ޕާކިސްތާނުގައި ބޮލީވުޑް ފިލްމު ދެއްކުން މަނާކުރި ކުރުން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ސިނަމާ އެއް: އެ ގައުމުގައި ބޮލީވުޑް ފިލްމު ދެއްކުން މަނާކުރި ކުރުން މިހާރު ވަނީ ނިމުމަކަށް ގެނެސްފައި، މާދަމާ އިން ފެށިގެން ސިނަމާތަކުގައި ބޮލީވުޑް ފިލްމު ދެއްކުން އަލުން ފަށާނެ ކަމަށް ހަބަރުތައް ބުނޭ --

ބޮލީވުޑްގެ ފިލްމުތައް ޕާކިސްތާނުގައި ނުދެއްކުމަށް އެ ގައުމުގެ ބޮޑެތި ސިނަމާތަކުން ނިންމާފައި ވީނަމަވެސް، މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުމާއެކު، އަލުން ބޮލީވުޑްގެ ފިލްމުތައް ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

ބޮލީވުޑް ފިލްމުތައް ޕާކިސްތާނުގައި ދެއްކުން މަނާކުރީ މިދިޔަ ސެޕްޓެމްބަރު މަހު ކަޝްމީރުގައި ދިން ހަމަލާތަކެއްގައި އިންޑިއާ ސިފައިންގެ 18 މީހަކު މަރުވުމާ ގުޅިގެން، ޕާކިސްތާނު ފަންނާނުންނަށް ބޮލީވުޑް ފިލްމުތަކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކަނޑައަޅައި އެމީހުން އިންޑިއާ އިން ބޭރު ކުރުމުންނެވެ.

އެ މައްސަލައިގައި ޕާކިސްތާނުގެ ލާހޯރު، ކަރާޗީ އަދި އިސްލާމްއާބާދުގެ ބޮޑެތި ސިނަމާތަކުން ވަނީ ޕާކިސްތާނު ސަރުކާރާ އެއްކޮޅަށް ތިބިކަން ހާމަކުރުމުގެ ގޮތުން ބޮލީވުޑް ފިލްމުތައް ނުދައްކަން އެއްބަސްވެފައެވެ.

ބޮލީވުޑް ފިލްމުތަކަށް ޕާކިސްތާނުގައި ބޮޑު ތަރުހީބެއް އޮންނަ އިރު އެ ނިންމުމުގެ ސަބަބުން ސިނަމާ ހިންގާ ފަރާތްތަކަށް މާލީ ގޮތުން ފޫނުބެއްދޭ ވަރުގެ ގެއްލުން ވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަދި ބޮލީވުޑް ފިލްމުތައް ޕާކިސްތާނުގައި ނުދައްކަން ނިންމުމާ ގުޅިގެން ކަޝްމީރުގައި ވެސް ވަނީ ހަމަނުޖެހުން ހިންގައިފައެވެ.

އެހެންކަމުން މާދަމައިން ފެށިގެން ޕާކިސްތާނުގެ ސިނަމާ ތަކުގައި ބޮލީވުޑް ފިލްމު ދައްކަން ސިނަމާތަކުން މިހާރު ވަނީ ނިންމައިފައެވެ.

ކަޝްމީރު މައްސަލައިގައި 1965 ވަނަ އަހަރު ވެސް ވަނީ ބޮލީވުޑްގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުން މަނާކޮށްފައެވެ. އެ ނިންމުން އުވާލައި ޕާކިސްތާނުގައި ބޮލީވުޑް ފިލްމުތައް ދައްކަން ފެށީ 2008 ވަނަ އަހަރު އެވެ.

comment ކޮމެންޓް