އެމްޑީޕީގެ އެތެރޭގެ މައްސަލަތަކުގައި އަލްހާނަށް ދައުވާ ނުކުރެވޭނެ ކަމަށް ނިންމައިފި

ސަންޓީވީގެ "50 މިނިްޓް" ޕްރޮގްރާމުގައި އަލްހާން ވާހަކަފުޅު ދައްކަވަނީ --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

އަލްހާން ފަހުމީއަކީ އެމްޑީޕީން ވަކިކޮށްފައިވާ މެމްބަރެއް ކަމަށާއި އެހެންކަމުން އެ ޕާޓީގެ އެތެރޭގެ މައްސަލަތަކާ ގުޅިގެން ދައުވާ ކުރުމުގެ ހައިސިއްޔަތު އަލްހާނަށް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީއަށް މެމްބަރަކު އިންތިހާބު ކުރުރާ ކަމަށް ބުނެ އަލްހާން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.

މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އެމްޑީޕީ އިން ކޯޓުގައި ބުނެފައި ވަނީ އަލްހާންއަކީ ޕާޓީގެ މެމްބަރެއް ނޫން ކަމަށާއި އެހެންކަމުން އެދައުވާ އަލްހާނަށް ނުކުރެވޭނެ ކަމަށެވެ.

ޝަރީއަތުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މިދިޔަ މަހު 28ގައި އަލްހާން ޕާޓީން ވަކިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ސިޓީން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން އެމްޑީޕީގެ ރައީސަކު އިންތިހާބުކުރުމުގެ މައްސަލައާ ގުޅޭ ގޮތުން ދައުވާ ކުރުމުގެ ހައިސިއްޔަތު އަލްހާނަށް ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް