ޕާކިސްތާން ފަންނާނުން ބޮލީވުޑުގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނަން: އެމްއެސްއެން

ބޮލީވުޑުގައި މަސައްކަތް ކުރާ ޕާކިސްތާނުގެ ދެ އެކްޓަރުން ކަމުގައިވާ މާހިރާ ޚާން (ކ) އަދި ފަވާދު ޚާން (ވ): ބޮލީވޑުގައި ޕާކިސްތާން ފަންނާނުން މަސައްކަތް ކުރުން ވަނީ ވަގުތީ ގޮތުން މަނާކޮށްފައި --

ޕާކިސްތާނުގައި ބޮލީވުޑް ފިލްމު ދެއްކުމުގެ ހުއްދަ ދިން ނަމަވެސް، ބޮލީވުޑްގައި ޕާކިސްތާން ފަންނާނުން މަސައްކަތް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް މަހާރާޝްތުރަ ސިރިސޭނާ ޕާޓީ އިން ބުނެފި އެވެ.

ކަޝްމީރުގައި މިދިޔަ ސެޕްޓެމްބަރު މަހު ދިން ހަމަލާތަކެއްގައި އިންޑިއާ ސިފައިންގެ 18 މީހަކު މަރާލި މައްސަލައިގައި، ޕާކިސްތާނު ފަންނާނުން ވަނީ އިންޑިއާ އިން ބޭރު ކޮށްފައެވެ. އަދި ޕާކިސްތާނު ފަންނާނުން ބޮލީވުޑްގައި މަސައްކަތް ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

އެ ނިންމުމާ އެކު ޕާކިސްތާން އިން ވެސް ވަނީ އެ ގައުމުގައި ބޮލީވުޑްގެ ފިލްމުތައް ނުދައްކަން ނިންމައިފައެވެ. ނަމަވެސް މާލީ ގޮތުން ބޮޑެތި ދަތި ތަކެއް ކުރިމަތި ވުމުން، ޕާކިސްތާނުގެ ބޮޑެތި ސިނަމާ ތަކުން މިހާރު ވަނީ އަކުން ބޮލީވުޑް ފިލްމުތައް ދެއްކުމުގެ ހުއްދަ ދީފައެވެ.

ނަމަވެސް، ޕާކިސްތާނުން އިންޑިއާއަށް ހަމަލާ ދިނުން ހުއްޓާ ނުލާހާ ހިނދަކު، ޕާކިސްތާނު ފަންނާނުންނަށް ބޮލީވުޑުގައި މަސައްކަތް ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އެމްއެސްއެން އިން މިއަދު ވަނީ ބުނެފައެވެ.

ބޮލީވުޑުގައި ޕާކިސްތާނުގެ އެކްޓަރުންނާއި ލަވަކިޔުންތެރިންގެ އިތުރުން ޓެކްނީޝަނުން މަސައްކަތް ކުރުން ވަގުތީ ގޮތުން މަނާކުރުމާ ގުޅިގެން، އެކަމާ ދެކޮޅަށް ވާހަކަ ދައްކާފައި ވަނީ ވެސް ބޮލީވުޑްގެ މަދު ފަންނާނުންނެވެ.

ަނަމަވެސް ޕާކިސްތާނުގައި އަލުން ބޮލީވުޑް ފިލްމުތައް ދައްކަން ނިންމުމުން، ބޮލީވުޑުން ވަނީ އެކަމަށް މަރުހަބާ ކިޔައިފައެވެ.

comment ކޮމެންޓް