ފަޒީލްގެ ބަނޑު ވަނީ ކަފައިގެން ގޮސްފައި، އިތުރު ފަރުވާއަށް މާލެ ގެންނަނީ

ށ. ފީވައް ---

ށ. ފީވަކުން ފުރައިގެން ފޯކައިދޫއަށް ދަތުރުކުރި ޑިންގީއެއްގައި ހަރުކޮށްފައި އިން އައުޓްބޯޑު އިންޖީނެއް ގޮވައި، ބަނޑު ކަފައިގެން ދިޔަ މީހާގެ ހާލު ސީރިއަސް ކަމަށާއި، އިތުރު ފަރުވާ އަށް އޭނާ މާލެ ފޮނުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

އިއްޔެ ހިނގި އެ ހާދިސާގައި ބަނޑު ކަފައިގެން ގޮސް ބޮޑު ޒަޚަމްތަކެއް ލިބިފައި ވަނީ ފީވަކު އޯކިޑުމާގޭ، އަބްދުﷲ ފަޒީލް، 32 އަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރު އިބްރާހިމް ވަހީދު މިއަދު 'ސަން' އަށް ވިދާޅުވީ ޑޮކްޓަރުންގެ ރިޕޯޓު އަދި ލިބިފައި ނުވާތީ ފަޒީލް އަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އަދި ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި، ބަނޑު އެކީގައި ކަފައިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަނޑުގައި މި އިންނަ މަޑު ބައި ހަމަ އެކީގައި ކަފައިގެން ގޮސް ވަނީ. ވަރަށް ހާލު ސީރިއަސް. މިހާރު މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

މަތިން ފަޒީލް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އޭނާ އަށް އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

comment ކޮމެންޓް