ސީރިޔާގެ ކުދިންނަށް ރޮނާލްޑޯގެ މެސެޖް: "ތިއީ ހަގީގީ ބަތަލުން، އުއްމީދު ގެއްލުވާ ނުލާ"

ކްރިސްޓިއާނޯ ރޮނާލްޑޯ ---

ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހާލުގައި ޖެހިފައިވާ ޖަމިއްޔާއެއް ކަމަށްވާ "ސޭވް ދަ ޗިލްޑްރެން" އިން ބުނިގޮތުގައި، ޕޯޗުގަލްގެ ތަރި ދިން ދީލަތި އެހީ ހަރަދު ކުރާނީ، ސީރިއާގެ ހަލަބާއި އެގައުމުގެ އެކިކަންކޮޅުތަކުގައި ތިބި އާއިލާތަކަށް ކާނާ އާއި އަންނައުނުގެ އިތުރުން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ނަމަވެސް ރޮނާލްޑޯ ދީފައިވަނީ ކިހާވަރެއްގެ އެހީއެއް ކަމެއް ހާމަކޮށްފައެއްނުވެއެވެ.

ސީރިއާގެ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްފަހު ރޮނާލްޑޯގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އޭނާ ވަނީ އެކުދިންނަށް ހާއްސަ މެސެޖެއްވެސް ފޮނުއްވާފައެވެ.

"އަހަރެމެންނަށް އެނގޭ ތިކުދިން ތިދަނީ ވަރަށް ބޮޑަށް ތަހައްމަލުކުރަމުންކަން. އަހަންނަކީ ވަރަށް މަޝްހޫރު ކުޅުންތެރިއެއް. އެކަމަކު ތިކުދިންނަކީ ހަގީގީ ބަތަލުންނަކީ. އުއްމީދު ގެއްލުވާ ނުލާ. ދުނިޔެ ވަނީ ތިކުދިންނާއެކީ. އަހަރެން ތި ކުދިންނަށް އަޅާލަން. އަހަރެން މިހުރީ ތި ކުދިންނާއެކީ،" ރޮނާލްޑޯގެ މެސެޖުގައި ބުނެފައިވެއެވެ.

"މީހުންގެ ދިރިއުޅުން ރަނގަޅުކުރުމަށް ރޮނާލްޑޯ ދޭ އެހީތެރިކަމާ އެއްބާރުލުމަށް އަހަރެމެން ވަރަށް އުފާވޭ. ރޮނާލްޑޯއަކީ ހަމައެކަނި ދުނިޔޭގެ މަޝްހޫރު ކުޅުންތެރިއެއް ނޫން. ނަމަވެސް އެއީ ދުނިޔޭގެ އެތައް އަންހެން ކުދިންނަކާއި ފިރިހެން ކުދިންގެ އުއްމީދާ ގުޅިފައިވާ ދަންމަރެއް. އަދި އުއްމީދަކީ މިއަދު ސީރިއާ ކުދިންނަށް މިހާރު އެންމެ ބޭނުންވާ އެއްކަންތައް،" ސޭވް ދަ ޗިލްޑްރަންގެ ޑިރެކްޓަރު ނިކް ފިނޭ ވިދާޅުވިއެވެ.

ހަތަރު އަހަރު ވަންދެން ސީރިއާގެ ސަރުކާރަށް ވަފާތެރި ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ކުރި ވަރުގަދަ ހަނގުރާމަ ހުއްޓާލައި އިދިކޮޅު ހަނގުރާމަވެރިން ހަލަބުން ނުކުމެފައިވާއިރު، ސީރިއާ ސަރުކާރަށް ވަފާތެރި ސިފައިން ވަނީ ހަލަބު އަނބުރާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އިއްޔެ ގެނެސްފައެވެ.

comment ކޮމެންޓް