Sun Online

ފޭސްބުކް މެދުވެރިކޮށް ފަތުރާ ދޮގު ހަބަރު ދެނެގަނެވޭނެ ގޮތް ހަދަނީ

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ ސޯޝަލް ނެޓްވޯކް، ފޭސްބުކް މެދުވެރިކޮށް ފަތުރާ ދޮގު ޚަބަރާއި މައުލޫމާތު ފާހަގަވާ ގޮތް ހެދުމަށް މުޅިން އާ ފީޗާޒްތަކެއް ޓެސްޓު ކުރަމުން އަންނަ ކަމަށް ފޭސްބުކުން ބުނެފި އެވެ.

ފޭސްބުކް އިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ދޮގު ޚަބަރާއި މައުލޫމާތު ފެތުރުން ހުއްޓުވުމަށް، ފޭސްބުކްގެ ބައެއް ފީޗާޒްތަކަށް ބައެއް ކަހަލަ ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ފޭސްބުކް މެދުވެރިކޮށް ފެތުރުނު ދޮގު ޚަބަރުތަކެއްގެ ސަބަބުން ނިމިގެން ދިޔަ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް އަސަރު ކޮށްފައިވާ ކަމަށް ބުނެ ފޭސްބުކަށް ބޮޑެތި ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ފޭސްބުކް އިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ތައާރަފު ކުރަން ނިންމާފައިވާ ފީޗަޒްތަކުގެ ސަބަބުން ދޮގު ޚަބަރުތައް ފާހަގަ ކުރުމުގެ ބާރު ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ. އަދި އެއީ ދޮގު ޚަބަރެއް ކަމަށް ފާހަގަކޮށްފައިވާ މީހުންގެ އަދަދު ވެސް ފެންނާނެ އެވެ.

އެގޮތުން ފޭސްބުކްގެ ރިޕޯޓިންގް ފީޗާ އަށް އެއީ ފޭކް ނުވަތަ ދޮގު ހަބަރެއް ކަން އަންގައިދޭ އޯޕްޝަނެއް އިތުރު ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއީ މިހާރު 'ސްޕޭމް' ނުވަތަ 'އެނޯއިންގް' ކޮންޓެންޓުގެ ގޮތުގައި އިންނަ އޯޕްޝަނެވެ.

ހަމަ އެއާއެކު "ޑިސްޕިއުޓެޑް" ސްޓޯރީޒްގެ ނަމުގައި ވެސް އިތުރު ލޭބަލްއެއް ހިމަނަން ވަނީ ނިންމައިފަ އެވެ. އެއީ ޚިޔާލު ތަފާތުވެފައިވާ ޚަބަރުތައް ފާހަގަ ކުރުމަށް ހިމަނާ ލޭބަލް އެކެވެ.

އެފަދަ ޚަބަރުތައް ތާޑް ޕާޓީ ފެކްޓް-ޗެކިންގް އޯގަނައިޒޭޝަން އަކުން ޗެކް ކުރާނެ އެވެ. ޗެކް ކުރުމަށް ފަހު އެއީ ދޮގު ޙަބަރަކަށް ވެއްޖެ ނަމަ، އެކަން ފާހަގަކޮށް އެ ޚަބަރު ދޮގު ޚަބަރަކަށްވީ ސަބަބު ބަޔާންކޮށްދޭ ލިންކެއް ޚަބަރުގެ ތިރީގައި ހިމަނާނެ ކަމަށް ފޭސްބުކްގެ ބަޔާނުގައިވެ އެވެ.

ހަމައެއާ އެކު ޚިޔާލު ތަފާތުވެފައިވާ ޚަބަރުތައް ވެސް ޝެއާ ކުރުމުގެ ކުރިން، އެއީ ދޮގު ޚަބަރަކަށް ވެދާނެ ކަމުގެ އިންޒާރު ފޭސްބުކް ބޭނުންކުރާ ފަރާތަށް ލިބޭނެ އެވެ.

ފޭސްބުކް އިން ބުނީ، މުސްތަގުބަލުގައި އިތުރު ފީޗާތައް ހިމެނުމަށް ކުރެވިދާނެ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.

ހަމައެއާ އެކު ނަން މަޝްހޫރު އަދި އިތުބާރު ކުރެވޭ ނޫސް މަޖައްލާތައް ނަކަލު ކޮށްގެން، ފޭސްބުކް ބޭނުން ކުރާ މީހުންނަށް އޮޅުވާލައިގެން ޚަބަރު ފަތުރާ މީހުންނަށް އަދަބު ދިނުމާ މެދު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފޭސްބުކް އިން ވަނީ ބުނެފަ އެވެ.

×
DB released.