ސަންޖޭ ދަތުގެ ބަޔޮޕިކް އަހަންނަށް ހައްގެއް ނޫން: ރަންބީރު

ސަންޖޭ އާއި ރަންބީރު --

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ރާޖްކުމާރު ޑައިރެކްޓުކޮށް އުފައްދާ ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށާއި ނަމަވެސް އެ ފިލްމު އޭނާ އަށް ހައްގު ނޫން ކަމަށް، އެ ފިލްމުގައި ސަންޖޭގެ ރޯލު އަދާކުރާ ރަންބީރު ކަޕޫރު ބުނެފި އެވެ.

ސްޓާ ޑަސްޓް އެވޯޑްސް އަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން ރަންބީރު ބުނެފައި ވަނީ އެއީ ވަރަށް އުނދަގޫ ފިލްމެއް ކަމަށާއި ނަމަވެސް ފިލްމުގައި މަސައްކަތް ކޮށްލަން ލިބުމުން ވަރަށް ހިތްހަމަ ޖެހިފައި ހުރި ކަމަށެވެ.

"އަންނަ މަހު އަހަރެން ޝޫޓިން ފަށާނަން. ވަރަށް އުނދަގޫ ފިލްމެއް މީ. ސަންޖޭ ދަތުގެ ރޯލު ކުޅުން އަދި ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީއާ އެކު މަސައްކަތް ކުރަން. އަހަރެން ގަބޫލެއް ނުކުރަން އަހަންނަށް މި ފިލްމު ހައްގު ކަމަށް. އެކަމަކު ފިލްމުގެ މަސައްކަތް ކޮށްލަން ލިބުމުން އުފާވޭ،" ރަންބީރު ބުނެފައިވެ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ މިދިޔަ ފެބްރުއަރީގަ އެވެ.

ސަންޖޭގެ ބަޔޮޕިކްގައި ފެނިގެންދާނީ އޭނާ މަޝްހޫރުވި ގޮތާއި ބޮމުގެ ހާދިސާ އާއި ގުޅިގެން އޭނާގެ ކެރިއަރަށް އައި ބަދަލާއި އަދި ޖަލުގައި ހޭދަކުރި ދުވަސްތަކެވެ.

ސަންޖޭ ވަނީ ޖަލުގައި ހުރި އަހަރުތަކުގައި ވެސް ބައެއް ފިލްމުތަކުގެ މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި 'އުންގްލީ'، 'ޕޮލިސްގިރީ' އަދި 'ޕީކޭ' ހިމެނެ އެވެ. ސަންޖޭ މިހާރު އަންނަނީ ޑައިރެކްޓަރު އޮމަންގް ކުމާރުގެ ކުރިއަށް އޮތް ފިލްމު 'ބޫމީ' އާއި އެކު ފިލްމީ ދާއިރާއާ އަލުން ގުޅުމަށް ތައްޔާރުވަމުންނެވެ.

ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމަށް ރަންބީރު ތައްޔާރު ވަމުން އަންނަ އިރު، ރަންބީރު އެކްޝަން ފިލްމުތައް ކުޅެން ޖެހޭ ކަމަށް ސަންޖޭ ވަނީ ބުނެފަ އެވެ.

ރަންބީރު އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ކަރަން ޖޯހަރުގެ 'އޭ ދިލް ހޭ މުޝްކިލް' އިންނެވެ. ރަންބީރު ދެން ފެނިގެން ދާނީ ކެޓްރީނާ ކައިފްއާ އެކު 'ޖައްގާ ޖާސޫސް' އިންނެވެ.

އަނޫރާގް ބާސޫ ޑައިރެކްޓުކޮށް، ޕްރިތަމް މިއުޒިކް ތައްޔާރު ކޮށްފައިވާ އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ.

comment ކޮމެންޓް