ހަކަތައިގެ ސިޔާސަތު ފޮތާއި މުޅި ރާއްޖޭގެ ކަރަންޓާ ގުޅޭ މައުލޫމާތު ހިމެނޭ ފޮތެއް ނެރެފި

މިއަދު ބޭއްވި ރަސްމިއްޔާތުގައި "ލޭންޑް އިލެކްޓްރިސިީ ޑޭޓާ ބުކް" ފޮތް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ނެރެދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ހަކަތައިގެ ސިޔާސަތާ ގުޅޭ ފޮތަކާއި މުޅި ރާއްޖޭގެ ކަރަންޓް ހިދުމަތާ ގުޅޭ މައުލޫމާތު ހިމެނޭ ފޮތެއް އެންވަޔަރަމަންޓް މިނިސްޓްރީން ނެރެފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ.

މިއަދު އިފްތިތާހު ކުރި ހަކަތައިގެ ސިޔާސަތު 2016 ނެރުމުގެ ކުރިން ރާއްޖޭގައި ހަކަތައިގެ ސިޔާސަތެއްގެ ގޮތުގައި މިއަދާ ހަމައަށް ފެންނަން އޮތީ 2010 ވަނަ އަހަރު އެކުލަވާލި ފޮތެވެ.

އެގޮތުން، ހަކަތައިގެ ސިޔާސަތުތައް ހިމެނޭ އާ ފޮތެއް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރެފައި މިވަނީ ސަރުކާރުގެ މެނިފެސްޓޯގައިވާ ލަނޑުދަނޑިތަކަށް ވާސިލުކުރުމަށް ފަސޭހަ ކުރުމަށާއި އދ.ގެ ދެމެހެއްޓެނިވި ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ހަތް ވަނަ ގޯލުގައިވާ ކަންކަން ހާސިލް ކުރެވޭނޭ ގޮތަށް ސިޔާސަތުތައް ބައްޓަން ވެފައި އޮތުމުގެ ބޭނުމުގައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިއަދު ނެރުނު ހަކަތައިގެ ސިޔާސަތު ބޮޑަށް ބިނާވެފައި އޮތީ ހެޔޮ އަގެއްގައި ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މައްޗަށެވެ. އެގޮތުން މުރާޖައު ކުރެވޭ ހަކަތައިގެ ސިޔާސަތުގައި މުހިއްމު ފަސްކަމެއް ވަނީ ފާހަގަކޮށްފަ އެވެ.

  1. ހަކަތައިގެ ދާއިރާގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް އިޖުރާއީ އޮނިގަނޑު ވަރުގަދަކުރުން
  2. ހަކަތަ ހެޔޮ ގޮތުގައި ބޭނުންކުރުމާއި ހަކަތައިގެ އިސްރާފު ކުޑަކުރުމަށް ބާރުއެޅުން
  3. އިޔާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީ ކުރިއެރުވުން
  4. ކަރަންޓް ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުން ޔަގީންކުރުން
  5. ގައުމުގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުން

އޭގެން ކޮންމެ ސިޔާސަތެއްގެ ދަށުން ސްޓެރަޖީތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.

މިއަދު ނެރުނު އަނެއް ފޮތަކީ "ލޭންޑް އިލެކްޓްރިސިީ ޑޭޓާ ބުކް"ގެ ނަމުގައި ރާއްޖޭގައި ކަރަންޓް އުފައްދާ ބޭނުންކުރާ މިންވަރާއި ކަރަންޓް އުފެއްދުމަށް ހޭދަވާ ކަރަންޓުގެ މިންވަރާ ބެހޭ ފޮތެކެވެ. މިއީ އެ މައުލޫމާތުތައް ހިމެނޭ ގޮތަށް ނެރުނު ދެވަނަ ފޮތެވެ.

އެ ފޮތް އެންމެ ފުރަތަމަ ނެރުނީ 2013 ވަނަ އަހަރު "މޯލްޑިވްސް އެނާޖީ އައުޓްލުކް ފޯ އިންހެބިޓެޑް އައިލެންޑްސް"ގެ ނަމުގަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިއަދު ނެރުނު ފޮތުގައި ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގެ ތެރެއިން ހޯދިފައިވާ ކުރިއެރުންތަކާއި ކޮށްފައިވާ ދިރާސާތަކުގެ މައުލޫމާތުގެ ހިމެނޭނޭ ކަމަށެވެ.

އެހެންކަމުން މިއީ ހަކަތައިގެ ދާއިރާއަށް އިންވެސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވެސް މުހިއްމު ފޮތެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ދެ ފޮތް ވެސް ނެރެދެއްވުމަށް ފަހު އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި ހަކަތަ ބޭނުންކުރާ މިންވަރު ފުރިހަމައަށް އެނގިގެންދާނެ ގޮތަށް ކުރިއަށް އޮތްތަނުގައި ރިސޯޓްތަކުގެ މައުލޫމާތުތައް ވެސް ހިމެނިގެންދާނެ ކަމަށެވެ.

comment ކޮމެންޓް