"ހުރިހާ އެއްޗެއް އަންލިމިޓެޑް" ޕެކޭޖެއް އުރީދޫން ތައާރަފްކޮށްފި

އުރީދޫ އިން އަލަށް ތައާރަފް ކުރި ޕޯސްޓްޕެއިޑް ޕެކޭޖުތައް ތައާރަފު ކުރުމަށ ްބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ

އަންލިމިޓެޑް ކޯލް، އަންލިމިޓެޑް އެސްއެމްއެސް އަދި އަންލިމިޓެޑް ޑޭޓާ އެކުލެވިގެންވާ 'ޕްރިމިއަމް 1999' ޕެކޭޖް އާއެކު ކަސްޓަމަރުންނަށް ގިނަގުނަ ފައިދާ ތަކެއް އެކުލެވޭ އިތުރު ޕޯސްޓްޕެއިޑް ޕެކޭޖެއް އުރީދޫ މޯލްޑިވްސް އިން މިއަދު ތައާރަފު ކޮށްފި އެވެ.

އުރީދޫން މިއަދު ތައާރަފު ކޮށްފައި ވަނީ ޕޯސްޓްޕެއިޑް ޕްރިމިއަމް 1499 އާއި ޕޯސްޓްޕެއިޑް ޕްރިމިއަމް 1999 އެވެ.

ޕެކޭޖްތައް ތައާރަފު ކުރުމުގެ ގޮތުން މިއަދު އުރީދޫ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒް ވިދާޅުވީ، މިއަދު ތައާރަފުކުރެވިގެން ދިޔަ ޕެކޭޖް ތަކަކީ ވަރަށް ގިނަ ކަސްޓަމަރުން އެދިއެދި ތިބި ކަމެއް ފުރިހަމަވުން ކަމަށެވެ.

މިއަދު ތައާރަފު ކުރި ދެ ޕެކޭޖަކީ ވިޔަފާރީގެ ބައިވެރިންނާއި މުވައްޒަފުން އަދި ކަސްޓަމަރުންނާއި އަބަދު މުއާމަލާތު ކުރަން ޖެހޭ ޕްރޮފެޝަނަލް މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް އެކަށޭނަ ޕެކޭޖުތަކެއް ކަމަށް އުރީދޫން މައުލޫމާތު ދެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ހެޑް އޮފް ވޮއިސް ޕްރޮޑަކްޓްސް، އަރުޝަދު ޝާކިރު ވިދާޅުވީ އުރީދޫގެ އަމާޒަކީ ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ފައިދާތަކެއް ލިއްބައިދޭ ހިދުމަތްތަކެއް ފޯރުކޮށްދީ، ކަސްޓަމަރުންގެ އަމާޒުތަކާއި އުއްމީދުތައް ހާސިލު ކުރުމަށް މަގުފަހިކޮށްދީ ބާރުވެރި ކުރުވުން ކަމަށެވެ.

އުރީދޫ އިން އަލަށް ތައާރަފް ކުރި ޕޯސްޓްޕެއިޑް ޕެކޭޖުތައް ތައާރަފު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަރުޝަދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ

"އަޅުގަނޑުމެންގެ އާ ޕޯސްޓްޕެއިޑް ޕެކޭޖަކީ މެދު ނުކެނޑި ކޯލް، އެސްއެމްއެސް އަދި މޯބައިލް ޑޭޓާ ބޭނުންކުރައްވައިގެން މުވާސަލާތު ކުރައްވާ ކަސްޓަމަރުންނަށް ހާއްސަކޮށް ބައްޓަން ކުރެވިފައިވާ ޕެކޭޖުތަކެއް،" އަރުޝަދު ވިދާޅުވި އެވެ.

ޕްރިމިއަމް 1499 ގެ މަހު ފީ އަކީ 1499 ރުފިޔާ އެވެ. އެ ޕެކޭޖުގައި އުރީދޫ ނެޓްވޯކް ތެރޭ އަންލިމިޓެޑް ކޯލްސް، 5000 އެސްއެމްއެސް، ރާއްޖޭގެ އެހެނިހެން ނެޓްވޯކް ތަކަށް ގުޅާލުމަށް 2500 މިނެޓް އަދި 25 ޖީބީ ހިލޭ ޑޭޓާ ލިބިގެން ދާނެ އެވެ.

ޕްރިމިއަމް 1999 ގެ މަހު ފީ އަކީ 1999 ރުފިޔާ އެވެ. އެއީ "ހުރިހާ އެއްޗެއް އަންލިމިޓެޑް" ޕެކޭޖެކެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ނަންބަރަކަށް (އުރީދޫ އަދި އެހެނިހެން ނެޓްވޯކް ތަކަށް) އަންލިމިޓެޑް ކޯލްސް، އަންލިމިޓެޑް ޑޭޓާ، އަންލިމިޓެޑް އެސްއެމްއެސް ހިމެނެ އެވެ.

އަރުޝަދު ވިދާޅުވީ ދެ ޕެކޭޖަކީ ވެސް ރާއްޖޭގެ މުޖުތަމައު އަށް ވަރަށް މުހިންމު އަދި ގުޅޭ ދެ ޕެކޭޖު ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ފަހަރަށް ރާއްޖެއަށް މި ތައާރަފު ކުރަނީ ހުރިހާ އެއްޗެއް އަންލިމިޓެޑް ޕެކޭޖެއް. ވޮއިސް ވެސް، އެސްއެމްއެސް ވެސް އަދި ޑޭޓާ ވެސް،" ނިޔާޒު ވިދާޅުވި އެވެ.

އެ ދެ ޕެކޭޖާ އެކު ބޭނުން ފަސް ގައުމަކަށް 50 ޕަސެންޓު އައިޑީޑީ ޑިސްކައުންޓު ވެސް ލިބޭނެ އެވެ.

މިއަދު ތައާރަފު ކުރި ޕޯސްޓްޕެއިޑް ޕެކޭޖުތަކާ އެކު، ޕްރިޕެއިޑް ޕްލޭން ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން ޕޯސްޓްޕެއިޑަށް އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ވެސް އެކަށޭނަ ޕޯސްޓްޕެއިޑް ޕެކޭޖެއް ވެސް ވަނީ ތައާރަފު ކޮށްފައެވެ.

އަލަށް ތައާރަފު ކުރި ޕޯސްޓްޕެއިޑް 299 ގައި ލޯކަލް ނަންބަރު ތަކަށް ގުޅާލުމަށް 1500 މިނެޓު، 500 އެސްއެމްއެސް، އެއް ޖީބީ ހިލޭ ޑޭޓާ އަދި ހިލޭ ގުޅޭ އެއް ނަންބަރު އެކުލެވެ އެވެ.

އަދި ރާއްޖެ އިން ބޭރަށް ގުޅުމަށް އިޚްތިޔާރު ކުރާ އެއް ގައުމަކަށް 50 ޕަސެންޓު ޑިސްކައުންޓު ވެސް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

އޭގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ލިއްބައިދޭ އުރީދޫ ޑޭޓާ އެޑްއޯންސް، ލިވްއަންލިވިޓެޑް އެޑްއޯންސް، މެސަޖިންގ އެޑްއޯންސްގެ އިތުރުން އައިޑީޑީ އެޑްއޯންސް އެކްޓިވޭޓް ކޮށް ޕޯސްޓްޕެއިޑް ޕެކޭޖު ބޭނުންވާ ގޮތަކަށް ފަރުމާ ކުރެވޭނެ އެވެ.

comment ކޮމެންޓް