ތިޖޫރިއަކަށް ފަހު ތިޖޫރިއެކެވެ. ވައްކަމަކަށް ފަހު ވައްކަމެކެވެ. މާލެއެއް އަތޮޅުތެރެއެއް ނެތެވެ. ވައްކަމާއި ފޭރުން ދޭތެރެ ދޭތެރެއިން ހިންގަމުންދެ އެވެ. ހާއްސަކޮށް ދައުލަތުގެ އެތައް މުއައްސަސާއަކަށްވަދެ އެތައް ފައިސާއެއް ވަގަށް ނެގުމާއި ގެއްލުންތައް ދިނުމަކީ ފަހުން ވެސް ހިންގާފައިވާ ކަންކަމެވެ. ބޮޑެތި ގެއްލުންތަކެއް ލިބޭ އެކަންކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފަ އެވެ. އެއީ ސެކިއުރިޓީ ގާޑުން ބެހެއްޓުމެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ދައުލަތުގެ އެކި އިދާރާތަކުގެ ސަލާމަތީ ކަންކަން ބެހެއްޓުމަށް މީހުން ބަހައްޓާފައި ތިބޭ އިރު ގިނަ މީހުން ބައި ތިއްބާފައި ތިބެނީ ރޭގަނޑު ޑިއުޓީއަށެވެ. އެކަމުގެ ސަބަބުން އެ އިދާރާތަކަށް ރައްކާތެރިކަން ލިބެމުން ދިޔަ ނަމަވެސް ދެކޮޅު ނުޖެހޭ ބޮޑު ކަމެއް އެބައޮތެވެ. އެއީ ބައެއް ރޭރޭ ޑިއުޓީ ނުކުރުމެވެ.
އަތޮޅުތެރޭ ބައެއް އިދާރާތަކަށް ބަލާއިރު ހުކުރު ދުވަހު އެއްގޮތަކަށް ވެސް ޑިއުޓީ ނުބަލަހައްޓާ ތަންތަން ހުރެ އެވެ. އެއީ ސެކިއުރިޓީ ގާޑަށް ޗުއްޓީ ދުވަހެވެ. އަދި އަނެއް ބައި އިދާރާތަކުގެ ސެކިއުރިޓީ ބަލަހައްޓާ މީހާއަށް ސަރުކާރު ބަންދު ދުވަސްތައް ބަންދުވެ އެވެ. އެހެންކަމުން އެ ރޭތަކަކީ ސެކިއުރިޓީ ނުބަލަހައްޓާ ރޭރެ އެވެ.
ދެކޮޅު ނުޖެހޭ އެ އުސޫލުގެ ސަބަބުން ސެކިއުރިޓީ ގާޑު ބެހެއްޓުމުގެ މަގުސަދު ހާސިލްވާ ކަމަކަށް ނުފެނެ އެވެ. ސެކިއުރިޓީ ގާޑުން ނުތިބޭނެ ދުވަސް އެންމެނަށް އިނގޭއިރު އެއީ ވަގުންނަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. ވަގުން ވައްކަން ނުކުރާނެ ކަމެއް ކަނޑައެޅޭ ނަމަ މުޅި ހަފްތާ އެއްކޮށް އެގޮތަށް ކަނޑައެޅުން މާ ރަނގަޅެވެ.
"އެއީ ވަރަށް ހެއްވާ އުސޫލެއް، އެކަމަކު އެއީ އަންގާފައި އޮންނަ ގޮތް، އެއްގޮތަކަށް ވެސް ހަމަޖެހޭ އުސޫލެއް ނޫން މިއީ،" ރަށެއްގެ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔަކު ވިދާޅުވި އެވެ.
ސްކޫލާއި ސިއްހީ މަރުކަޒުތަކުގެ އިތުރުން ކައުންސިލް އިދާރާއި ރަށު ކޯޓުތައް ފަދަ އިދާރާތަކުގައި ސެކިއުރިޓީ ބަލަހައްޓަން ކޮންމެ އިދާރާއަކަށް އެކަކަށް ވުރެ ގިނަ މީހުން ތިބޭ އިރު 4000 ރުފިޔާ އާއި 8000 ރުފިޔާއާއި ދޭތެރޭގެ މުސާރައެއް ގިނަ ތަންތަނުންދެ އެވެ.
ވެރިރަށް މާލެއިން ފެށިގެން އަތޮޅުތެރެއަށްބަލާ އިރު ވެސް އަގުބޮޑެތި މުދަލުގެ ރައްކާތެރިކަން ބަލަހައްޓަން ބައިތިއްބާ ގާޑުންނަކީ އެކަށޭނަ ތަމްރީނެއް އަދި ވަސީލަތެއް ވެސް ފޯރުކޮށްދީފައިވާ ބައެއްނޫނެވެ. ނަތީޖާއެއްގެ ގޮތުން ގާޑު ނިދާފައި ތިއްބައި ނުވަތަ ގާޑު ބަނދެފައި ވެސް ކުރާނެކަމެއް ކުރަނީ އެވެ.
އަމިއްލަ ސެކިއުރިޓީ ކުންފުނިތައް ނުވަތަ ވަކިވަކި ފަރުދުން، މުދަލާއި ދިރިއުޅުމުގެ ފާރައަށް ބެއިތިއްބުމަކީ ރާއްޖޭގައި ވެސް ކުރާ ވިޔަފާރިއެކެވެ. ނަމަވެސް ގިނަ ފަހަރަށް އެކަން ކުރަނީ ނަމެއްގަ އެވެ. އެކަށޭނަ ވަސީލަތް ބޭނުންނުކުރާ އިރު ގާބިލް މީހުން ބޭނުންކުރާތަން ވެސް ފެންނަނީ ވަރަށް މަދުންނެވެ. ބޮޑު ޒިންމާގައި ތިބޭ އިރު ވެސް ގިނައިން ތިބެނީ ގުގުރީގަ އެވެ.
ފުލުހުންގެ ސެންޓަރަލް އޮޕަރޭޝަން ކޮމާންޑަރު ހަމްދޫން ރަޝީދު ވިދާޅުވީ، ސެކިއުރިޓީ ގާޑުން ބެހެއްޓުމުގެ މަގުސަދުތައް ހާސިލްނުވާ ކަމަށާއި އެކަންކަން އިސްލާހު ކުރުމަށް ސެކިއުރިޓީ ކުންފުނިތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ސެކިއުރުޓީ ކުންފުނިތަކުން ބުނާގޮތުގައި ފެންވަރު ރަނގަޅު ހިދުމަތެއް ގާބިލް މީހުން ބައިތިއްބައިގެން ނުކުރެވެނީ ހިދުމަތް ހޯދާ ފަރާތްތަކުން އެކަމަށް ހަރަދު ކުރަން ބޭނުންނުވާތީ އެވެ. މިހާރު ދޭ ބަޖެޓުން ކަނޑައެޅޭނީ މިހާރު އެދޭ ފެންވަރު ކަމަށް އެހިދުމަތްދޭ ފަރާތްތަކުން ބުނެ އެވެ.
"އަގުހެޔޮކޮށް ބޭނުންވާތީ ގިނަ ކުންފުނިތަކުން އަގުހެޔޮކޮށް ލިބޭ ފަރާތްތައް ސެކިއުރިޓީއަށް އެ ބައިތިއްބަނީ، ފެންވަރު ރަނގަޅު ގާޑަކު އެދޭ މުސާރާގައި ނުހުންނާނެ،" ސެކިއުރިޓީ ކުންފުންޏެއް ހިންގާ ފަރާތަކުން ބުންޏެވެ.
ކޮންމެއަކަސް ގަދަ ގުގުރީގެ އިތުރުން އަނެއްކާ މިވަނީ އެހެން މައްސަލައެއް ފެންމަތިވެފަ އެވެ. މިފަހަރު ކުރިމަތިވެފައިވާ މައްސަލައަކީ މަގުސަދު ހާސިލްނުވާ ގޮތަށް ސެކިއުރިޓީގެ ކަންކަން ކުރިއަށްގެންދިއުމެވެ. ވަކި ދުވަހެއްގައި ސެކިއުރިޓީ ނުބަލަހައްޓާ އުސޫލެއް ގެންގުޅުމަކީ ވަގުންނަށް ދޭ ފުރުސަތެކެވެ.