ސޯނަމް ކަޕޫރު ކައިވެންޏަށް ތައްޔާރު ވަނީތަ؟

ސޯނަމް އާއި އާނަންދު އަހޫޖާ: ދެމީހުން ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނޭ ---

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު އަދި އިންޑިއާގެ ވިޔަފާރިވެރިޔާ އާނަންދު އަހޫޖާ، ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ދެމީހުން ގުޅިގެން އުޅޭކަން މީޑިއާ އަށް ތިލަވެފައި ވަނީ ވަރަށް ފަހުން އާންމުވި ފޮޓޯ އެއްގެ ސަބަބުންނެވެ. އޭގެ ކުރިން އެ ގުޅުން އޮތީ ވަރަށް ބޮޑަށް ސިއްރު ކޮށްފަ އެވެ.

ސޯނަމް އާއި އާނަންދު އެކުގައި ފެނިގެން ދިޔައީ ހޮލީވުޑްގެ ތަރި ވިލް ސްމިތު އަށް ހާއްސަކޮށް، މި އަހަރުގެ އޮގަސްޓު މަހު ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރު ބޭއްވި ޕާޓީގައި ނަގާފައިވާ ފޮޓޯ އަކުންނެވެ.

އޭގެ ފަހުން ސޯނަމްގެ އާއިލާ އިން ބޭއްވި ޕާޓީއެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް މީޑިއާގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. ސޯނަމްގެ ދައްތަ ރިއާ ކަޕޫރު އިންސްޓަގްރާމް ކުރި އެ ފޮޓޯގައި ސޯނަމް އަދި އާނަންދު ތިބީ އަތުގައި ވެސް ހިފައިގެންނެވެ.

އޭގެ ފަހުން ދެމީހުންނަށް މީޑިއާގެ ލޯ ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެންމެ ފަހުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ދެމީހުން މިހާރު އަންނަނީ ކައިވެންޏަށް ތައްޔާރުވަމުންނެވެ.

މުމްބާއި މިރާގައި ބުނެފައިވާ ގޮތުން، އަންނަ އަހަރު ކައިވެނި ކުރުމަށް ދެމީހުން އަންނަނީ ޕްލޭން ކުރަމުންނެވެ. އެ ނޫހަށް މައުލޫމާތު ދެމުން ސޯނަމް ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމާ ގުޅޭ މައުލޫމާތު ހޯދަން މަސައްކަތް ނުކުރުމަށް އެދިފަ އެވެ.

ސޯނަމް އަކީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ކަންކަމުގެ ވާހަކަ މާ ގިނައިން ދައްކާ ފަންނާނެއް ނޫނެވެ. ސޯނަމް ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާގެ މައުލޫމާތަކީ މީޑިއާ އަށް އަންގަން ޖެހޭ މައުލޫމާތެއް ނޫން ކަމަށް ބުނެފަ އެވެ.

ސޯނަމް ދެން އެންމެ އަވަހަށް ފެނިގެން ދާނީ އޭނާގެ ދައްތަ ރިއާ ކަޕޫރު ޑައިރެކްޓު ކުރާ 'ވީރޭ ދީ ވެޑިންގް' އިންނެވެ. އެ ފިލްމުގައި ސޯނަމްގެ އިތުރުން ކަރީނާ ކަޕޫރު ވެސް ފެނިގެން ދާނެ އެވެ.

comment ކޮމެންޓް