މޮޅު ކުޅުންތެރިޔާގެ މަގާމު އަހަންނަށް ހައްގެއް ނޫން، އިންސާފްވެރިވާންޖެހޭ: ދަގަނޑޭ

ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އާއި ފޭދޫ ބައްދަލު ކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އަށް ހައްގު ނޫން ކަމަށާއި އެ އެވޯޑް ދިނުމުގައި އިންސާފްވެރިވުމަށް އޭނާ ގޮވާލައިފި އެވެ.

އަމިއްލަ ނޫހެއް ކަމަށްވާ "މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް" އާއި އެފްއޭއެމާ ގުޅިގެން މި ހަމަހުގެ 29 ވަނަ ދުވަހު ދިނުމަށް ތައްޔާރުވަމުންދާ 'މޯލްޑިވްސް ފުޓްބޯލް އެވޯޑްސް'ގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ދަގަނޑޭގެ އިތުރުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ޓީސީގެ ޝަމްވީލް ގާސިމް (ބޮންޑާ) އާއި އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން ކްލަބް އީގަލަސްގެ އިމްރާން ނަޝީދުއެވެ.

ދަގަނޑޭގެ އޭނާގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި މިރޭ ޕޯސްޓް ކުރި ލިޔުމެއްގައި ބުނެފައި ވަނީ މިދިޔަ ސީޒަނުގައި އޭނާގެ ފަރާތުން ފެނުނު ކުޅުމާއެކު މޮޅުކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާނެ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެވޯޑް ދިނުމުގައި އިންސާފުވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މެލޭޝިޔާގެ ސުޕަ ލީގުގައި ޕީޑީއާރުއެމަށް ކުޅުމަށްފަހު އަނިޔާގެ ސަބަބުން އެ ޓީމް ދޫކޮށް ދަގަނޑޭ މާޒިޔާއާ ގުޅުނީ މިއަހަރުގެ ޖުލައި 13 ވަނަ ދުވަހުގެ އެވެ. އަނިޔާގެ ސަބަބުން މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް މާޒިޔާއިން އުރީދީ ދިިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގައި ދަގަނޑޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މިއަހަރު މުޅިން އަލަށް ދޭން ފަށާ މޯލްޑިވްސް ފުޓްބޯޅަ އެވޯޑްގައި މޮޅު ކުޅުންތެރިޔާގެ އިތުރުން ދެން ދޭން ނިންމާފައި ވަނީ އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑް އާއި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔަކަށްދޭ ރަން ބޫޓެވެ.

comment ކޮމެންޓް