'ޑަންގަލް' އަށް 'ޕީކޭ'ގެ ރެކޯޑު މުގުރާލެވިދާނެތަ؟

މިހާތަނަށް ނުކުތް ބޮލީވުޑުގެ އެންމެ މޮޅު ފިލްމަކީ އާމިރު ޚާންގެ ފިލްމު 'ޕީކޭ' އެވެ. ރާޖްކުމާރު ހިރާނީ ޑައިރެކްޓު ކުރި އެ ފިލްމު ވަނީ ހިންދީ ސިނަމާގައި މުޅިން އާ ރެކޯޑުތަކެއް ހަދައިފަ އެވެ. ފިލްމު ރިލީޒްވި ފަހުން މިހާރު ދެ އަހަރު ފާއިތުވެ، ގިނަ ފިލްމުތަކެއް ސިނަމާތަކަށް އައިސްފައިވީ ނަމަވެސް، 700 ކުރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި 'ޕީކޭ'ގެ ރެކޯޑު މުގުރާލެވިފައެއް ނުވެ އެވެ.

ގިނަ ބަޔަކު އުންމީދު ކޮށްގެން ތިބީ މި އަހަރު ނުކުތް ސަލްމާން ޚާންގެ 'ސުލްތާން' އިން ޕީކޭގެ ރެކޯޑު މުގުރާލާނެ ކަމަށެވެ. ނަމަވެސް އަހަރުގެ މޮޅު ފިލްމުގެ އެވޯޑު ހޯދި 'ސުލްތާން' އަށް ވެސް ވަނީ އެކަން ނުވެފަ އެވެ.

ބެލުންތެރިންނަށް ކޮންމެ އަހަރަކު ވެސް ބަލާލަން ލިބެނީ އާމިރުގެ އެންމެ ފިލްމެކެވެ. ނަމަވެސް އެ ފިލްމަކީ ތަފާތު ދައްކާނެ މޮޅު ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން ބެލުންތެރިންނަށް ވަނީ ލިބިފަ އެވެ. އެހެންކަމުން އާމިރުގެ ފިލްމަކަށް އަބަދު ވެސް ބޮޑު އިންތިޒާރެއް ކުރެވެ އެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އާމިރުގެ 'ޑަންގަލް' އިއްޔެ މިވަނީ ރިލީޒްކޮށްފަ އެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އާމިރު އެނބުރި އައިސްފައި މިވަނީ 'ޑަންގަލް' އާ އެކު އެވެ. އެހެންކަމުން ފިލްމާ މެދު ކުރެވޭ އުންމީދު ވެސް ދެގުނަ ބޮޑެވެ.

ކޮންމެ އަކަސް އާމިރު މިވަނީ އަނެއްކާ ވެސް އޭނާގެ ޖާދޫ ދައްކާލައިފަ އެވެ. ބޮލީވުޑްގެ ފަންނާނުންނާއި ނޫސްވެރިންނަށް ޚާއްސަކޮށް ކުރިއަށް ގެންދިޔަ ސްކްރީނިން އަށް ފަހު، ނޫސްތަކުންނާއި ފިލްމީ ތަރިން އަންނަނީ ފިލްމަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ.

'ޑަންގަލް' ބެލި ނައެއް ތަރިން ބުނެފައި ވަނީ:

ސަލްމާން ޚާން: އަހަރެންގެ އާއިލާ އިން ވަނީ 'ޑަންގަލް' ބަލާފައި. އަދި އާއިލަ އިން ގަބޫލު ކުރީ 'ސުލްތާން' އަށް ވުރެ އެތައް ތަނެއް މޮޅު ފިލްމެކޭ މިއީ. އަހަރެން ޕާސަނަލީ ވަރަށް ލޯބިވޭ އާމިރު ދެކެ އެކަމަކު ޕްރޮފެޝަނަލީ އަހަރެން އާމިރް އަށް ނަފުރަތު ކުރަން.

ޖޫހީ ޗާވްލާ: ސާބަހޭ! އާމިރު ގެނެސްދީފައިވާ މޮޅު ފިލްމު 'ޑަންގަލް' އާ ދޭތެރޭ ވިސްނުން ހުއްޓައެއް ނުލެވުނު. އާމިރު ފިލްމަށްޓަކައި ވެފައިވާ ގުރުބާނީތަކާއި ނަގާފައިވާ ރިސްކުތަކާ މެދު ވިސްނުން ހުއްޓައެއް ނުލެވޭ.

ސޮނާކްޝީ ސިންހާ: އާމިރް ޚާންގެ ފިލްމަކަށް ކުރަން ޖެހޭ ދިގު އިންތިޒާރު އަބަދުވެސް ނިމެނީ ފޮނިކޮށް. ތިޔަ ގެނެސްދިން ޖަވާހިރަށް އާމިރަށް އަދި 'ޑަންގަލް' ޓީމަށް މަރުހަބާ.

އާނަންދު ރާއި: 'ޑަންގަލް' ބަލައިފިން. އެއީ އޮރިޖިނަލް، އަސްލު، ރޫހު އެކުލެވިގެންވާ އިންޑިއާ ފިލްމެއް. ނިތޭޝް ތިވާރީ އަށް އައްސަރިބަހާ ސާބަސް. އާމިރުގެ ސަބަބުން މި ދާއިރާގެ ހިއްސާ އަކަށް ވެވުނީތީ ފަޚުރުވެރިވެވޭ.

އަރްޝަދް ވާރްސީ: 'ޑަންގަލް' އަކީ ހުރިހާ ޑިޕާޓްމަންޓަކަށް ބެލި ނަމަވެސް ފުރިހަމަ ފިލްމެއް. ގިނަ ދުވަސްތަކެއް ވަންދެން އަހަރެންގެ ހިތުގައި މި ފިލްމު ވާނެ. ފިލްމުގެ ކާސްޓިން ވަރަށް ފުރިހަމަ.

އެއީ މިހާތަނަށް ނުކުތް އާމިރުގެ އެންމެ މޮޅު ފިލްމު ކަމަށާއި، އޭނާގެ ކޮންމެ ފިލްމެއް ވެސް ދެން މިން ކުރާނެ ތިލަފަތަށް 'ޑަންގަލް' ގައި އޭނާ ދައްކުވައިދީފައިވާ އެކްޓިން ވާނެ ކަމަށް ނޫސްވެރިން ވެސް ވަނީ ބުނެފަ އެވެ.

އަދި 'ޑަންގަލް'އާ އެކު އާމިރު އަމިއްލަ އަށް، އޭނާގެ 'ޕީކޭ'ގެ ރެކޯޑު މުގުރާލުން އެކަށީގެންވާ ކަމަށް ޓްރޭޑް އެނަލިސްޓުން މިވަނީ ބުނެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިލްމުގެ ސްކްރީނިން އަށް ފަހު އާމިރު ވަނީ ރައްޔިތުން އޭނާގެ ފިލްމާ މެދު ދެކޭނެ ގޮތެއް ނޭނގޭތީ ހާސްވާ ކަމަށް ބުނެފަ އެވެ. އާމިރު ބުނީ ފިލްމަށް ލިބޭ ޢާމްދަނީ އަކީ އޭނާ ބަލަން ބޭނުންވާ އެއްޗެއް ނޫން ކަމަށާއި އޭނާ އަށް މުހިންމީ ރައްޔިތުން އޭނާގެ ފިލްމާ މެދު ބުނާ އެއްޗެއް ކަމަށެވެ.

އާމިރު ހާސްކަމުގައި ލޮލަށް ނިދި ނައިސްގެން އުޅެނިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމު މިވަނީ ރިލީޒް ކޮށްފަ އެވެ. އިންޓަނޭޝަނަލް މާކެޓް ތަކުގެ މައުލޫމާތު އާންމު ކޮށްފައި ވާއިރު، އަނެއްކާ ވެސް ބޮލީވުޑުގެ ތާރީޚު ބަދަލުވާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފަ އެވެ.

ޔޫއޭއީ: 4.63 ކުރޯޑު ރުޕީޒް

ޔޫކޭ: 98.67 ލައްކަ ރުޕީޒް

އެމެރިކާ: 282,280 ޑޮލަރު

ކެނެޑާ: 42,816 ޑޮލަރު

އިންޑިއާ އިން ބޭރުގައި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ފުރަތަމަ ދުވަހުގެ އިތުރުން ހަފްތާ ބަންދުގައި ވެސް އިންޑިއާގެ ބޮޑެތި ގިނަ ސިނަމާތައް ވަނީ އެއްކޮށް ބުކް ވެފަ އެވެ.

ޓްރޭޑް އެނަލިސްޓުން ލަފާ ކުރާ ގޮތުގައި، 'ޑަންގަލް' އާއެކު ބޮލީވުޑްގެ ގިނަ ރެކޯޑުތަކެއް އާވެގެން ދާނެ އެވެ.

'ޑަންގާލް' އަކީ ފައިސާގެ ދަތިކަމުގެ ސަބަބުން، ރެސްލިންގައި އިންޑިއާ އަށް ރަން މެޑައްޔެއް ހޯދައި ދިނުމަށް ދެކެމުން އައި ހުވަފެން ދޫކޮށްލަން ޖެހުނު ކުރީގެ ރެސްލިން ކުޅުންތެރިޔާ މަހާވީރު ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އެ ފިލްމުގައި ފެނިގެން ދާނީ މަހާވީރު (އާމިރު) ގެ ހުވަފެން ހަގީގަތަކަށް ހަދައި އިންޑިއާ އަށް ރެސްލިންގްގައި ފުރަތަމަ، ރަން މެޑަލް ހޯދައިދިން އޭނާގެ އަންހެން ދަރިފުޅު ގީތާ އާއި ރެސްލިންގައި ރަން ވަނަތަކެއް ހޯދައިފައިވާ އޭނާގެ ދެވަނަ އަންހެން ދަރިފުޅު ބަބީތާގެ ހަޔާތުގެ ވާހަކަތަކެެވެ.

comment ކޮމެންޓް