އަލިފާންގަނޑުގެ ހުޅުގަނޑު މަޑުވުމުން، އެހެން ދޯންޏަކުން ފެން ޖަހައިގެން ކަމަށެވެ. އެމްއެންޑީއެފްގެ އަލިފާން ނިއްވާ ކޯސްޓުގާޑަށް ދޯންޏާ ހިސާބަށް ފޯރީ، ދޯނި ކަފުޖަހައިގެން ގާފަރަށް ގެންދަނިކޮށް ކަަމަށް ޝާވިން ބުންޏެވެ.

އޭނާ ބުނީ އެ ދޯންޏަކީ ލަކުނޑިން ބަދެ، ފައިބަރުކޮށްފައިވާ ދޯންޏެއް ކަމަށާއި ދޯންޏަށް 15 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. އަލިފާނުގެ ހާދިސާގައި ދޯނީގެ ތައްޓުމަތި ވެސް އަނދާފައިވާ ކަމަށާއި ބޮޑު މަރާމާތެއް ކޮށްގެން ނޫނީ ދޯނީ ބޭނުން ނުކުރެވޭނެ ކަމަށް ޝާވިން ބުންޏެވެ.

comment ކޮމެންޓް