ޖެހިގެން އައި ދުވަހު އަޒްޔާން އުޅުނީ ކައިވެނީގެ ކަންތަކާ އެވެ. އޭނަ ގަސްދުކުރީ ކޯޓުގެ މަރުހަލާއިން ކައިވެނީގެ ކަންތައް ނިމި ރައްޓެހިންނާއި ޢާއިލާގެ މެންބަރުންނަށް ކުޑަ ސަޔެއް ދޭށެވެ. ބަތޫލް ވެސް އެގޮތް ބޭނުންވާތީ އެވެ. އަޒްޔާނަށް ހުރިހާ ކަމެއްގައި ވެސް އެހީވުމުގައި ޝުޖާއުގެ އިތުރުން ޖަނާ އުޅުނެވެ. އެންމެ އިންތިޒާރުކުރެވުނު ވަގުތު އައިސް ކައިރިވަމުން ދިޔަ ވަރަކަށް ބަތޫލްގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔަ އެވެ. އޭނަގެ ހިތަށް ވެރިވެގެންދާ އުފާވެރި ޚިޔާލުތަކުން ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ގަޑީގެ ވަގުތު ކަށި ހިންގަމުން ގޮސް އޭނަ އެންމެ އެދެވުނު ވަގުތު އައިސް ޖެހުނެވެ.

*****

''ނައު ޔޫ ލުކް ޕާރފެކްޓް... ހީވަނީ ހަމަ ޙޫރުޕަރީއެއް ހެން، ޒޭންއަށް ބަތޫ ފެނުމުން ވާނެ ގޮތެއް ވެސް ނޭގޭ......''

ބަތޫލްގެ އިސްތަށިގަނޑު ރީތިކޮށް ސްޓައިލްކޮށްލުމަށްފަހު ރަތްކުލައިގެ ދަތްޗެއް ހަރުކޮށްލަމުން ޖަނާ ވާހަކަދެއްކީ ލާނެއް ހިނިތުންވުމަކާއެކުގައެވެ. ރީތިވާ މޭޒުގެ ގޮނޑީގައި އިން ބަތޫލްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލި ހިނދު ލޯގަނޑުން ފެންނަމުން އައި އޭނަގެ ތަސްވީރަށް ނަޒަރު ހުއްޓާލެވުނެވެ. އެއާއެކު ކައިވެނީގެ ރަސްމިއްޔާތަށް ތައްޔާރުވުމަށްޓަކައި ޖަނާ ހޭދަކުރި ވަގުތާއި ކޮށްދިން ހުރިހާ ކަމަކަށް އޭނަގެ ހިތް ޝުކުރުން ފުރުނެވެ. ޒީނަތްތެރިވުމަށް ޖަނާއަށް ލިބިފައިވާ ހުނަރުތަކުގެ ބޭނުން ކޮށްފައިވަނީ އެހާ ވެސް ފުރިހަމައަށް ވިއްޔާއެވެ. އެވަގުތު ޖަނާގެ އެދުމަށް ބަތޫލް ގޮނޑިން ތެދުވުނެވެ. ގަޔަށް ހިފާފައި އޮތް ރަތާއި ހުދުކުލައިން ފަރުމާކުރެވިފައިވާ މެކްސީގެ ތެރޭން ބަތޫލްގެ ލޫޅާފަތި ހަށިގަނޑު ފެންނަމުން ދަނީ އަޖައިބުކުރުވަނިވި ގޮތަކަށެވެ. އަރައިގެން ހުރި އުސްކަށީގެ ފައިވާނުން ހެދުމުގެ ދިގު ފަސްބައި ބިމަށް ފެތުރުމުން ސަލާމަތްކޮށްދެއެވެ.

''މާ ގޮތްބޮޑުހެން ހިޔެއް ނުވޭތަ؟...'' ކިތަންމެ ފުރިހަމައަށް ތައްޔާރުވެފައި ވިޔަސް ޖަނާއަށް ބަލާލަމުން ބަތޫލްއަށް އަހާލެވުނެވެ. އޭނަ ބޭނުންވީ ރަސްމިއްޔާތަށް ވީހާވެސް ސާދާ ގޮތެއްގައި ދާށެވެ. ނަމަވެސް ޖަނާ އެއްގޮތަކަށް ވެސް އެކަމާ އެއްބަހެއް ނުވިއެވެ.

''ކައިވެނި ކުރަން ކޯޓަށް ދިޔައީ ވެސް ނުލާހިކު އާދައިގެ ގޮތަކަށް، އެކަމަކު ހަފްލާއަށް ދާން ޖެހޭނީ ރީތިވެލައިގެން ދޯ؟، ޒޭންއަށް ވެސް ކުޑަ ސަޕްރައިޒެއް ލިބޭނެ ބަތޫ ތިހެން ހުއްޓާ ފެނުމުން، އަނެއްކާ ޒޭން ބަލާނެތީ ލަދުންތަ ތިއުޅެނީ؟...'' ޖަނާ ހިނިތުންވުމަކާއެކުގައި ސުވާލުކޮށްލިއެވެ. އެއާއެކު ބަތޫލްގެ ހަނދާންތައް ގުޅިލާ މެހިގެން ދިޔައީ މެންދުރުގެ ވަގުތުގައި ކުރެވުނު ކައިވެންޏަށެވެ. ޔަޤީނުން ވެސް އެއީ އޭނަގެ ހަޔާތަށް އިންޤިލާބެއް ގެނުވި ވަގުތު ކޮޅެކެވެ. މުޅިން އައު ބާބެއްގެ ފެށުމެކެވެ. އަޒްޔާންގެ އަންބެއްގެ މަޤާމު ލިބުމަށް ދެކުނު ހުވަފެންތަކުގެ ތަދުބީރެވެ. އަދިވެސް އަޒްޔާން އޭނައަށް އަންބެއްގެ މަޤާމު ދިން ވަގުތު ކޮޅު ހިތާއި ވުޖޫދުގައި ދަނީ ތަކުރާރުވަމުންނެވެ. އެއިން އެހިތަށް ލިއްބައިދޭ ފިނިކަން ބަޔާންކޮށްދޭވެނެހެނެއް ވެސް ހިޔެއް ނުވެއެވެ. ތުންފަތަށް ވެރިވާ މަޢުނަވީ ހިނިތުންވުންތަކުގެ ފަހަތުގައިވާ ސިއްރަކީ ވެސް އެއެވެ.

''މިހާރު ޒޭން އަންނާނެ ބަތޫ ބަލާ...'' ކޮޓަރީގެ ފާރުގައިވާ ގަޑިއަށް ބަލާލަމުން ޖަނާ ވާހަކަދެއްކިއެވެ. އޭރު ގަޑިން ރޭގަނޑު އަށްގަޑި ބައިވާން ކައިރިވަނީއެވެ. އެއާއެކު ބަތޫލްގެ ހިތުގެ ތެޅުން ބާރުވާން ފެށިއެވެ. އަވަސް ނޭވާތަކެއް ދޫކޮށްލެވުނީ މީހާ ހަމައަކަށް އަޅުވާލުމުގެ ބޭނުމުގައެވެ. އޭނައަށް މިއަދު ކުރެވޭ އިހުސާސްތަކާއެކު ހިތުގެ ވިންދުތަކުގައި ތަފާތު ބާރެއް އެކުލެވިފައި ވެއެވެ. އަޒްޔާންގެ ހަނދާންތަކާ ގުޅިލާމެހިގެންދާ ކޮންމެފަހަރަކު އެބާރު އިތުރަށް ގަދަވެގެން ދެއެވެ.

''ހުރިހާ އެއްޗެއް ޕެކްކޮށް ނިމިފަ ދޯ މިހުރީ؟...'' ކޮޓަރީގެ ދޮރުކައިރީ ހުރި ބަތޫލްގެ ފޮށިތަކަށް އިޝާރާތްކޮށްލަމުން ޖަނާ ސުވާލުކުރިއެވެ. އެސުވާލަށް ޖަވާބުދިނުމުގެ ގޮތުން ބަތޫލް ބޯޖަހާލިއެވެ.

''މިހާރު ހުރިހާ ކަމެއް ވެސް ނިމުނީއެއްނު ދޯ؟ އެހެންވީމަ ޒޭން އަންނަންވާއިރަށް އަހަރެން މިދަނީ ބޭރަށް، އޭރުން ބަތޫމެނަށް ހަފްލާގެ ކުރިން ވަގުތުކޮޅެއް ލިބޭނެއެއްނު، ހިޔެއްނުވޭ މިރޭ އަވަހަށް ތިދެމީހުނަށް އެކަނި ވަގުތުކޮޅެއް ލިބޭނެ ހެނެއް......'' ބަތޫލް ގާތަށް އައިސް ހުއްޓުނު ޖަނާ ސަމާސާ ރާގަކަށް ބުނެލިއެވެ. އަދި ބަތޫލްއަށް ހިނިތުންވެލުމަށްފަހު ކުޑަކޮށް ބަތޫލްގެ ގައިގައި ބައްދާލިތަނާ ގޭގެ ބެލް އަޅާލި އަޑަށް ޖަނާ އަވަސްވެގަތީ ބޭރަށް ނުކުތުމަށެވެ. ޖަނާ ދިޔަ ދިމާއަށް ބަލަން ހުރި ބަތޫލް ރީތިވާ މޭޒުގެ ގޮނޑީގައި އިށީނީ އަވަސްވެފައިވި ހިތަކާއެކުގައެވެ.

*****

ދޮރުހުޅުވާލުމާއެކު ޖަނާ އަޒްޔާނަށް ހިނިތުންވެލިއެވެ. އަދި އެތެރެއަށް ވަންނަން އަޒްޔާނަށް ތަންދައްކާލިއެވެ. ޖަނާއަށް އަޒްޔާނާއި އަރާހަމަކުރި ޝުޖާއު ފެނުމާއެކު ތުންފަތުގައިވި ހިނިތުންވުން ފުން ވިއެވެ. ޝުޖާއު ވެސް ޖަނާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ނަމަވެސް ގިނަ އިރަކު އޭނަގެ ނަޒަރު ޖަނާއާއި ގުޅިލާމެހިގެން ނުދިޔައެވެ. އަވަސް އަވަހަށް ޝުޖާއު އޭނަގެ ބެލުން ތިރިކޮށްލި ހިނދު އެދެލޮލުން ހިތާމައިގެ އަސަރުތައް ޖަނާއަށް ފާހަގަ ކުރެވުނެވެ. އޭގެ ސަބަބުން އޭނައަށް ހައިރާންކަން ލިބި ހިތުގައި ސުވާލުތަކެއް ވެސް އުފެދުނެވެ. އޭނަ ފަރުވާތެރިވެ ޝުޖާއުއަށް ބަލަން ހުއްޓާ ޚިޔާލުތަކުގެ ތެރޭން ނިކުންނަން ޖެހުނީ އަޒްޔާން އޭނައާއި ކޮށްލި ސުވާލަށް ޖަވާބު ދޭން ޖެހުމުންނެވެ. އެއާއެކު އޭނަ އިޝާރާތްކޮށްލީ ކޮޓަރިއާއި ދިމާއަށެވެ. އަޒްޔާން ކުރިއަށް ހިންގައިގަތް އިރު ޝުޖާއުއާއި ޖަނާ ތިބީ ދޮރު ކައިރީ މަޑުކޮށްލައިގެންނެވެ.

ޝުޖާއުއާއި އިސްވެ ވާހަކަދައްކަން ފަސްޖެހުމުން ޖަނާ ޚިޔާރުކޮށްގެން ހުރީ ހިމޭންކަމެވެ. އޭނަގެ ސިއްރު ނަޒަރުތައް ޝުޖާއުއަށް ހުއްޓެމުން ދިޔަ އިރު ޝުޖާއުގެ ފަރާތުން ޝައުޤުވެރިކަމާއި އިޝާރާތެއްގެ މިންވަރު ފެނޭތޯ އޭނަ ހުރީ ސަމާލުވެއެވެ. އެހެނަސް ޝުޖާއު ހުރީ ޖަނާއާއި ދުރުގައެވެ. އަތުގައި އޮތް ފޯނަށް ހުސްވެފައިވިއިރު އޭނަ ފިޔަވާ އެތާނގައި އިތުރު މީހަކު ހުރިކަމުގެ ހިލަންވާހެން ވެސް ހިޔެއް ނުވެއެވެ. އޭގެ ސަބަބުން ޖަނާގެ ގާތަށް ކޫސަނި ރުޅިގަނޑެއް އައެވެ.

''ވަރަށް ފޫހިވޭ، ކީއްތަ ވަނީ އެންމެ ފަހަރަކު ބަލާފަ އަހަންނަށް ހިނިތުންވެލިއްޔާ؟... ފޯނަށް އެހާވަރަށް ސަމާލުކަންދީގެން އެހުންނަނީ އަނެއްކާ ކުއްޖަކާއި ޗެޓްކުރަނީތަ؟...'' ޖަނާގެ ހިތް ނުތަނަވްވާފެށުމާއެކު އެފިރުކުރުތަކާ އޭނަ ދުރުވެލީ ބަތޫލްގެ ވާހަކަތައް ހަނދާންކުރަމުންނެވެ. އޭނަ މާޔޫސްވާކަށް ބޭނުމެއް ނޫނެވެ.

*****

ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އަޒްޔާންގެ ހަރަކާތްތައް ގަނޑުވެގެން ދިޔައީ ބަތޫލްއާއި އޭނަގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިސާބުންނެވެ. ދޮރުގެ ތަޅުން ވެސް ދޫކޮށްލަން ހަނދާންނެތިފައި އޭނަ ބަތޫލްއަށް ބަލަން ހުރީ ބަސްހުއްޓިފައިވާ މީހަކު ފަދައިންނެވެ. އެތޫނުފިލި ދެލޮލުން ބަތޫލްގެ ހިތް ވެސް ތޮރުފާލަން އުޅޭ ކަލަހައެވެ. ބަތޫލްއަށް އިސްތިރިކޮށްލެވުނު ހިނދު އޭނަގެ ހިތް މޭގެތެރޭގައި އޮވެ ތެޅިފޮޅެން ފެއްޓިއެވެ. ނޭވާ ވެސް ފުންވާން ފެށިއެވެ. ދޮރުލައްޕާލުމަށްފަހު އޭނަގެ ގާތަށް ދިއުމަށްޓަކައި އަޒްޔާން އަޅަމުން ދިޔަ ކޮންމެ ފިޔަވަޅެއްގެ އަޑު ބަތޫލްގެ ކަންފަތުގައި ގުގުމަން ފެށިއެވެ. ފިނިކަން އެކުލެވިގެންވި ދެއަތް ޖޯޑުކޮށްލަމުން އޭނައަށް ތުންފަތުގައި ދަތްއަޅާލެވުނީ އަޒްޔާން ގާތަށް އައިސް ހުއްޓި ކުރުފައި މައްޗަށް ތިރިވުމުންނެވެ.

''މާޝާﷲ...'' އަޒްޔާންގެ ޖާދުވީ އަޑު ބަތޫލްގެ ކަންފަތުތޫރީގެ ތެރެއަށް ވިރުނެވެ. ހަމައެއާއެކު އޭނަގެ ދަތްދޮޅީގައި އަޒްޔާން ޝަހާދަތްއިނގިލި އަޅުވާލިކަން ވެސް އިހުސާސްކުރެވުނެވެ. ނޭވާ ހިފަހައްޓާލަމުން ބަތޫލްއަށް އިސްއުފުލާލަން މަޖުބޫރުވީ ދެނެވެ. ލޯބިން ފުރިގެންވި އަޒްޔާންގެ ލޮލާއިލޯ ސީދާވުމާއެކު ބަތޫލްގެ ހިތުގައި ދުވެލީ އުފާވެރިކަމުގެ ބާނީތަކެވެ. އެތުންފަތަށް ވެރިވި މާނަ ފުން ހިނިތުންވުމުން ބަތޫލްގެ ރޫހަށް ދިރުން ގެނެސްދިނެވެ. އެދެމެދަށް ހިމޭންކަމުގެ ސުކޫތެއް ވެރިވެފައި ވަނިކޮށް އިސްވެ އަޒްޔާން ވާހަކަދައްކަން ފެށިއެވެ.

''މިއަދު އަހަރެން އެންމެ ބޭނުންވި ކަންތައް ފުރިހަމަކުރެވިއްޖެ... އަހަރެން އުފާވެފައިވާ މިންވަރު ބަތޫއަށް އެނގޭތަ؟...'' އަޒްޔާން އަސަރުން ފުރިގެންވި އަޑަކުން އެހި އެވެ. އަދި ބަތޫލްގެ އަތްތިލައިގައި ހިފާލަމުން ގެނެސް އޭނަގެ މޭގައި ޖައްސާލިއެވެ. އަވަސްވެފައިވި އެހިތުގެ ތެޅުން ބަތޫލްއަށް އިހުސާސްކުރެވުނު ހިނދު އަޒްޔާން ބުނަން އުޅުނު ޖުމްލައިގެ މާނަ ބަތޫލްއަށް ނަގައިގަނެވުނެވެ. އޭނައެކޭ އެއްފަދައިން އަޒްޔާންއަށް ވެސް އިހުސާސްއެކުރެވެނީ އެއް ޖަޒުބާތެކެވެ. ދެހިތުގައި އެޖަހަނީ އެއް ވިންދެކެވެ. އެއީ އެދެމެދުގައި އޮތް ލޯބި އިތުރަށް ފުން ކުރުވި ވަގުތުކޮޅެކެވެ. އެކަކުއަނެކަކުގެ ހިތުގެ ހާލު ބަޔާންކޮށްދިން ދަނޑިވަޅެކެވެ.

ބަތޫލްއާ އެހާ ގާތުގައި ހުންނަންވުމުން އަޒްޔާންގެ ހިއްސުތަކުގައި މުޅިން އައު ޖޯޝެއް އުފަން ވާން ފެށިއެވެ. ނަމަވެސް އޭނަ ފުންނޭވާއެއްލުމަށްފަހު އަމިއްލަ ނަފުސު ހަމައަކަށް އަޅުވާލީ އެދެމަފިރިންގެ އިންތިޒާރުގައި މެހުމާނުންތަކެއް ތިބޭނެކަން ހަނދާންވުމުންނެވެ. މެހުމާނުންތައް އިންތިޒާރުގައި ބޭތިއްބުމަކީ ރަގަޅުގޮތެއްކަމުގައި ނުވާތީއެވެ.

އަޒްޔާން އޭނަގެ ފުރިހަމަ އިސްކޮޅަށް ތެދުވެލީ ބަތޫލްގެ ކޯތާފަތުގައި ބޮސްދިނުމަށްފަހުގައެވެ. އަޒްޔާންގެ އެހަރަކާތުން ބަތޫލްގެ މޫނަށް ވެރިވި ލަދުރަކިކަމުގެ ކުލަވަރުތަކުން އިތުރު ސަމާސާތަކެއް ކުރާހިތް އަޒްޔާން ވިއެވެ. އޭނަ ބަތޫލްއަށް އޭނަގެ އަތްތިލަ ދިއްކޮށްލަމުން ކޮޅަށް ތެދުވުމަށް އެހީތެރިވެދިނެވެ. އަދި އެއަތަށް ދަމާލަމުން ބަތޫލް ގެނެސް އެމޭގެ ތެރޭގައި ފޮރުވާލަމުން އުނަގަނޑުގައި ދެއަތް އަޅުވާލިއެވެ. އެބާރުގަދަ އަތުގެ ތެރެއަށް ވިރިގެންދާން ބަތޫލް ބޭނުންވިތަނާ ދެމަފިރިންގެ ލޮބުވެތި ވަގުތުކޮޅަށް ހުރަސް އެޅިގެން ދިޔައީ ކޮޓަރީގެ ދޮރުގައި ޓަކިދޭން ފެށި އަޑަށެވެ. އެއާއެކު އަޒްޔާން ޗޮކެއް ކަނޑާލިއެވެ. އަވަސްއަވަހަށް އަޒްޔާންގެ އަތުގެ ތެރޭން ދުރަށް ދާން ބަތޫލް އުޅުނެވެ. އަޒްޔާން ވެސް ދެކޮޅުހެދުމެއް ނެތި ބަތޫލް ބޭނުންވާ ފަދައިން ކަންތައްކޮށްދިނެވެ.

ލަގެޖްތައް ކާރުގެ ޑިކީއަށް އެރުވުމަށް އަޒްޔާނަށް އެހީވުމުގައި ޝުޖާއު އުޅުނެވެ. އޭނަ ބަތޫލްގެ އެންމެ ފަހުގެ ފޮށި ބަލާ އައިއިރު ދޮރުކައިރީ މަޑުކޮށްލައިގެން ހުރި ބަތޫލްގެ މޫނަށް ބަލާލެވުނެވެ. އެދެލޮލުގައި ވޭނީ އަސަރުތަކެއްވިކަމުގައި ވިޔަސް ބަތޫލްއާއި ލޯލައިލޯ ސިދާވިހެން އޭނަ ހިނިތުންވެލިއެވެ. ބަތޫލްއަށް މިހުރިހާކަމެއް ފާހަގަ ކުރެވުމާއެކު އޭނައަށް ޝުޖާއުގެ ހިތުގެ ހާލު އިހުސާސްކުރެވި ދެރަވިއެވެ. ޝުޖާއު އޭނަގެ ލޯބި ހާސިލުކޮށްދެއްވުމަށްޓަކައިވި ޤުރުބާނީތަކަށް ދުވަހަކު ޝުކުރުވެރިނުވެވޭނެއެވެ. އެއީ އަމިއްލަ އެދުމެއް ނެތް ތާޙިރު ލޯތްބެކެވެ. ނަމަވެސް ހިތާމަޔަކީ ލޯބީގެ މައިދާނުގައި ޝުޖާއުއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނުކަމެވެ. އެއީ އޭނައަށް ޤަބޫލުނުކުރެވޭނެ ލޯތްބަކަށްވީ ކަމެވެ. އޭނައަށް ބަޔާންކުރަން ދަތި އުފާތަކެއް ލިބިފައިވިއިރު ޝުޖާއު ތަހައްމަލުކުރަމުން އެދަނީ ހިއްސާކުރަން ބޭނުންނުވާ އެކަނިވެރިކަމާއި ހިތާމަތަކެކެވެ. އެއީ އިންސާފުވެރި ގޮތެއް ނޫންކަން އޭނައަށް އެނގެއެވެ. ޖަނާއާއި ޝުޖާއުގެ ގުޅުން ބަދަހިވާން އޭނައަށް އެދެވެނީ އެސަބާ ހުރެއެވެ. މާޒީ ހަނދާންނައްތާލާފައި އާފެށުމަކުން ފަށަން އެއީ ޝުޖާއުއަށް ލިބޭނެ ހިތްވަރަކަށް ވާނެއެވެ. މިރޭ އޭނައާއި ޝުޖާއު ވަކިވެވެގެންދާނީ އެކަން ޝުޖާއުއަށް އަންގަދީފައެވެ.

*****

ކައިވެނީގެ ވަލީމާ އޮތީ އަޒްޔާންގެ ގޭގައެވެ. ގިނަ ބަޔަކު ބައިވެރިނުވިކަމުގައި ވިޔަސް ހެޔޮއެދޭ އެކުވެރިންނާއި އަޒްޔާންގެ ޢާއިލާގެ މެންބަރުންތައް ދެމަފިރިންނަށް ބާއްޖަވެރި ޒަވާޖީ ޚަޔާތަކަށް މަރުޚަބާ ކިޔުމާއިގެން ކުރިއަށް ދިޔަ އެވެ. އެކި މީހުންގެ ހެޔޮދުޢާތައް ވެސް ދެމަފިރިންނަށް ލިބުނެވެ. ޒައިނަބުގެ ސިއްހީ ހާލަތު ކުރިއަށްވުރެން ރަގަޅުވެފައިވުމުން ހަފުލާގައި ބައިވެރިވުމަށް އައިސް ހުއްޓެވެ. އޭނަގެ ފަރާތުން ބަތޫލްއާއި އަޒްޔާނަށް އަގުހުރި ނަސޭހަތްތައް ލިބުނެވެ. ކައިވެންޏަށްފަހު ދެމަފިރިން އުފުލަން ޖެހޭނެ ޒިންމާތަކާއި ބަހައްޓަންޖެހޭނެ އޯގާތެރިކަމުގެ އިތުރުން އެކަކުއަނެކަކަށް ކުރަން ޖެހޭނެ އިތުބާރާއި ޤަދަރު މަތިން ތަކުރާރުކޮށް ހަނދާންކޮށްދިނެވެ. އޭނައަށް ދިމާވި ފަދަ ހިތާމަވެރި ހާލަތެއް އަޒްޔާންގެ ދެމަފިރިންނަށް މެދުވެރިވާން ނޭދޭތީވެ ޒައިނަބު އޭނަގެ ހާތުން ލިބިފައިވާ ތަޖުރިބާތަކާއި ޢިބުރަތްތައް ވެސް ބުނެދިނެވެ.

އުފާވެރި މާހައުލެއް ކުރިއަށް ދިޔައިރު ބަތޫލްގެ ޢާއިލާގެ ފަރާތުން އެއްވެސް މީހަކު ހަފުލާގައި ބައިވެރި ނުވުމުގެ ސަބަބުން އުނިކަމެއް ވިއެވެ. ބަތޫލްގެ ބައެއް އެކުވެރިން ވެސް އެކަމާ ގުޅޭ ގޮތުން ސުވާލު ކުރިއެވެ. އޭގެ އިތުރުން ބޮޑު ހަފުލާއެއް ނުބޭއްވުމުން ފާޑުކިޔުންތައް ވެސް އަމާޒު ވިއެވެ. އެއިން ކޮންމެ ފަހަރަކު ދޭނެ ޖަވާބެއް ނޭގި ބަތޫލްއަށް ސާހްކަމާއެކު ބަލާލެވެނީ އަޒްޔާން އަށެވެ. އަޒްޔާންއަށް އެފަދަ ސުވާލުތަކަށް ދޭން ޖެހުނީ ދޮގު މަޢުލޫމާތެވެ. އެއީ ކަންވެދިޔަ ގޮތް އިތުރު އެއްވެސް ފަރާތަކަށް އަންގަން ބަތޫލް ބޭނުންނުވާތީއެވެ.

*****

މެހުމާނުންނާއި އެކަހެރިކޮށް ބެލްކަނީގައި ހުރި ޝުޖާއު ފެނުމުން ބަތޫލް ހިނގައިގަތީ ޝުޖާއު ގާތަށް ދިއުމަށެވެ. ބެލްކަނިއަށް ނިކުމެވުމާއެކު ބަތޫލް ލަސް ފިޔަވަޅުތަކެއްގައި ގޮސް ރެއިލިންގް ކައިރިއަށް ހުއްޓުނެވެ. އެއާއެކު ރެއިލިންގައި ދެއަތްއަޅުވާލައިގެން ކުޑަކޮށް ގުދުވެލައިގެން އޮތް/ހުރި ޝުޖާއު ބަތޫލްއަށް ބަލާލިއެވެ. މިފަހަރު އެދެމެދުގައި ހިނިތުންވުމެއް ބަދަލެއް ނުވިއެވެ.

''ޝުޖާ...'' ފެންނަން އޮތް މާލޭގެ މަލަމައްޗަށް ޝުޖާއު ނަޒަރު ހުއްޓާލުމާއެކު ބަތޫލް ގޮވާލިއެވެ. އަދި ރެއިލިންގައި އަޅުވާލެވިފައި އޮތް ޝުޖާއުގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. އެދެމެދުގައި ދުރުކަމެއް ވާކަން ބަތޫލްއަށް އޭރު އިހުސާސް ކުރެވިއްޖެއެވެ. ޝުޖާއު އޭނައަށް ބަލަން ބޭނުންނުވާކަމާއި އޭނައާއި ދުރުން އުޅެން މަސައްކަތްކުރާކަމެވެ.

''ޝުޖާ ދެން މޫވްއޮން ނުކުރާނީތަ؟...'' ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރޭން ބަތޫލް އަހާލިއެވެ.

''އަހަންނަށް އެނގޭ ޝުޖާ ސިއްރުކުރަން އުޅުނަސް ހިތާމަކުރާކަން، ބައެއްފަހަރު އަހަންނަށް ކުށްވެރި އިހުސާސްތަކެއް ކުރެވޭ، އަހަރެންގެ ސަބަބުން ޝުޖާއަށް ހިތާމަތައް ލިބޭހެން ހީވާތީ، އަހަންނަށް އުފާތަކެއް ލިބޭއިރު ޝުޖާ ތިހާލުގައި ވާތަން ފެނި ހަޤީޤީ އުފާތައް ހާސިލެއް ނުކުރެވޭ، އަހަންނަށްޓަކައި ޝުޖާ ވި ޤުރުބާނީތަކުގެ އަގު ދުވަހަކު ވަޒަނެއް ނުކުރެވޭނެކަން ޔަޤީން.......... ލޯބިވާ ފަރާތެއް އެހެން މީހެއްގެ މިލްކަކަށް ވާތަން ދުށުމަކީ ވޭން ހުރި މަންޒަރެއް، އަހަންނަކަށް އިހުސާސެއް ނުކުރެވޭނެ މިހާރު ތިހިތުގައި ހިނގާ ކެކުޅުންތަކެއް، ހިނިތުންވާން އުޅުނަސް އަހަންނަށް އެނގޭ އެއީ ހަމައެކަނި ދެއްކުންތެރިކަން... ޕްލީޒް ޝުޖާ، އަހަރެން ބޭނުމެއް ނޫން ޝުޖާ ތިހާލުގައިވާތަން ދެކޭކަށް، މިކުށްވެރި އިހުސާސްތަކާއެކު އަހަންނަށް ކުރިއަކަށް ނުދެވޭނެ...''

''ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ؟... ބަތޫ ނުޖެހޭނެޔޭ ތިހެން ވިސްނާކަށް، އަހަރެން ބުނީމެއްނު ވެވުނު ލޯބި މަތިން ހަނދާންނައްތާލަން މަސައްކަތްކުރާނަމޭ، އަހަރެން ބޭނުމެއް ނުވާނެ ދުވަހަކު ވެސް އަހަރެންގެ ސަބަބުން ބަތޫގެ އުފާތަކަށް ހުރަސް އެޅޭކަށް، އަމުދުން މިހާރު، އަޒްޔާންއަކީ އަހަރެންގެ އެންމެ ގަތް އެކުވެރިޔާ، އެކުވެރިޔާއަށް ކުރެވޭ އިތުބާރުން އަހަރެން އޭނަގެ އަތްމައްޗަށް ބަތޫލް ދޫކޮށްލީ، އަހަންނަށް އެނގޭ އަހަންނަށްވުރެ ބޮޑަށް ބަތޫލްދެކެ އަޒްޔާން ލޯބިވާނެކަން، ބަތޫލް އުފަލުގައި ގެންގުޅޭނެކަން... މިހާރު އަހަރެން މަސައްކަތްމިކުރަނީ މާޒީ ހަނދާންނައްތާލަން، އެއްއިރެއްގައި ވެސް އަހަރެންގެ ނަސީބުގައި ބަތޫ ލިބުމެއް ނުވޭ... އަހަންނަށް ތަޤުދީރުގައި ލިބެން ލިޔުއްވާފައިވަނީ އެހެންފަރާތެއްކަން އަހަރެން ޤަބޫލުކުރަން، މިހާރުއްސުރެ އެކުއްޖާ ހޯދުމުގެ މަސައްކަތް ފަށައިފިން، ފެންނަ ދުވަހަކުން އެންމެ ފުރަތަމަ ވެސް ދައްކާނީ ބަތޫއަށް، އޭރަށް އަހަރެން ހުރިހާކަމެއް ހަނދާން ނައްތާލައިފިކަން އެނގޭނެއެއްނު ދޯ؟...''

ބަތޫލްގެ ވާހަކަތައް ފުރިހަމަނުކުރެވެނީސް ޝުޖާއު ބުނެލިއެވެ. އޭނަ ބޭނުންވީ ބަތޫލްއަށް އިހުސާސްކުރެވެމުން ދިޔަ ކަންތަކާ ދުރަށް ގެންގޮސްދޭށެވެ. އޭނަގެ ސަބަބުން ބަތޫލްއާއި އަޒްޔާންގެ ޒަވާޖީޚަޔާތަށް ހިޔަނިއެޅިގެންދާން ނޭދޭތީއެވެ. ހަމައެއާއެކު ދެމަފިރިންގެ އުފާވެރި ރޭ ޚަރާބުކޮށްލަން ވެސް ބޭނުން ނުވާތީ އެވެ.

ޝުޖާއުގެ ވާހަކަތަކުން ބަތޫލްގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބުނެވެ. އެއަޑުގައިވި ސާބިތުކަމުންނެވެ. ޝުޖާއު އޭނައަށް ދޭން ބެނުންވި މެސެޖު ވެސް ނަގައިގަނެވުނެވެ.

''ތިހޯދަން އުޅޭ ކުއްޖާ ވަރަށް ގާތުން ވެސް ފެނިދާނެ، ޝުޖާއަށް މިހާރު އެކުއްޖާ ފާހަގަ ނުކުރެވެނީ... އޭނަ އެހުރީ ޝުޖާގެ އެންމެ އިޝާރާތެއްގެ އިންތިޒާރުގައި، ސަމާލުވެވިއްޖެނަމަ ފާހަގަވާނެ...'' ބަތޫލް ހިނިތުންވުމަކާއެކުގައި ބުނެލިއެވެ. އޭނަގެ ރޭވުން ކާމިޔާބުވެދާނެކަމުގެ އުއްމީދު ޝުޖާއުގެ ވާހަކަތަކުން އޭރު ވަނީ އާލާވެފައެވެ.

ހައިރާންކަން އެކުލެވިގެންވި ޝުޖާއުގެ ނަޒަރު ގޮސް ބަތޫލްއަށް ހުއްޓުނެވެ. ބަތޫލްގެ އަރަތެއް ފަދަ ޖުމްލަ އޭނައަށް ދޭހައެއް ނުކުރެވުނެވެ. އޭނަ ހުރީ ބަތޫލް އިތުރު ތަފުސީލު ދޭނެ އިރެއްގެ އިންތިޒާރުގަ އެވެ.

''ޖަނާ...'' ބަތޫލް ބުނެލިއެވެ. އެއާއެކު ޝުޖާއުގެ ނިތަށް ރޫތަކެއް އަރައިގެން ދިޔަ އެވެ. އަދި ބުމަ އަރުވާލެވުނެވެ.

''ކިހިނެއްވީ؟... ކަމުނުދަނީތަ؟...'' ބަތޫލްއަށް އަހާލެވުނެވެ.

''ނޫން...'' ޝުޖާއު ކުރު ޖަވާބެއް ދިނެވެ. އޭނަ އޭރު ވިސްނަމުން ދިޔައީ ޖަނާގެ ފަރާތުން ފެންނަ އާދަޔާ ޚިލާފު ކަންތަކާމެދުގަ އެވެ. އޭނައަށް އޭގެ ފަހަތުގައިވާ ސިއްރުތައް މިއެނގުނީ އަދި ކިރިޔާ އެވެ.

''ޖަނާ ވަރަށް ލައިކްވޭ ޝުޖާ ދެކެ، ބުނި އެކަން ޝުޖާއަށް ނާންގާށޭ ވެސް، އެކަމަކު އެންމެފަހުން ބުނަންތާ މިޖެހުނީ...'' ބަތޫލް ހާމަކުރިއެވެ. ''ޝުޖާއަށް ކަމުދޭތަ ޖަނާ؟...''

ބަތޫލްގެ ސުވާލާ މެދު ޝުޖާއުއަށް ވިސްނާލެވުނެވެ. ޖަނާއަކީ ބަލާލަން ނުހަނު ރީތި ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. ހިތްހެޔޮ އޯގާތެރި ކުއްޖެއްގެ އިތުރުން ދީންވެރި ވެސް މެއެވެ. ހަޔާތުގެ ބައިވެރިޔަކަށް އެދެވޭނެ ސިފަތަކެއް ލިބިފައި ވާ ކުއްޖެކެވެ. އޭނަ ދެކެ ލޯބި ވެސް ވެއެވެ. އެހެނަސް ސުވާލަކީ އޭނައަށް ޖަނާ ދެކެ ލޯބިވެވިދާނެ ހެއްޔެވެ؟ އެއާއެކު ޝުޖާއުއަށް ވިސްނާލެވުނެވެ. އޭނަ ވެސް ކުރިއަށް ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ. މާޒީގައި ހިފަހައްޓައިގެން ނުހުރެވޭނެއެވެ. އެހަނދާންތައް ހަނދާނުން ފޮހެލަން ޖެހޭނެއެވެ. އޭނައަށް އެކަމުގައި އެހީތެރިވެދޭނެ ބައިވެރިޔަކަށް ޖަނާ ވެދާނެއެވެ. އެކުގައި އުޅެން ފެށުމުން ލޯބި ވެސް ވެވިދާނެއެވެ. އޭނަ ޖެހޭނީ މަސައްކަތްކުރާށެވެ.

ވިސްނުމެއްގައި ވަނިކޮށް އަނެއްކާ ވެސް ބަތޫލް އޭނަ ކުރިން ކުރި ސުވާލު ތަކުރާރުކޮށްލުމާއެކު ޝުޖާއު އެއަށް ޖަވާބު ދިނެވެ.

''ކަމުދާ ސިފަތަކެއް ލިބިފައިވޭ، ދެން ޓްރައިކުރީމަ އެނގޭނެ ދޯ؟...'' ޝުޖާއު ހިނިތުންވުމަކާއެކު ބުނެލިއެވެ. އެޖަވާބާއެކު ބަތޫލްގެ ތުންފަތުގައި ފުން ހިނިތުންވުމެއް ދުވެލި އެވެ.

''ޖަނާއަށް ތި ޖަވާބު ލިބޭއިރަކުން ފެއިންޓްވެދާނެހެން ހީވަނީ...'' ޖޯޝުން ފުރުގެންވި އަޑަކުން ބަތޫލް ވާހަކަދެއްކި އެވެ.

''ބަތޫ އެއްވެސް އެއްޗެއް ނުބުނައްޗޭ... އަހަރެން އަމިއްލައަށް ބުނީމަދޯ ރަގަޅުވާނީ؟...'' ޝުޖާއު ވަގުތުން އޭނަގެ ޝަރުތާއި ބަތޫލް އެއްބަސް ކުރުވިއެވެ. އޭރު އޭނަގެ ހިތް ވެސް ނުތަނަވަސްވެފައި ވިއެވެ. ޖަނާއަށް އެވާހަކަތައް އަންގަދޭނެ ގޮތެއް ނޭގިގެންނެވެ.

*****

ހަފްލާ ނިމި ބަތޫލްއާއި އަޒްޔާނަށް އެކަނިވުމުގެ ފުރުސަތު ލިބުނު އިރު ބާރަ ވެސް ޖަހައިފިއެވެ. އޭރު ހުރިހާ މެހުމާނުންތައް ގޮސް ގޭތެރެ ހަމަހިމޭން ވެއްޖެއެވެ. އަޒްޔާނާއި އެކު ކޮޓަރީގައި އެކަނިވުމާއެކު ބަތޫލްގެ ހިތުގެ ތެޅުން އަވަސްވާންފެށީ އޭނަ ބިރުގަންނަވަރަށެވެ. މޭގައި ފިރުމާލަމުން ބަތޫލް ހިނގައިގަތީ އަޒްޔާން ކޮޓަރިއަށް ވެއްދި އޭނަގެ ފޮށިތަކާ ދިމާއަށެވެ. އެވަގުތު ބަތޫލް ފަސްއެނބުރި ކޮޓަރީގެ ދޮރުކައިރީ ޖިންސުގެ އަރިމަތީ ޖީބަށް އަތްޖަހާލައިގެން އޭނައަށް ބަލަން ހުރި އަޒްޔާނަށް އަވަސް ނަޒަރެއް ދިނެވެ. އަޒްޔާން ހިނިތުންވުމަކާއެކު ބަތޫލްއަށް ބަލަން ހުރެފައި ހިނގައިގަތީ އަލަމާރިކައިރީ ހުރި ފޮށިތަކާއި އަރާހަމަކުރި ބަތޫލްއާއި ދިމާއަށެވެ.

''ބަތޫގެ ހެދުންތައް ލެވޭވަރަށް ސްޕޭސް ހަދާފަ ހުންނާނީ...'' ފަހަތުން އައިސް ބަތޫލް ގާތަށް ހުއްޓުނު އަޒްޔާން ބުނެލިއެވެ. އެގާތްކަމުން މިފަހަރު ބަތޫލްގެ ނޭވާއާއި ލޭގެ ހިނގުން އަވަސް ވިއެވެ. އަޒްޔާން އިހުނަށްވުރެ ބޮޑަށް ގާތްވެލުމުން ހަށިގަނޑަށް ކަންރަންޓްގެ ބާނީތަކެއް އައިހެން ހީވި އެވެ. އެދެމެދުގައި ދަގަތްޕާނީ ބާރެއް އެކުލެވުނުހެން ވެސް ހީވި އެވެ.

''މިވަގުތުތަ ތިކަން ކުރަން ތިއުޅެނީ؟...''

ބަތޫލްގެ އިސްތަށިގަނޑުގައި ހަރުކުރެވިފައިވާ ދަތިތަކާ ކުޅެލަމުން އަޒްޔާން އަހާލިއެވެ. އޭނަގެ އަޑުގައި ތަފާތުކަމެއް ވިއެވެ. އޭރު ބަތޫލްގެ ކަނދުރާއަށް އަޒްޔާންގެ ހޫނު ނޭވާތައް އެޅެމުން ދިޔަ އެވެ. ބަތޫލްގެ ހަރަކާތްތައް ގަނޑުވެފައި ވިއިރު އަޒްޔާން ބަތޫލްގެ އިސްތަށިގަނޑުގައިވި ދަތި ނައްޓާލިއެވެ. އެއާއެކު އެފަށުވި އިސްތަށިގަނޑު ނިއުޅިގެން ގޮސް އުނަގަނޑާއި ހަމައަށް ދިޔަ އެވެ. އެމަންޒަރު ވެެގެން ދިޔައީ އަޒްޔާން ނުހަނު ގަޔާވި ކަމަކަށެވެ. އޭނަ ބަތޫލްގެ އިސްތަށިގަނޑުގައި ވަސްގަނެލަމުން ކަނދުރާގެ އެއްފަޅިއަށް އިސްތަށިިގަނޑު ގެންގޮސްދެމުން ފުރަގަހުން ބަތޫލްގެ ތުނި ހަށިގަނޑު ވަށާލީ ބަތޫލްގެ ކަނދުރާގައި ތުންފަތް ޖައްސާލަމުންނެވެ.

އަޒްޔާންގެ އަތުގެ ހަރަކާތްތަކާއި ފިރުމުންތައް ވަގުތާއެކު ގިނަވާން ފެށިއެވެ. އެއިން ކޮންމެ ފަހަރަކު އޭނަ ބަތޫލްއަށް ބޭނުންވެފައިވާ މިންވަރު ހާމަކޮށްދިނެވެ. ބަތޫލް ވެސް އެފަދަ ގާތްކަމަކަށް ބޭނުންވެފައި ވިއެވެ. ހިތުގެ ވިންދާއި ނޭވާތަކާއި ހަރަކާތްތައް ފުންވެ ޖިސްމުގައި އުފާންވާން ފެށި ޖަޒުބާތުތަކުގައި ހުޅުރޯވާން ގިނަ އިރެއް ނުނެގިއެވެ. ކެތްތެރިކަން ދެޒުވާނުންގެ ވެސް ނެތުނު ހިނދު އެދެމެދުގައިވާ ލޯބި އެކަކުއަނެކަކަށް އިހުސާސްކޮށްދިނުމާއިގެން ފީނައިގަތީ ލައްޒަތުގެ އާލަމަށެވެ. ލަދުވެތިކަމުގެ ފަރުދާތައް ކެހުނު ހިނދު ދެޖިސްމުގައި ރޯވި އަލިފާން ގަނޑު އަނދާހުލިވާން އެތައް އިރެއް ނެގިއެވެ. އޭރު ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމުގެ ތެރޭން އަވަސްވެފައިވި ނޭވާތަކުގެ އަޑު ނޫން އަޑެއް ނުއިވެއެވެ. ބަތޫލް އޭނަގެ ހަށިގަނޑު އަޒްޔާނަށް ވެދުންކުރީ ވާލޯބި ހާމަކޮށްދެމުނެވެ.

(ނުނިމޭ)

comment ކޮމެންޓް