ކައުންސިލް އިންތިޚާބު ދެ މަހަށް ފަސްކުރުމުގެ މައްސަލަ ބަލައިގެންފިން: ހައިކޯޓު

އީސީގެ ނައިބު ރައީސް ނައިބު ރައީސް އަމްޖަދު މުސްތަފާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފައިލް ފޮޓޯ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ދެ މަސް ދުވަހަށް ފަސްކުރަން ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ބަލައިގެންފައިވާ ކަމަށް ހައިކޯޓުން މިއަދު ބުނެފި އެވެ.

ހައިކޯޓުގެ އިންފޮމޭޝަން އޮފިސަރު އަމީން ފައިސަލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ މިހާރު އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ.

ހައިކޯޓުން އެ މައްސަލަ ބަލައިގެންފައި ވަނީ އެ މައްސަލައިގެ ލިޔުންތައް އިސްލާހުކުރަން އެ ކޯޓުން އެންގި އެންގި އެންގުމާ އެއްގޮތަށް ލިޔުންތައް އިސްލާހުކޮށް އިލެކްޝަންސް ކޮމިޝަނުން އަލުން ހުށަހެޅުމުންނެވެ.

ސިވިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ޖެނުއަރީ 14 ވަނަ ދުވަހަށް ވުރެ ފަހަށް އިންތިޚާބު ފަސްކުރުމަކީ އެ ކޮމިޝަނަށް އިއާދނުކުރެވޭވަރުގެ ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމަށެވެ.

ޕީޕީއެމްގެ ބައެއް ލިޔެކިޔުންތައް ގެއްލިގެން، ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމެރީ ނުބޭވޭތީ، "ހާލަތުއް ޒަރޫރާގެ"ގެ ދަށުން އެ ޕާޓީން ކޯޓުގައި ދައުވާ ކުރި މައްސަލައަށް ރިޔާއަތްކޮށް، ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އިންތިހާބު ފަސްކުރުމުން އިލެކްޝަން ކޮމިޝަނަށް ވާ ގެއްލުމަށް ވުރެ، ޕީޕީއެމަށްވާ ގެއްލުން ބޮޑު ކަމަށެވެ.

ގެއްލުންތަކެއް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އެއީ ކިހާވަރެއްގެ ގެއްލުމެއްކަން އިލެކްޝަންސް އަށް ބުނެދެވިފައި ނުވާ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ބޭއްވުމުން ވާނެ ގެއްލުމާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ވާނެ ގެއްލުން ވަޒަން ކުރި އިރު އިލެކްޝަންސް ކޮމިޝަނަށް ވުރެ ގެއްލުން ބޮޑު ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަނަށް ވާ ގެއްލުމަށް އަރައިގަނެގެން ވިޔަށް ބޮޑު ގެއްލުމެއް ސަލާމަތް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ދާދިފަހުން ވިދާޅުވީ ހައިކޯޓަށް ހުށަހަޅާފައިވާ އެ މައްސަލަ އަނބުރާ ނެގުމަށް އިންތިޚާބުތަކާ ގުޅޭ ގޮތުން ގައުމީ ލަފާދޭ ކޮމެޓީއަށް ސިޔާސީ ޕާޓީތަކުން ވަނީ ލަފާދީފައި ކަމަށެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެފަދަ ލަފައެއް އެޕާޓީންދީފައިނުވާނެ ކަމަށެވެ. އެމްޑީޕީން އެދިފައި ވާނީ އިންތިޚާބު ބާއްވާނެ ތާރީޚެއް އަވަހަށް އިއުލާންކޮށްދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް