Sun Online
އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---
އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒިޔާރަތްފުޅުގެ އެތެރޭގެ ކުރެހުމެއް---
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒިޔާރަތްފުޅުގެ އެތެރޭގެ ކުރެހުމެއް---

އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

އެ ފައްވާރާއަށް ފެން ގެންނެވުމަށްޓަކައި ވަރަށް ގިނަ ވަޅުތައް ކޮންނަވައި ހޮޅިވަޅުލެއްވިއެވެ.

މިސްކިތުގެ މަސައްކަތް ނިންމަވައިލެއްވުނީ ތިންއަހަރު ދުވަހުންނެވެ. ހިޖްރައިން ނުވަދިހަ އެއްވަނަ އަހަރު ޚަލީފާ ވަލީދު މިސްކިތް ބައްލަވައިލައްވަން މަދީނާއަށް ވަޑައިގެންނެވިއެވެ. މިސްކިތުގެ ފުރިހަމަކަމާމެދު ވަރަށް ބޮޑަށް އުފާކުރެއްވިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު، އަލްމަސްޖިދުއްނަބަވީ ބިނާކުރައްވައި ނިންމެވުމަށްފަހު، ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގައި ނަމާދުކުރެއްވި ކޮންމެ ތަނެއްގައި މިސްކިތެއް އިމާރާތް ކުރެއްވިއެވެ. އެމިސްކިތްތައް ވެސް އިމާރާތްކުރެއްވީ މޮޅު ހިލައިންނެވެ.

ޒިޔާރަތްފުޅު މަރާމާތުކުރެއްވުން

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އުންމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކޮޓަރިކޮޅުގެ ބިތްކޮޅު ހައްދަވައިފައިހުރީ ކަދުރުރުކުގެ ވަކަރުންނެވެ. އެންމެ ފުރަތަމަ އެކޮޓަރިކޮޅު ރޭނުއްވީ އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުއެވެ. އުމަރުގެފާނު އެކޮޓަރިކޮޅު ރޭނުއްވީ ތަންކޮޅެއް ތިރިކޮށެވެ. އެއަށްފަހު ޢަބްދުﷲ ބުނުއް ޒުބައިރު ރަޟިޔަﷲ ޢަންހު އެކޮޓަރިކޮޅުގެ ފާރުކޮޅު އުސްކުރެއްވިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ހިޖްރައިން 91ވަނަ އަހަރު ޒިޔާރަތްފުޅުގެ ވަށައިފާރުކޮޅުތައް ކަޅުހިލައިން އަލުން ރޭނުއްވިއެވެ. މިކަމާ ބެހޭގޮތުން ޢުރުވަތު ބުނުއް ޒުބައިރު ރަޙިމަހުﷲ ރިވާކުރައްވައިފައިވެއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ މަސްޖިދުއްނަބަވީ ޢިމާރާތްކުރެއްވިއިރު އުންމަހާތުލް މުއުމިނީންގެ ކޮޓަރިކޮޅުތައް މިސްކިތާ އެއްކުރެއްވުމަށްޓަކައި އެކޮޓަރިކޮޅުތައް ތަޅުއްވައިލެއްވިއެވެ. އޭގެ ސަބަބުން އުއްމުލްމުއުމިނިން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކޮޓަރިކޮޅުގެ އިރުމަތީފާރުކޮޅު ބަލިކަށިވެ ފާރުކޮޅު ވެއްޓުނެވެ. އެފާރުކޮޅު ރޭނުއްވުމަށްޓަކައި ބިންގާ ކޮންނެވުމުގެ ތެރޭގައި ރައުޟާ ޝަރީފާގައި ފަސްދާނުވެޑުވިފައި ތިއްބެވި ތިންބެކަލުންކުރެ އެއް ބޭކަލެއްގެ ފައިތިލަފުޅު ހާސާވިއެވެ. މަދީނާގެ އެންމެންވެސް އެކަމާ ވަރަށް ފިކުރުބޮޑުވިއެވެ. ފަހަރެއްގައި އެފައިތިލަފުޅަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަރަކާތްތެރި ފައިތިލަފުޅުކަމުގައި ވެދާނެތީއެވެ. އެއްވެސް މީހަކަށް ކަނޑައަޅައި ވަކި ގޮތަކަށް ބުނާކަށެއް ނޭނގުނެވެ. އެހިނދު ޢުރުވަތު ބުނުއް ޒުބައިރު ރަޙިމަހުﷲ އެފައިތިލަފުޅު ބެއްލެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތްﷲ ގަންދެއްވައި ވިދާޅުވަމެވެ. މިއީ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ފައިތިލަފުޅެވެ.

މިކަމާ ބެހޭ އިތުރު ތަފްޞީލު ދެއްވުމަށް ޢަބްދުﷲ ބުނު މުޙައްމަދު ބުނު ޢަޤީލު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ރޭގަނޑުގެ ފަހުބައިގައި މަސްޖިދުއްނަބަވީއަށް ދިޔުމަކީ އަހަރެންގެ އާދައެކެވެ. އަހަރެން މިސްކިތަށް ގޮސް އެންމެ ފުރަތަމަ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސަލާމް ދަންނަވަނީއެވެ. ދެން އަހަރެން ނަމާދުކުރާ ތަނަކަށްގޮސް ފަތިސްނަމާދުކޮށް ނިމެންދެން އެތާ އިންނަނީ އެވެ. ވާރޭ ވެހުނު ރެއެކެވެ. އަހަރެން މިސްކިތަށް ދާންގޮސް މުޣީރަތު ބުނު ޝުޢުބާ ރަޟިޔަﷲގެ ގެކޮޅާ ހަމަވީތަނާ ވަރަށް މީރު ވަހެއް ދުވާން ފަށައިފިއެވެ. އެފަދަ މީރުވަހެއް ދުވަހަކުވެސް އަހަރެންގެ ނޭފަތުގައި ޖެހިފައެއް ނުވެއެވެ. މިސްކިތަށް ވަދެފައި އަހަރެންގެ އާދައިގެ މަތީން އެންމެ ފުރަތަމަ ދިޔައީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒިޔާރަތްޕުޅުގެ އަރިހަށެވެ. އޭރު ޒިޔާރަތްޕުޅުގެ ފާރުކޮޅު އޮތީ ވެއްޓިފައެވެ. އަހަރެން އެތެރެޔަށް ވަދެ ސަލާމް ދަންނަވައިފީމެވެ. ކުޑައިރުކޮޅެއްވީތަނާ މަދީނާގެ ގަވަރނަރ ޢުމަރު ބުނު ޢަބްދުލްޢަޒީޒު ވަޑައިގެންފިއެވެ. އެކަލޭގެފާނަށް އޮތީ ފާރުކޮޅުވެއްޓުނުކަން އެނގިވަޑައިގެންފައެވެ. އެކަލޭގެފާނު ވަޑައިގެން ޤުބާޠީ ފޮތީން (މިސުރުގައި ވިޔާ ކަޅުކުލައިގެ ބޯ ފަށުވި ފޮތްޗެއް) ޒިޔާރަތްޕުޅު ފޮރުވަން އެންގެވިއެވެ. ފަތިސްވުމުން ރޭނުމުގެ މާހިރެއްކަމުގައިވާ ވަރުދާން ގެންނަވައި އޭނާ އެތެރެޔަށް ވެއްދެވިއެވެ. އޭނާ އެތެރެޔަށް ވަދެފައި ދެންނެވިއެވެ. ކޮންމެހެންވެސް އަޅުގަނޑާއެކު އަދި އެކަކު ފޮނުއްވާށެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ހެދުންކޮޅު ކޮށިކޮށްލައްވައި އެތެރެޔަށް ވެދެވަޑައިގަންނަވާން ތައްޔާރުވެ ވަޑައިގެންނެވިއެވެ. އެވަގުތު ޤާސިމު ބުނު މުޙައްމަދު ބުނު އަބީބަކުރު އާއި ސާލިމު ބުނު ޢަބްދުﷲ ބުނު އުމަރު (ރަޙިމަހުމުﷲ)ވެސް އެތެރެޔަށް ވެދެވަޑައިގަންނަވަން ތައްޔާރުވެ ވަޑައިގެންނެވިއެވެ. އުމަރު އެބޭކަލުންނަށް ވިދާޅުވިއެވެ. ތިޔަބޭކަލުން ތިޔަ އުޅުއްވަނީ ކީއްކުރަންވަންތޯ އެވެ؟ އެބޭކަލުން ވިދާޅުވިއެވެ. " މާތްﷲ ގަންދެއްވަމުއެވެ. އަޅުގަނޑުމެންވެސް ކަލޭގެފާނުގެ އަރިހުގައި އެތެރެޔަށް ވަންނާނޫއެވެ. އެބޭކަލުން އެހެން ވިދާޅުވުމުން ޢުމަރު މަޑުކޮށްލެއްވިއެވެ. ޢުމަރު ވިދާޅުވިއެވެ. " އަޅުގަނޑު ގިނަ ބަޔަކު އެތެރެޔަށް ވައްދައި އުނދަގޫކުރާކަށެއް ބޭނުމެއްނޫނެވެ." ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުމުﷲ އެކަލޭގެފާނު މިނިވަންކުރެއްވި އަޅެއްކަމުގައިވާ މަޒާހިމު ގާތު ވިދާޅުވިއެވެ. "ތެދުވާށެވެ! ކަލޭގެ އެކަނި އެތެރެޔަށް ވަންނާށެވެ." ޒިޔާރަތްފުޅުގެ ފާރުކޮޅު (ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގެ ފާރުކޮޅު) ރާނައި ނިމުމުން މަޒާހިމު ގާތު ވިދާޅުވިއެވެ. "އެތެރެޔަށް ވަދެ ވެއްޔާއި ހިރަފުސް ފޮޅައި ސާފުކޮށްލާށެވެ." ޢުމަރު ވިދާޅުވިއެވެ. "މަޒާޙިމު އެކުރި މަސައްކަތް ކުރުމުގެ ނަސީބު އަހަންނަށް ލިބުނު ނަމަ ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއް ލިބުމަށްވުރެ އަހަރެން އުފާވީހެވެ."

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެމާތް ސާހިބާގެ ދެމިތުރުންގެ ޤަބުރުފުޅުގެ ވަށައިގެން ހަތަރެސްކަން ފާރުކޮޅެއް ލެއްވުމަށްފަހު(ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގެ ފާރުކޮޅު ރޭނުއްވުމަށްފަހު) އެފާރުކޮޅުގެ ބޭރުން ފަސްކަނަށް ހުންނަ ފާރުކޮޅެއް ވެސް ރޭނުއްވިއެވެ. އެފާރުކޮޅުގެ އުތުރު ފަރާތް ރޭނުއްވީ ތިނެސްކަނަށެވެ. އެފާރުކޮޅަށް ކިޔެނީ "ޙާއިޒު މަޚްމަސް" އެވެ. އެފާރުކޮޅުގައި އެއްވެސް ދޮރުކޮޅެއް ނުހުރެއެވެ. އުސްމިނުގައި ގާތްގަނޑަކަށް ހަމީޓަރު ބައި ހުރެއެވެ. އެއްވެސް މީހަކަށް އެތެރެޔަށް ވަދެވުނަ ނުދެއްވުމަށްޓަކައެވެ. އެތެރެ ފެނުނަ ވެސް ނުދެއްވުމަށްޓަކައެވެ. "ޙުޖުރާޝަރީފާ"ގެ ނަންދެވިފައިވަނީ އެ ފަސްކަންކޮޓަރިކޮޅަށެވެ. އެކޮޓަރިކޮޅު ހުންނަނީ ކަޅުފަށުވިފޮތީން ފަރުދާކޮށްފައެވެ.

"ޒިޔާރަތްފުޅު" ނުވަތަ "މަޤްޞޫރާ ޝަރީފާ" ގެ ނަމުގައި އަޅުގަނޑުމެން މިދެކޭ އެކަތަ އާއި ރަންވަންލޯ ގެ ޖާލިކޮޅުތަކުން ވަށައިލެވިފައިވާ ކޮޓަރިކޮޅު ހުންނަނީ ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރޭނުއްވި ފަސްކަންފާރުކޮޅުގެ ބޭރުންނެވެ. އެ ކޮޓަރިކޮޅު އެންމެ ފުރަތަމަ ހެއްދެވީ ސުލްޠާނު ރުކުނުއްދީން ބައިބަރަސްއެވެ. ހިޖްރައިން 668 ގައެވެ. އެކޮޓަރިކޮޅުގެ ބޮޑުމިނަކީ ދެކުނުން އުތުރަށް ސޯޅަ މީޓަރެވެ. އިރުން ހުޅަނގަށް ފަނަރަ މީޓަރެވެ. ސުލްޠާން ރުކުނުއްދީނު އެކޮޓަރިކޮޅުގެ ޖާލިކޮޅުތައް ހެއްދެވީ ލަކުޑިންނެވެ. އުސްމިނަކީ މެދުމިނު މީހެއްގެ ދެ އިސްކޮޅެވެ. އެއަށްފަހު ޝާހު ޒައިނުއްދީނު ކަތުބަޣާ ހިޖްރައިން 694ގައި އެޖާލިކޮޅު މައްޗަށް ފުރާޅު ކޮޅާ ހަމަޔަށް ޖާލިކޮޅު ޖެއްސެވިއެވެ.

އަލްމަސްޖިދުއްނަބަވީ ޝާރީފުގައި ދެވަނަޔަށް ހިނގި އަލިފާނުގެ ޙާދިޘާގައި އެޖާލިކޮޅު ވަނީ އަނދައިފައެވެ. އެޙާދިޘާ ހިނގީ ހިޖްރައިން 886 ވަނަ އަހަރުއެވެ. ސުލްޠާން ޤައިތުބާއީ އެޙާދިޘާ އާ ވިދގެން އެކަތައާއި ރަންވަންލޯ އިން ޖާލިކޮޅު ހައްދަވައި މަޤްޞޫރާ ޝަރީފާގެ ވަށައިގެން ޖާލިކޮޅު ޖެއްސެވިއެވެ. ހިޖްރައިން 888 ވަނަ އަހަރުއެވެ. އެޖާލިކޮޅުތަކުގެ ބަރުދަނަކީ ސަތާރަހާސް އަށްސަތޭކަ ސަތާރަ ކިލޯގްރާމެވެ. އެޖާލިކޮޅުތައް މަދީނާއަށް ގެނެވުނީ ހަތްދިހަ ޖަމަލުގައެވެ. ރަންވަންލޯގެ ޖާލިކޮޅުތައް ޖެއްސެވީ ޤިބުލަ ފަރާތުގައެވެ. އަނެއް ތިން ފަރާތުގައި އެކަތައިގެ ޖާލިކޮޅެވެ. އެޖާލިކޮޅުތައް ހުންނަނީ ފެހިކުލައިގައެވެ. އޭގެ މައްޗަށް ހުންނަނީ ރަންވަންލޯގެ ގޮޅި ކުދި ޖާލިކޮޅުތަކެކެވެ. އެތެރެއަށް ކޮތަރު ވަނަ ނުދިނުމަށްޓަކައެވެ.

ޒިޔާރަތްފުޅުގައި ހުންނަނީ ހަތަރު ދޮރުކޮޅެވެ. އެއްދޮރުކޮޅު ޤިބުލަ ފަރާތުގައެވެ. އެދޮރުކޮޅުގެ ނަމަކީ ބާބުއްތައުބާއެވެ. އެދޮރުކޮޅުގެ މަތީގައި ހުންނަ ރިހި ބޯޑެއްގައި ލިޔެފައިވާގޮތުގައި އެތާނގައި މިހާރު އެހެރަ ދޮރުކޮޅު ބެހެއްޓީ ހިޖްރައިން 1026 ވަނައަހަރުގައެވެ. ދެވަނަ ދޮރުކޮޅަކީ ބާބުލްވުފޫދެވެ. އެދޮރުކޮޅު ހުންނަނީ އުސްޠުވާނާ އަލްވުފޫދާ ޖެހިގެންނެވެ. ތިންވަނަ ދޮރުކޮޅަކީ ބާބު ފާޠިމާއެވެ. އެނަންކިޔަނީ އައްސައްޔިދާ ފާޠިމަތުއް ޒަހްރާ ރަޟިޔަﷲ ޢަންހާގެ ގެކޮޅުގެ ކައިރީގައި އެދޮރުކޮޅު ހުންނާތީއެވެ. މިތިން ދޮރުކޮޅަކީވެސް ހިޖްރައިން 668 ވަނަ އަހަރުން ފެށިގެން ފެށިގެން ހުންނަ ތިން ދޮރުކޮޅެވެ. ހަތަރުވަނަ ދޮރުކޮޅަކީ ބާބުއް ތަހައްޖުދުއެވެ. އެދޮރުކޮޅު ބެހެއްޓީ ހިޖްރައިން 729 ވަނަ އަހަރުގައެވެ. މިދޮރުކޮޅުތަކުގެ ތެރެއިން ހުޅުވައި އުޅެނީ އިރުމަތީ ދޮރުކޮޅު އެކަންޏެވެ. އިރުމަތީ ދޮރުކޮޅުވެސް ހުޅުވަނީ ސަރުކާރުގެ ޚާއްޞަ މެހްމާނުންނާއި ޚާއްޞަ ވަފުދުތަކަށްޓަކައެވެ.

ޚާއްޞަ މެހްމާނުންނާއި ޚާއްޞަ ވަފުދުތަކަށް "ޒިޔާރަތްފުޅު" ގެ އެތެރެޔަށް ވެދެވަޑައިގެންނެވުނު ކަމުގައިވިޔަސް ޙަޤީޤަތުގައި ވަދެވަޑައިގެންނެވޭނީ އުންމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކޮޓަރިކޮޅުގެ ބޭރުން ލެވިފައިވާ ފަސްކަންފާރުކޮޅާ ހަމަޔަށެވެ. އެއަށްވުރެ އެތެރެޔަކަށް ވަދެވަޑައެއްނުގެންނެވެއެވެ. ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައިވެސް، ފަސްކަންފާރުކޮޅުގައިވެސް އެއްވެސް ދޮރުކޮޅެއް ނުވަތަ ފެންލައިޓްކޮޅެއްވެސް ނުހުރެއެވެ. އެތެރެއަށް އަލިވަންނަނީވެސް ހަމައެކަނި ޙުޖުރާ ޝަރީފާގެ މަތީގައި ހުންނަ އާނގު ވަޅަކުންނެވެ. ކުރީންވެސް ދެންނެވި ފަދައިން ފަސްކަންފާރުކޮޅު ނުވަތަ ކޮޓަރިކޮޅު ހުންނަނީ ކަޅުފަށުވީގެ ބޯފޮތީން ފަރުދާކޮށްފައެވެ. އެހެންކަމުން ޙަޤީޤީ ޒިޔާރަތްފުޅުގެ (އައްސައްޔިދާ އާއިޝާ ރަޟިޔަﷲ ޢަންހާގެ ކޮޓަރިކޮޅުގެ އެތެރޭގެ) އެއްވެސް ޚަބަރެއް ޒިޔާރަތްފުޅުގެ ޚާއްޞަ ޚާދިމުންނަކަށްވެސް އެނގިވަޑައެއްނުގަންނަވާނެއެވެ. އައްލާމާ ސަޚާވީ ވަނީ މިކަން ޞަރީޙުކޮށް ބަޔާންކުރައްވައިފައެވެ. (މަސްޖިދެނަބަވީ ޝަރީފް: ތާރީޚު، އަދާބު، ފަޟާއިލް، ޑޮކްޓަރ މުޙައްމަދު އިލްޔާސް އަބްދުލްޢަނީ)

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒިޔާރަތްފުޅުގެ އެތެރޭގެ ކުރެހުމެއް---

ގަވަރނަރކަމުން ވަކިކުރެއްވުން ނުވަތަ އިސްތިއުފާދެއްވުން

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ޙިޖާޒުކަރައިގެ ގަވަރުނަރކަން ނަހުނު ފުރިހަމަޔަށް ކުރައްވަމުން ގެންދަވަނިކޮށް އެކަލޭގެފާނާ ގަވަރުނަރކަމުން ވަކިކުރެއްވުނީ ކަމުގައްޔާއި އެކަލޭގެފާނު އަމިއްލަފުޅަށް އިސްތިޢުފާ ދެއްވީ ކަމުގައްޔާ މިދެގޮތަށްވެސް ރިވާޔަތްތައް އައިސްފައިވެއެވެ.

ގަވަރުނަރކަމުން ވަކިކުރެވުނީ ކަމުގައި ބުނާ ރިވާޔަތުގައިވާ ގޮތުން ޢުމަރުގެ ވެރިކަމުގައި ޙިޖާޒުކަރައިގައި އޮތީ ޢަދުލުވެރިކަން ޢާއްމުވެފައެވެ. އެކީއެކަށް އަމަންއަމާންކަން ފެތުރިފައެވެ. އަނެއްކޮޅުން ޢިރާޤު ކަރައިގެ ރައްޔިތުން ތިބީ ޙައްޖާޖު ބުނު ޔޫސުފުގެ އަނިޔާވެރިކަމާހުރެ ނޭފަތުކުރި ނުހިކިފައެވެ. ދިރިއުޅޭން ދަތިވެފައެވެ. އެހެންކަމުން ޢިރާޤުގެ އެތައް ބަޔަކު ޙިޖާޒަށް ބަދަލުވަމުން ދިޔައެވެ.

އިރާޤުގެ މީހުން ޢުމަރުގެ އަރިހަށް ގޮސް ޙާލުގެ ވާހަކަ ބަޔާންކުރުމުން މާތްﷲގެ އަޅުތަކުންގެ ޙާލާމެދު ޢުމަރު ވަރަށް ދެރަފުޅުވިއެވެ. އެބައިމީހުންގެ ޝަކުވާތައް ކެތްތެރިކަމާއެކު އަޑުއައްސަވައި ޚަލީފާ ވަލީދުގެ އަރިހަށް ތަފްޞީލުކޮށް އެޚަބަރުތައް ލިޔުއްވިއެވެ.

ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ ޚިލާފަތުގެ ދަރުބާރުގައި ޙައްޖާޖުގެ ޝަކުވާކުރެއްވިކަން ޙައްޖާޖަށް އެނގިވަޑައިގެންނެވުމުން އޭނާ ޢުމަރާ ދެކޮޅަށް ސިޔާސީ ކުޅިގަނޑެއް ރާއްވަވައިލެއްވިއެވެ. ޙައްޖާޖު، ވަލީދަށް ލިޔުއްވިއެވެ. " ޢުމަރު ބުނު ޢަބްދުލްޢަޒީޒު ޢިރާޤުގެ ބާޣިންނަށާއި ޢިރާޤުގައި އަމަންއަމާންކަން ނަގައިލަން މަސައްކަތްކުރާ މީހުންނަށް ޙިޖާޒުން ޙިމާޔަތް އެބަދެއްވައެވެ. އެކަމާހުރެ ވަރަށް ބޮޑަށް މަސްލަޙަތު އެބަގެއްލެއެވެ. މިއީ، ޚިލާފަތުގެ ނިޒާމަށާއި އުމަވީ ދައުލަތަށް ވަރަށް ބޮޑު ނުރައްކަލަކަށް ވެދާނެކަމެކެވެ."

ޚަލީފާ ވަލީދަކީ ވަރަށް ޝައްކުބޮޑު ބޭފުޅެކެވެ. ހަރުކަށިކަމާއި ގަދަބަދަވިކަމަށް ތަރުޙީބުދެއްވާ ބޭފުޅެކެވެ. އެހެންކަމުން ޙައްޖާޖުގެ ރޭއްވެވުން ކަމުފޮޅާގޮތްވިއެވެ. ވަލީދުބުނު ޢަބްދުލްމަލިކު ޢުމަރު ބުނު ޢަބްދުލްޢަޒީޒު ޙިޖާޒުގެ ގަވަރނަރކަމުން ވަކިކުރެއްވިއެވެ. ޢުމަރު ވަކިކުރެއްވީ ހިޖްރައިން ނުވަދިހަ ތިންވަނަ އަހަރުއެވެ.

ދެވަނަ ރިވާޔަތުގައިވާގޮތުން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އަމިއްލަފުޅަށް އިސްތިއުފާދެއްވީއެވެ. ސަބަބަކަށްވީ އަންނަނިވި ޙާދިޘާއެވެ.

އުމައްޔަތު ވަންހައިން ދުޝްމިނެއްކަމުގައި ދެކޭ ބޭކަލެއްކަމުގައިވާ ޚުބައިބު ބުނު ޢަބްދުﷲ ބުނު ޒުބައިރު ރަޙިމަހުﷲގެ ގައިކޮޅުގައި ފަންސާސް އެތިފަހަރު ޖެހުމަށާއި، ފިނިމޫސުމެއްގައި ހެނދުނުގެ ވަގުތު އެކަލޭގެފާނުގެ އިސްތަށިފުޅަށް ފިނިފެން ކަންވާރެއް އަޅައިފައި ދުވާލު ހަތަރުދަމު އަލްމަސްޖިދުއްނަބަވީގެ ދޮރު ކޮޅުމަތީގައި ކޮޅަށް ބެހެއްޓުމަށް ޚަލީފާ ވަލީދު އަމުރުކުރެއްވިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު މަޖްބޫރު ވެވަޑައިގެން އެ އަމުރު ތަންފީޒުކުރެއްވިއެވެ. ޝައްކެއްނެތް ގޮތުގައި މިއީ އިސްލާމީ ޝަރީޢަތާ ޚިލާފު އަދަބެކެވެ. ކަނޑައެޅިގެންހުރި ޞަރީޙު އަނިޔާއެކެވެ. ނަމަވެސް ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް ގަވަރުނަރެއްގެ ޙައިޘިއްޔަތުން އެކަންކުރައްވަން މަޖްބޫރުވެވަޑައިގެންނެވިއެވެ. ޚުބައިބު ރަޙިމަހުﷲ ވަނީ އެއަނިޔާގެ ސަބަބަން އަވަހާރަވެފައެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެކަމާ ވަރަށް ދެރަފުޅުވިއެވެ. ހިތާމަކުރެއްވިއެވެ. މާތްﷲގެ ރަސްކަންފުޅުދެކެ އިންތިހާޔަށް ބިރުވެތިވެ ވަޑައިގެންނެވިއެވެ. މިކަމާގުޅިގެން ޢުމަރު ގަވަރުނަރކަމުން އިސްތިޢުފާ ދެއްވިއެވެ. މިޙާދިޘާ ހިނގީ ހިޖްރައިން ނުވަދިހަ ތިންވަނަ އަހަރުއެވެ. މި ޙާދިޘާއަށްފަހު ޢުމަރުގެ ޙަޔާތްޕުޅު ވަނީ މުޅީން ބަދަލުވެފައެވެ. (ޚިލާފަތު ވަމުލޫކިއްޔަތު: ސައްޔިދު އަބުލް އަޢުލާ މައުދޫދީ)

އިތުބާރުހުރި ވަރަށް ގިނަ ޢިލްމުވެރީން ސައްޙަކަމުގައި ބައްލަވަނީ މިރިވާޔަތެވެ. ވަރަށް ގިނަ ޢިލްމުވެރީން ވިދާޅުވާގޮތުގައި މިޚަބަރު އިވިވަޑައިގަތުމާއެކު ޢުމަރު ބުނު ޢަބްދުލްޢަޒީޒު ބިރުފުޅުން ހޭފުޅުނެތިގެން ބިންމައްޗަށް ވެއްޓި ވަޑައިގެންނެވިއެވެ.

ދައުލަތުގެ ޚާއްޞަ މުޝީރު

ވަލީދުގެ އަރިހުގައި

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ޙިޖާޒުގެ ގަވަރުނަރކަމުން އިސްތިޢުފާ ދެއްވުމަށްފަހު ސީދާ ވަޑައިގަތީ ދިމިޝްޤަށެވެ. ޢުމަރު ޙިޖާޒުގެ ގަވަރުނަރކަން ޤަބޫލުކުރައްވަން ކުރެއްވި ޝަރުޠުވެސް ޚަލީފާ ވަލީދު ހަނދުމަފުޅު ހުއްޓެވެ. ޢުމަރަކީ ވަލީދުގެ ދެބޭންގެ ދެދަރި ކޮއްކޯފުޅެވެ. އެއްބައްޕާފުޅު ކޮއްކޯފުޅުގެ ފިރިކަލުންނެވެ. އެހެންކަމުން ވަލީދުގެ "ކީރިތިކަމާއި" އަބުއިކަމާ އެކުވެސް ޢުމަރާ އެއްވެސް ސުވާލެއް ނުކުރައްވައެވެ. އަބަދުވެސް ކަމޭހިތްތެވިއެވެ. ގަދަރުކުރެއްވިއެވެ. ސަރުކާރުގެ ކަންކަމާ މަޝްވަރާކުރައްވައި ލަފާ އައްސަވަމުން ގެންދެވިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ދުވަހަކުވެސް އިންސާފުވެރި ގޮތުގައި މެނުވީ މަޝްވަރާއެއް ނުދެއްވައެވެ. އެކަލޭގެފާނަކީ، މާތްﷲގެ ރަސްކަންފުޅުދެކެ ނުހަނު ބިރުފުޅުގެންވަޑައިގަންނަވާ ބޭކަލެކެވެ. އަބަދުވެސް ޙައްޤުގައި ސާބިތުވެވަޑައިގެން ހުންނަވާ ޣީރަތްތެރި ބޭކަލެކެވެ. އުމައްޔަތުވަންހައިގެ އެހެނިހެން ރަސްދަރިދަރިކަލުންނާއި އަމީރުންނަށްވުރެ ދުނިޔަވީ ޢިއްޒަތާއި ޤަދަރުގައި ފަހަތުގައި ހުންނަވާކަށެއް ރުހިވަޑައެއް ނުގަންނަވައެވެ. އެހެންކަމާއެކުވެސް ރަސްރަސްކަލުންގެ ރުހިވަޑައިގަތުން ހޯއްދެވުމަށްޓަކައި "ވައިއަޅުއްވާކަށެއް" ދުވަހަކުވެސް ޚިޔާލުފުޅެއް ނުކުރައްވައެވެ.

ޚިލާފަތުގެ ޚާންދާނުގެ މެމްބަރެއްގެ ޙައިޘިއްޔަތުން ޢިއްޒަތާއި ކީރިތި މޫރިތިކަމުގައި ބަނޫ އުމައްޔަތުގެ އެހެނިހެން އަމީރުންނާ ވާދަކުރައްވަމުން ގެންދެވިކަމުގައި ވިޔަސް ފާރޫޤީ ލޭފޮދު ހިނދުން ހިނދަށް އެލޭފޮދުގެ ރަތްކަން ސާބިތުކޮށްދެމުން ގެންދެއެވެ. ޢަބްދުﷲ ބުނު ޢުމަރު ރަޟިޔަﷲ ޢަންހު އާއި، ޞާލިޙު ބުނު ކައިސާނު ރަޙިމަހުﷲގެ ތަރުބިޔަތުގެ ސަބަބުން އެކަކު ދެކެވެސް ބިރުފުޅުގެ ކަންފުޅެއްވެސް ނުހުރެއެވެ. ތުއްޕުޅުއިރު މަދީނާގެ ޢިލްމުވެރީން ހޭނުއްވި ހޭނުއްވުމަކަށް ބަދަލެއް ނާދެއެވެ. އެހެން އަތަކަށް ލެނބޭ ތަނެއް ނާދެއެވެ. ވަލީދާއި ސުލައިމާނަކީ ޚަލީފާއިން ކަމުގައި ވިޔަސް ދެބޭންގެ ދެދަރި ބޭބެއިންނެވެ.

(ނުނިމޭ)

infinity loading...
×
DB released 01.