އާ ސީޕްލޭން ޓާމިނަލް އެޅުމަށް އަންނަ މަހު ބިން ހިއްކަން ފަށަނީ

20 އޮކްޓޯބަރ 2016: ބައިނަލް އަގުވާމީ އެއާ ޓުރަފިކް ކޮންޓްރޯލާދުވަސް ފާހަގަ ކުރުމަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ: މުހައްމަދު އަފްރާހް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް އަޅާ ސީޕްލޭން ޓާމިނަލް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވެއްޖެއެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ކުރުމަށް އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)އިން 50 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތަށް ފަހު މީޑިއާއަށް މައުލޫމަތު ދެއްވަމުން، އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓުގެ އާ ރަންވޭ އެޅުމަށް ބިން ހިއްކުމުގެ މަސައްކަތުގެ ވަރަށް ބޮޑު ބައި ނިންމާފައިވާ ކަމަށެވެ.

އެއާޕޯޓުގައި ދެ ވަނަ ރަންވޭއެއް އެޅުމުގެ މަސައްކަތް ކުރާ އިރު، އެ ރަންވޭ އާއި މިހާރުގެ ސީޕްލޭން ޓާމިނަލްއާ މާ ގާތް ވާތީ، ސީޕްލޭން ޓާމިނަލް އެހެން ދިމާލަކަށް ބަދަލުކުރަން ޖެހެ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހު ހަފްތާގައި އާދިލް ވިދާޅުވީ، އެ ހަފްތާ ތެރޭގައި، ސީޕްލޭން ޓާމިނަލް ހިއްކުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށެވެ.

އާދިލް މިއަދު ވިދާޅުވީ، އާ ސީޕްލޭން ޓަމިނަލް އެޅުމަށް އަންނަ މަހު ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ސީޕްލޭން ޓާމިނަލް އެޅުމަށް ހަމަޖެހިފައި ވަނީ، މިހާރު ބޭނުންކުރާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާ ދިމާލުން ބިން ހިއްކައިގެންނެވެ.

މީގެ އިތުރުން އާދިލް ވިދާޅުވީ، އާ ރަންވޭ އެޅުމަށްޓަކައި މަސައްކަތް ދަނީ ޕްލޭނާ އެއްވަރަށް ކަމަށެވެ.

"އެހެން ހިއްކުންތަކާ ތަފާތަށް މި ދަނީ. ދެ ފަހަރު ކޮމްޕެކްޝަން ހެދުން ކަހަލަ ކަންކަން ކުރަންޖެހޭ. މިކަން ކުރުމުގެ ޕްލޭނާ އެއްގޮތަށް ގޮސް، ވަރަށް ބޮޑު ބައެއް މިހާރު ވަނީ ހިއްކިފައި. އިރާދަކުރެއްވިއްޔާ 2018 ނިމޭ އިރަށް ރަންވޭ ނިންމާލުމަކީ، އެންމެ ބޮޑު އަމާޒު،" އާދިލް ވިދާޅުވިއެވެ.

އާދިލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ޕެސެންޖާ ޓާމިނަލްގައި ހުންނަ ކަހަލަ އެޑްވާންސްޑް އިކުއިޕްމެންޓްތައް ސީޕްލޭން ޓާމިނަލަށް ބޭނުން ނުވާތީ، ސީޕްލޭން ޓާމިނަލާއި އެތަނާ ގުޅުން ހުރި އެހެން އިމާރާތްތައް، އެހެން ދިމާލަކަށް ބަދަލުކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ނެޓްވޯކު އޮންނަނީ ދިވެހިރާއްޖޭގަ އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮންނަނީ ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގައެވެ. ޓީއެމްއޭގެ ފްލައިޓުތަކުގެ ބޭސްއަކީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓެވެ. މީގެ އިތުރުން ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ބޭސްއަކީ ވެސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓެވެ.

comment ކޮމެންޓް