ޓޮޓީއާ ޑި ރޮސީއާ އެކު މިއަދު އެކަނި ވެސް މަޝްހޫރު 13 ކުޅުންތެރިން ރާއްޖެ އަތުވެއްޖެ

މިއަދު ރާއްޖެ އައި ޓޮޓީ އާާއި ޑި ރޮސީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި --- ފޮޓޯ: ބުންޔާމިން

އާ އަހަރުގެ ޗުއްޓީއަށް އިޓަލީ ގައުމީ ޓީމްގެ ޑިފެންޑަރު ޑެނިއަލް ޑި ރޮސީ އާއި ރޯމާގެ މިޑްފިލަޑަރު ފްރެންސިސްކޯ ޓޮޓީ އާއި އެކު ޔޫރަޕްގެ މަޝްހޫރު 13 ކުޅުންތެރިޔަކު ރާއްޖެ އަތުވެއްޖެ އެވެ.

'ސަން ސްޕޯޓްސް' ޓީމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރެއިން ފެށިގެން މިއަދުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ އިޓަލީގެ ހަތް ކުޅުންތެރިޔަކާއި ޖަރުމަނުގެ ތިން ކުޅުންތެރިން އިތުރުން ރަޝިޔާ ކުޅުންތެރިއެކެވެ.

ޓޮޓީ އާއި ޑިރޮސީގެ އިތުރުން ދެން ރާއްޖެ އައިސްފައި ވަނީ އިޓަލީގެ ހަތް ކުޅުންތެރިންނަކީ ފިއޮރިންޓީނާގެ ޑިފެންޑަރު ޑޭވިޑޭ އެސްޓޯރީ އާއި ރޯމާގެ މިޑްފީލަޑަރު އެލެސެންޑްރޯ ފްލޮރިންޒީ އާއި ޔުއެންޓަސްގެ މިޑްފީލްޑަރު ކްލައުޑިއޯ މަރުކީސިއޯ އާއި ސްޓެފަނޯ ސްޓްރާރޯގެ އިތުރުން ސެންޓަރ ބެކް ޑެނިއަލޭ ރުގާނީ އެވެ.

މިއަދު ރާއްޖެ އައި ޔޫރަޕްގެ މަޝްހޫރު 13 ކުޅުންތެރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި --- ފޮޓޯ: ބުންޔާމިން

ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖެހި ޖަރުމަނުގެ ކުރީގެ ފޯވާޑް މިރުސްލޯވް ކްލޯސާގެ އިތުރުން ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީން ޔުއެންޓަސްއަށް ދޫކޮށްފައިވާ ހުއާން ކުއަދުރާދޯ ވެސް ވަނީ މިއަދު ރާއްޖެ އައިސްފަ އެވެ. މީގެ އިތުރުން ރަޝިޔާގެ ޒެނިތްއަށް ކުޅެމުންދާ މިޑްފީލްޑަރު ޔޫރީ ޒެކޯވް ވެސް ވަނީ މިއަދު ރާއްޖެ އައިސްފަ އެވެ.

އާ އަހަރު ފާހަގަ ކުރުމަށް މީގެ ކުރިން އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް އަދި ބަޔާން މިއުނިކްގެ ވިންގާ އާރްޔެން ރޮބެން ވެސް ވަނީ މިހާރު ރާއްޖެ އައިސްފަ އެވެ. އާ އަހަރު ފާހަގަކޮށް ޗުއްޓީ ހޭދަކޮށްލުމަށް ކޮންމެ އަހަރުކެ ވެސް މިދުވަސްވަރު ޔޫރަޕްގެ މަޝްހޫރު ފަންނާނުންނާއި ކުޅުންތެރިން ރާއްޖެ އައި ނަމަވެސް އެހެން އަހަރުތަކާ ޙިލާފަށް މި އަހަރު ރާއްޖެއައި ކުޅުންތެރިންގެ އަދަދު ގިނަކަން ފާހަކޮށްލެވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އައި 13 ކުޅުންތެރިން ރާއްޖެގައި އާ އަހަރު ފާހަގަކުރުމަށް ފަހު ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީގެ ފުރަތަމަ ހަފްތާ ތެރޭގަ އެވެ.

comment ކޮމެންޓް