23 ފުލެޓެއްގައި ނުގަވައިދުން ބޭނުންކޮށްފައިވާ ޖާގަތައް ހުސްކޮށްފި

ފުލެޓުތަކުގައި ގަވައިދާ ހިލާފަށް ބޭނުންކުރަމުންދާ ސަރަހައްދު ހުސްކުރަނީ-- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ފުލެޓުތަކުގައި ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ޖާގަތަކުގެ ތެރެއިން 23 ޔުނިޓެއް އިސްލާހުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލޭގެ ފުލެޓުތަކުގެ ތިރީގައިވާ ހުސް ޖާގަ، އެ ފުލެޓުތަކުގައި ދިރިއުޅޭ އެންމެން ބޭނުން ކުރުމަށް ހާއްސަކޮށްފައިވީ ނަމަވެސް އެތަންތަން ހިޔާކޮށް ކުއްޔަށް ދިނުން ފަދަ ކަންކަން ކުރެ އެވެ. އެޗްޑީސީ އިން އެތަންތަން ހުސްކުރަން ދީފައިވާ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.

އެޗްޑީސީގެ ޑިރެކްޓަރު އަލީ ޝަރީފް ސަން އަށް ވިދާޅުވީ އެ ޖާގަތައް ހުސްކުރަން އެއްބާރުލުން ދޭ 46 ޔުނިޓުގެ ތެރެއިން 23 ޔުނިޓެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އިތުރަށް ހުރި ތަންތަން އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަލީ ޝަރީފް ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ތިން، ހަތަރު ޔުނިޓެއްގެ މަސައްކަތް ކުރަމުން ދަނީ، އަޅުގަނޑުމެން މިމަސައްކަތް ފެށުމުން އަމިއްލައަށް ވެސް ރަނގަޅު ކުރަމުން އެބަދޭ،" އަލީ ޝަރީފް ވިދާޅުވި އެވެ.

އެޗްޑީސީގެ މުނިސިޕަލް ޑިރެކްޓަރު އިސްމާއިލް ޝާން ރަޝީދު ވިދާޅުވީ، އެ ޖާގަތައް ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ ބޮޑު ކަމަށާއި އެކަމުގެ ސަބަބުން ފްލެޓުތަކުގެ މަރާމާތަށް ވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

"މިގޮތަށް ތަންތަން ހަދާފައި ހުންނާތީ ފްލެޓުތަކުގެ މަތީގައި ތިބޭ ފަރާތްތަކަށް ކަމެއް ދިމާވިޔަސް އަޅުގަނޑުމެން މެއިންޓެނަންސް ޓީމަކަށް އެކްސަސް ނުވެވޭ. މިއީ ވަރަށް ބޮޑު ދައްޗެއް،" ޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެގޮތަށް އެ ޖާގަތައް ބޭނުންކުރާތީ އަލިފާނުގެ ހާދިސާއެއް ކުރިމަތިވިޔަސް ނުރައްކާތެރިކަން ބޮޑުވެގެންދާނެ ކަމަށެވެ.

ފުލެޓުތަކުގެ ޖާގަ ނުގަވައިދުން ބޭނުންކުރާތީ ފިޔަވަޅު އަޅާއިރު ހުޅުމާލޭ ގޮނޑުދޮށްތަކުގައި ގަވައިދާ ހިލާފަށް ގޮނޑި މޭޒު ޖަހައި ވިޔަފާރި ކުރުމަކީ ވެސް ވަރަށް އާންމު ކަމެކެވެ.

comment ކޮމެންޓް