ދުނިޔޭގެ ސުލްހައަށް އެއްބައިވަންތަކަމާއެކު މަސައްކަތްކުރުން މުހިންމު: ދުންޔާ

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން، އދގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫންއާ އެކު --

ދުނިޔެއަށް ސުލްހަވެރިކަމާއި ތަރައްގީ ގެނައުމަށް ހުރިހާ ގައުމަކުންވެސް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ، ދުނިޔޭގެ އިންސާނީ އެއްބައިވަންތަކަމުގެ ދުވަހެވެ. މި ދުވަހަކީ 2005 ވަނަ އަހަރު، އދގެ އާންމު މަޖިލީހުގެ ގަރާރެއްގެ ދަށުން ފާހަގަކުރަން ފެށި ދުވަހެކެވެ. އެ ގަރާރުގެ ދަށުން އދއިން ވަނީ، 21 ވަނަ ގަރުނުގައި، އެކި މީހުންނާއި މުޖުތަމައުތަކުގައި ދިރިއުޅޭ އިންސާނުންގެ މެދުގައި ތަފާތުތައް ހުރި ނަމަވެސް، އެއްބައިވަންތަކަމަކީ އެންމެންގެ މެދުގައި ގާއިމުވެފައި އޮންނަންޖެހޭ އާލަމީ އަސާސެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އދއިން ގަބޫލުކުރަނީ، ދުނިޔޭގެ ޚާރިޖީ، އިގްތިސާދީ، އިޖްތިމާއީ ސަގާފީ އަދި އިންސާނީ މައްސަލަތައް ހައްލުކުރުމަށް އެޖަމިއްޔާއަށް މަގުފަހިވަނީ އެއްބައިވަންތަކަމުގެ ރޫހާ ގުޅިގެންނެވެ.

އިންސާނީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން "ސަން" އަށް ވިދާޅުވި ގޮތުގައި، ދުނިޔޭގައި ހުރި އެކި ކަހަލަ މައްސަލަތަކާ ގުޅޭ ހައްލުތައް ހޯދުމަށް އދގައި ހުރި ބައެއް ކަހަލަ ގޮންޖެހުންތަކާ ހުރެވެސް އުނދަގުލެވެ.

އެގޮތުން ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާއި، ދުނިޔެއިން ފަގީރުކަން ނައްތާލުމާއި ޓެރަރިޒަމް ނައްތާލުމަށް ގޮންޖެހުން ބޮޑުކަން ދުންޔާ ފާހަގަކުރެއްވިއެވެ.

"ޓެރަރިޒަމަށް ބަލައިފި ނަމަ ޖަރުމަނާއި ތުރުކީ ފަދަ ތަންތަނުގައި އާންމުންގެ ތެރޭގައި، އެންމެންނަށް އަމާޒުވާ ގޮތަށް ހަމަލާތައް ދެމުން މި ދަނީ. މިކަންކަން ހުއްޓުވޭނީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އެއްބާރުލުން ލިބި، އެއްބައިވަންތަކަމާ އެކު މަސައްކަތް ކޮށްގެން،" އިއްޔެ އެ ދެ ގައުމުގައި ހިނގި ދެ ހާދިސާއަކަށް އިޝާރާތް ކުރައްވަމުން ދުންޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، 2015 ވަނަ އަހަރު އދގެ އާންމު މަޖިލީހުން އެކުލަވާލި ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސް (އެސްޑީޖީ) ހާސިލުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަން ދުންޔާ ފާހަގަކުރެއްވިއެވެ.

"ރާއްޖެއަކީވެސް މެދުމިނުގެ އާމްދަނީ ލިބޭ ގައުމެއް، އެކަމަކު ފަގީރުކަން އެބަ އޮތް ކޮންމެވެސް ވަރަކަށް. އާންމުންނަށް ލިބޭ އާމްދަނީ އިތުރުކުރުން މުހިންމު. އަދި ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި ގާނޫނު އަސާސީގައި ލިބިދޭ އަސާސީ ހައްގުތައް ކަށަވަރު ކުރުމަށް ގައުމުގެ އެންމެ އިސް ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަންޖެހޭ،" ދުންޔާ ވިދާޅުވިއެވެ.

comment ކޮމެންޓް