ސަފީރު އަވަހާރަކޮށްލި ހާދިސާގެ ފޮޓޯ ނެގީ މަރާލިޔަސް ހެޔޮ ކަމަށް: ފޮޓޯގްރާފަރު

ރަޝިއާގެ ސަފީރު އަންދްރޭ ކާލޯވް ވާހަކަ ދެއްކެވި އިރު ފުރަގަހުގައި އޭނާ މަރާލި މީހާ ހުރި މަންޒަރު ފެނިގެންދޭ -- ފޮޓޯ: އޭޕީ

"ދަތުރުވެރިންގެ ލޮލުން"ގެ ނަން ދީފައިވާ އެގްޒިބިޝަނަކަށް އިއްޔެ އަޅުގަނޑު ދިޔައީ އެއީ އަޅުގަނޑު އޮފީހުން ގެޔަށްދާ މަގުމަތީގައި ހުންނަ އާޓް ގެލެރީއަކަށް ވާތީ އެވެ.

ގެލެރީއަށް އާދެވުނު އިރު އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތު ފެށިއްޖެ އެވެ. ރަޝިއާގެ ސަފީރު އަންދްރޭ ކާލޯވް ވާހަކަ ދައްކަވަން ފެއްޓެވުމުން އޭނާގެ ފޮޓޯއެއް ނެގުމަށް އަޅުގަނޑު ގާތަށް ޖެހިލީމެވެ.

ރަޝިއާ ބަހުން ކާލޯވް ވާހަކަ ދައްކަވަމުން ގެންދެވީ މަޑުމަޑުންނެވެ. އޭނާގެ ބަސްތައް ތުރުކީ ބަހަށް ތަރުޖަމާ ކުރަން ވަގުތުކޮޅެއް ދެއްވަމުންނެވެ. އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި އޭނާ ވާހަކަ ދައްކަވަމުން ގެންދެވީ އަމިއްލަ ގައުމާ ބެހޭ ގޮތުންނެވެ. އަދި އެއީ ހާދަ މަޑުމައިތިރި ބޭފުޅެކޭ ހިތަށް އެރި ހަނދާން އަޅުގަނޑުވެ އެވެ.

ރަޝިއާގެ ސަފީރު މަރާލި މީހާ ސަފީރުގެ ހަށިކޮޅު ކައިރީ -- ފޮޓޯ: އޭޕީ

ކުއްލިއަކަށް އިވިގެން ދިޔައީ ބަޑީގެ އަޑުފައްގަނޑާއި ގެލެރީގައި ތިބި މީހުންގެ ހަޅޭކާއި ރުއިމުގެ އަޑެވެ. އަދި ސަފީރުގެ ހަށިކޮޅު އޮތީ ބިންމަތީގަ އެވެ.

ކަންތައްވީ ގޮތް އަޅުގަނޑަށް ވިސްނުނީ އިރުކޮޅަކުންނެވެ. އަޅުގަނޑުގެ ކުރިމަތީގައި މީހަކު މަރުވީ އެވެ. އަޅުގަނޑުގެ ކުރިމަތީގައި ފުރާނައެއް ގެއްލިގެން ދިޔައީ އެވެ.

އެވަގުތު ބަޑި ޖެހި މީހާ ދިޔައީ ގެލެރީގެ ކަނަކަށް ފުނިޖެހިފައިވާ މީހުންނަށް ބަޑިން އިޝާރާތްކޮށް ވާހަކަ ދައްކަމުންވެ. އޭނަ ދައްކަމުން ދިޔަ ވާހަކައިން އަޅުގަނޑަށް ހަމައެކަނި ނަގައިގަނެވުނީ "ﷲ އަކުބަރު" އެވެ. އަރަބިބަހުން އޭނާ ދެއްކި އިތުރު ވާހަކަތަކެއް ނޭނގެ އެވެ.

ރަޝިއާގެ ސަފީރު މަރާލި މީހާ ﷲ އަކުބަރު ކިޔަނީ -- ފޮޓޯ: އޭޕީ

ބަޑި ހިފައިގެން ހުރި މީހާ ވާހަކަ ދައްކަމުން ދިޔަ އިރު އޭނާ ހުރީ ނުތަނަވަސްވެފައި ކަން އެނގެ އެވެ. އޭނާ ދިޔައީ ސަފީރުގެ ހަށިކޮޅު ވަށާ ހިނގަމުންނެވެ. ފާރުގައި ހަރުކޮށްފައިވާ ފޮޓޯތަކަށް ވެސް ބައެއް ފަހަރު ހަމަލާ ދެ އެވެ. ނަމަވެސް އެވަގުތު ވެސް އޭނާ ހުރީ އަމިއްލަ ނަފްސު ކޮންޓްރޯލްކޮށްގެން ކަން ވެސް ހާމަވެ އެވެ.

އެތާތިބި އެހެން މީހުންނެކޭ އެއްފަދައިން އަޅުގަނޑު ވެސް ހުރީ ވަރަށް ބިރުންނެވެ. ނަމަވެސް އަޅުގަނޑު ނިންމީ އަޅުގަނޑުގެ ވަޒީފާ އަދާ ކުރާށެވެ. އަޅުގަނޑުގެ ހިތަށް އެރި އެވެ.

"އަޅުގަނޑު މިހިރީ މިތާ. އަޅުގަނޑުގެ ގަޔަށް ބަޑި ޖެހިއަސް، އަނިޔާވިއަސް، ނޫނީ މަރާލިއަސް އަޅުގަނޑަކީ ނޫސްވެރިއެއް. އަޅުގަނޑު އަޅުގަނޑުގެ މަސައްކަތް ކުރަން ޖެހޭނެ. އަޅުގަނޑަށް އެއްވެސް ފޮޓޯއެއް ނުނަގައި ފިލައިގެން ދެވިދާނެ. ނަމަވެސް ފޮޓޯ ނުނެގީ ކީއްވެހޭ ފަހުން މީހުން އެހުމުން ދޭނެ ޖަވާބެއް އަޅުގަނޑަކަށް ނޭނގެ،"

އަދި ހަނގުރާމައިގެ މައިދާނުގައި ފޮޓޯ ނަގަން އުޅެނިކޮށް މަރުވެފައިވާ އަޅުގަނޑުގެ އެކުވެރިންނާއި އަޅުގަނޑާ އެކު މަސައްކަތް ކުރި ފަރާތްތައް ވެސް އަޅުގަނޑުގެ ހަނދާނަށް އަ އެވެ.

ރަޝިއާގެ ސަފީރު މަރާލުމަށް ފަހު ބަޑި ހިފައިގެން ހުރި މީހާ -- ފޮޓޯ: އޭޕީ

ސަފީރު އަވާހަރަކޮށްލިތާ އިރުކޮޅެއް ފަހުން ގެލެރީގައި ތިބި އެންމެން ފަހަތަށް ޖެހުމަށް ބަޑި ހިފައިގެން ހުރި މީހާ ބުންޏެވެ. އަދި ގެލެރީގެ ސެކިއުރިޓީ ގާޑުން އެތަނުން އަޅުގަނޑުމެން ބޭރަށް ގެންދިޔަ އެވެ. އެއަށް ފަހު އެސަރަހައްދަށް ފުލުހުން އައިސް އޮޕަރޭޝަނެއް ފެށި އެވެ. ސަފީރު އަވަހާރަކޮށްލި މީހާ އެއޮޕަރޭޝަނުގައި މަރުވި އެވެ.

އެހާދިސާށް ފަހު އަޅުގަނޑު އޮފީހަށް ގޮސް ފޮޓޯތައް އެޑިޓް ކުރަން އުޅުމުގެ ތެރޭގައި ރަޝިއާގެ ސަފީރު ވާހަކަ ދައްކަވަން ފެއްޓެވި އިރު އޭނާގެ ފުރަގަހުގައި ކޯޓު ފަޓުލޫނު ލައިގެން ހުރި މީހަކު ފެންނަން ހުއްޓެވެ. ސަފީރުގެ އެކުވެރިއެއް ނުވަތަ ބޮޑީގާޑެއް ފަދައިންނެވެ.

ނޯޓް: މިއީ ރަޝިއާގެ ސަފީރު އަންދްރޭ ކާލޯވް އަވަހާރަކޮށްލި މަންޒަރު ފެނުނު އޭޕީ ފޮޓޯގްރާފަރު ބުރްހާން އޮޒްބިލިޗީ އެހާދިސާ ސިފަކޮށްދީފައިވާ ގޮތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް