އަލިފާން ނިއްވާ ނިޒާމް ގާއިމްނުކުރާ ތަންތަނާ މެދު ފިޔަވަޅު އަޅާނެ އުސޫލެއް އެކުލަވައިލަނީ

އަލިފާނުގެ ހާދިސާތައް މަދުކުރުމަށް ޓަކައި އެމްއެންޑީއެފް އިން ފަށާފައިވާ ޚާއްސަ އޮޕަރޭޝަނަށް ފަހު ސަލަމަތީ ކަންކަން ވަކި މިންގަނޑަކަށް މަދުކުރުމަށް ޓަކައި ފިޔަވަޅު އަޅާނެ ނިޒާމެއް ގާއިމްކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިއަދު ކަލުތުއްކަލާ ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ "އޮޕަރޭޝަން ހިރާސް ފާސް"ގެ ނަމުގައި ސިފައިން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނަށް ފަހު ސަލަމަތީ ކަންކަން ބަހައްޓާނެ އުސޫލެއް އެކުލަވައިލާނެ ކަމަށެވެ.

އެ އޮޕަރޭޝަންގެ ދަށުން ޗެކްކުރަނީ ކެފޭ، ހޮޓާ، ރެސްޓޯރަންޓުތަކާއި ގުދަންތަކާއި ގަރާޖުތަކެވެ.

މިނިސްޓަރު ވިދާޅުވީ އަމާޒަކީ ބަލައި ފާސްކުރުމުގެ ކަންތައް މިމަހުގެ ނިޔަލަށް ނިންމުން ކަމަށާއި އަންނަ މަހުގެ ތެރޭގައި އެފަދަ ތަންތަނުގައި ސަލާމަތީކަންކަން ހުންނަން ޖެހޭ ގޮތުގެ އުސޫލު އެކުލަވައިލާނެ ކަމަށެވެ.

އުސޫލު އެކުލަވައިލުމަށް ފަހު އެއާއެއްގޮތަށް އަމަލުކުރުމަށް ވަކި މުއްދަތެއްދެވޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ކަންކަން އިސްލާހު ނުކުރާ ތަނަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"މިކަންކަން ކުރުމުގެ އެންމެ ބޮޑު ބެނުމަކީ ރައްޔިތުންގެ މުދަލާއި ފުރާނައަށް ނުރައްކާވާނެ ހާލަތްތައް މަދުކުރުމާއި އަދި ހަމައެއާއެކީގައި ވިޔަފާރިވެރިންނަށް ވެސް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޓަކައި އަޅުގަނޑުމެން މަސައްކަތްކުރުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމާންޑަރު ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ އިއްޔެއާ ހަމައަށް 744 ތަނެއް އެ އޮޕަރޭޝަންގެ ދަށުން ޗެކްކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި މާލޭގެ 75 ޕަސެންޓު ތަންތަނާއި ވިލިމާލޭގެ 95 ޕަސެންޓު ތަންތަނާއި ހުޅުމާލޭގެ 23 ޕަސެންޓު ތަންތަނުގެ އިތުރުން ތިލަފުށީގެ 39 ޕަސެންޓު ތަންތަން ހިމެނޭ ކަމަށް ޒުހުރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނުވަދެވޭތީ ޗެކްނުކުރެވޭ 75 ތަނެއް އެބަހުރި ކަމަށާއި އެތަންތަން ޗެކްކުރުމަށް ކުރަން ޖެހޭ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

"މި މައުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެންނަށް އެނގޭނެ ކޮންކަހަލަ ފިޔަވަޅުތަކެއްކަން އަޅަންވީ. އަދި އަޅުގަނޑުމެން އެ ފިޔަވަޅުތައް އެނަލައިޒް ކުރުމަށް ފަހު އެނަލިސިސްއެއް އަޅުގަނޑުމެންގެ ލީޑަޝިޕަށް އަރުވާނަން،" ޒުހުރީ ވިދާޅުވި އެވެ.

ފަޔާ އެންޑް ރެސްކިއު ސާވިސްގެ މައިގަނޑު ބޭނުމަކީ އަލިފާނުން ރައްކާތެރި މާހައުލެއް މާލެއާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގާއިމްވެގެން ދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެއާ ހަމައަށް ޗެކްކުރި ތަންތަނުގެ ތެރެއިން 350 ތަނެއްގައި އަލިފާން ނިއްވާނެ ވަސީލަތްތައް ގާއިމްކޮށްފައިނުވާ ކަމަށާއި އެފަދަ ވަސީލަތްތައް ގާއިމްކޮށްފައި ވަނީ 195 ތަނެއްގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އިއްޔެ ޗެކްކުރި ތަންތަނުގެ ތެރެއިން 75 ޕަސެންޓުތަންތަން ވަނީ އިންޝުއާނުކޮށް ކަމަށާއި އިންޝުއާކޮށްފައި ވަނީ ހަމައެކަނި 25 ޕަސެންޓުތަންތަނުގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ޑިފެންސް މިނިސްޓަރު މިއަދު ދެއްކެވި ވާހަކަފުޅުގައި ގުދަންތަކާއި ގަރާޖު ފަދަ ތަންތަން އިންޝުއާކޮށްފައި ބެހެއްޓުމަކީ މިއަދު ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވި އެވެ.

comment ކޮމެންޓް