ރެނާޓަސް "އިތާ މުތް" އެޕާޓްމެންޓްތައް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރެނާޓަސް އިން ހުޅުމާލޭގައި އަޅާ "އިތާ މުތް" އެޕާޓްމެންޓު މަޝްރޫއު އިފްތިތާހު ކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ހަރަކާތްތެރިވާ ކޮންސްޓްރަކްޝަން ކުންފުނި ރެނާޓަސްއިން "އިތާ މުތް"ގެ ނަމުގައި ހުޅުމާލޭގައި އަޅާ 72 އެޕާޓްމެންޓު ގަންނަން ބޭނުންވާ ފަރާތްތަކަށް، އެޕާޓްމެންޓްތައް ބުކިންގް ހެއްދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރެނާޓަސްއިން "އިތާ މުތް" އެޕާޓްމެންޓް މަޝްރޫއު އިފްތިތާހުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ރެނާޓަސް އިން މައުލޫމާތު ދޭ ގޮތުގައި "އިތާ މުތް"ގެ އެޕާޓްމެންޓްތަކަށް ބުކިންގް ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެގޮތުން، މިއަދާއި މާދަމާ އަދި އަންގާރަ ދުވަހު (ޑިސެމްބަރު 18، 19 އަދި 20) ވަނަ ދުވަހު، ހެނދުނު 9:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށް، މާލޭގައި ހުންނަ ބީހައިވް ހޮޓެލްއިން ބުކިންގް ހެދުމުގެ ކަންކަން ކުރިޔަށް ދާނެ އެވެ.

ރެނާޓަސްއިން ބުނީ، "އިތާ މުތް" އެޕާޓްމެންޓް އިމާރާތުގެ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރީން ލިބިފައިވާ އިރު، އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ދަނީ ބާރަށް ކުރިޔަށް ކަމަށެވެ.

އަދި "އިތާ މުތް"އިން އެޕާޓްމެންޓް ގަންނަ ފަރާތްތަކަށް، 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެޕާޓްމެންޓުގައި ދިރިއުޅެން ފެށޭ ވަރުވާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ރެނާޓަސް "އިތާ މުތް" އެޕާޓްމެންޓު މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ރެނާޓަސްގެ ޗެއާމަން އާރުޕީ ސެލްވަސުންދަރަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރެނާޓަސް އިތާ މުތް އެޕާޓްމެންޓްގައި، ޖުމްލަ 72 ފްލެޓު ހުންނާނެ އެވެ. އެއީ:

  • އެއް ކޮޓަރީގެ 12 އެޕާޓްމެންޓު
  • ދެ ކޮޓަރީގެ 12 އެޕާޓްމެންޓު
  • ދެ ކޮޓަރިއާއި މެއިޑް ރޫމެއް ހުންނަ 12 އެޕާޓްމެންޓު
  • ތިން ކޮޓަރިއާއި މެއިޑް ރޫމެއް ހުންނަ 32 އެޕާޓްމެންޓު
  • ތިން ކޮޓަރި ހުންނަ، ހަތަރު ޕެންޓްހައުސް އެޕާޓްމެންޓު

އަށް ބުރީގެ އިމާރާތެއްގައި ހަދާ ފްލެޓުތަކަކީ ޖާގަ ތަނަވަސް ފްލެޓުތަކަކަށް ވާނެ ކަމަށް ރެނާޓަސް އިން ބުނާ އިރު، އިމާރާތުގެ ކޮރިޑޯތައް ފަރުމާ ކޮށްފައި ވަނީ ގުދުރަތީ އައްޔާއި ވައި ދައުރު ކުރާނެ ފަދަ ގޮތަކަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން މި އިމާރާތުގައި ޖިމަކާއި، ސިނަމާ ހޯލެއްގެ އިތުރުން ކުޑަކުދިން ކުޅޭ ސަރަހައްދަކާއި ކާރާއި ސައިކަލު ޕާކު ކުރަން ޚާއްސަ ޕާކިންގް ސްޕޭސްތައް ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި މި އިމާރާތުގެ ގްރައުންޑް ފްލޯއާއި ފުރަތަމަ ފްލޯގައި ހުންނާނީ ހައި އެންޑް ޝޮޕިންގް ފެސިލިޓީތަކެކެވެ.

ރެނާޓަސް "އިތާ މުތް" އެޕާޓްމެންޓު ކޮމްޕްލެކްސް ގާއިމުކުރެވޭނީ ހުޅުމާލޭ ފެރީޓާމިނަލުން ފެށިގެން ދެ މިނެޓު ތެރޭގައި ހިނގާފައި ދެވޭ ހިސާބުގައި، ހުޅުމާލޭގެ ވޯޓާފްރަންޓުގައެވެ.

ރެނާޓަސް "އިތާ މުތް" އެޕާޓްމެންޓުތަކާ ބެހޭ އިތުރު މައުލޫމާތު، ރެނާޓަސްގެ ވެބްސައިޓުން ލިބެން އެބަހުއްޓެވެ.

ހުޅުމާލޭގައި ފްލެޓު އެޅުމަށް ރެނާޓަސްއާ ހަވާލުކުރީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ރެނާޓަސްއަކީ ދެކުނު އިންޑިއާގައި ފުޅާ ދާއިރާގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުން އަންނަ އާރުޕީޕީ ގްރޫޕުގެ ސަބްސިޑަރީއެކެވެ. ރެނާޓަސްއިން ރާއްޖޭގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ހިންގާ އިމާރާތާއި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މަރާމާތުގެ މަސައްކަތްތައް ފާހަގަ ކުރެވެއެވެ.

comment ކޮމެންޓް