ފަޒީލްގެ އެތެރެހަށްޓާއި މައިބަދައަށް ވަނީ ގެއްލުންތަކެއް ލިބިފައި: އައިޖީއެމްއެޗް

އައިޖީއެމްއެޗް ---

ށ. ފީވަކުން ފުރައިގެން ފޯކައިދޫއަށް ދަތުރުކުރި ޑިންގީއެއްގައި ހަރުކޮށްފައި އިން އައުޓްބޯޑު އިންޖީނެއް ގޮވައި، ބަނޑު ކަފައިގެން ދިޔަ ފީވަކު، އޯކިޑުމާގޭ، އަބްދުﷲ ފަޒީލްގެ އެތެރެ ހަށްޓަށާއި، މައިބަދައަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމްް 'ސަން' އަށް މިއަދު ވިދާޅުވީ ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަޒީލުގެ ސާޖަރީއެއް ހަދާފައިވާ ކަމަށާއި، އެ ސާޖަރީއަށް ފަހު ފަޒީލްގެ ހާލު ސްޓޭބަލް ކަމަށެވެ.

މައުސޫމް ވިދާޅުވީ ފަޒީލް އޮތީ ހޭނައްތާފައި އައިސީޔޫގައި ކަމަށާއި، ހާލާމެދު ވަކި އެއްޗެއް ބުނަން އަދި އުނދަގޫ ކަމަށެވެ.

"އޭނާ އޮތީ އައިސީޔޫގަ ހޭނައްތާފައި. ހާލު ގޯހެކޭ ނުވަތަ ރަނގަޅެކޭ ވެސް ނުދެންނެވޭނެ. މޮނިޓާ ކުރަމުން ދަނީ މިހާރު. ދެދުވަހެއް ފަހުން ހާލާ މެދު ވަކި އެއްޗެއް ދެންނެވޭނީ،" މައުސޫމް ވިދާޅުވި އެވެ.

ފަޒީލްގެ ބަނޑު ކަފައިގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހު ޑިންގީއެއްގައި ދަތުރު ކުރަމުން ދަނިކޮށް އިންޖީނު ގޮވައި، އޭގެ ފްލައިވީލް ނައްޓައިގެން ގޮސް އޭނާގެ ބަނޑުގައި ޖެހިގެންނެވެ.

comment ކޮމެންޓް